'ކްރިޝް4'އިން ޕްރިޔަންކާ ޗޯޕްރާ ފެނުމުގެ ފުރުސަތު ބޮޑު

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރިތިކް ރޯޝަންގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު ކަމަށްވާ "ކްރިޝް" ފްރެންޗައިސްގެ ހަތަރު ވަނަ ފިލްމުން ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބެލުންތެރިންގެ ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުން އަންނަ މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭ ފެށުމަށް ނިންމާފަ ވާއިރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފިލްމަށް ގެނައުމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށްވެސް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފިލްމު "ކްރިޝް"ގެ މަންޒަރެއްގައި ގާތްގަޑަކަށް މީގެ ދިހަ ވަރަކަށް އަހަރު ކުރިން ރިލީޒް ކުރެވުނު ފިލްމު "ކްރިޝް" އަކީ ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަން އުފައްދާ ޚުދު ރިތިކް ރޯޝަން ލީޑް ރޯލްއިން ފެނުނު ފިލްމެކެވެ. ބަތަލާ ޕްރިޔަންކާ ޗޯޕްރާ މުހިއްމު ރޯލްއެއް ކުޅެފައި ވަނީ 2006ވަނަ އަހަރު ރިލީޒްކުރި ފިލްމުގައެވެ. މި ފްރެންޗައިޒްގެ ހަތަރު ވަނަ ބާބު އުފައްދަން ނިންމާފައިވާކަން އިއުލާނުކޮށްފައި އޮތްނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ތަފާތު އެކި ސަބަބު ތަކާހެދި ފިލްމުގެ މަސައްކަތް ފެށުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ.

ދެހާސް ހަވަނަ އަހަރު ޕްރިޔަންކާ "ކްރިޝް"އިން ފެނިފައިވަނީ ރިތިކްގެ ލޯބިވެރިޔާގެ ރޯލް އިންނެވެ. މި ފިލްމުގެ ހަތަރުވަނަ ބަޔަށް ވެސް ބަތަލާއަށް ހުށަހަޅާފައި ވަނީ ރިތިކްގެ ހަޔާތުގެ ބައިވެރިޔާގެ ރޯލް ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ކްރިޝް"އަކީ އިންޑިއާއިން ބޭރު ޤައުމުތަކުގައި ވަރަށް ބޮޑު ބައި ޝޫޓް ކޮށްފައިވާ ފިލްމެއް ކަމުން ހަތަރު ވަނަ ބައިވެސް ކުޅެން ހަމަޖެހިފައި ވަނީ ބޮޑަށް އިންޑިއާއިން ބޭރު ޤައުމު ތަކުގައެވެ. އޭގެތެރޭގައި ސިންގަޕޫރު ވެސް ހިމެނެއެވެ. ބަތަލާ ޕްރިޔަންކާ ފިލްމަށް ގެންނަން ނިންމާފައިވާ ކަމުގެ ޚަބަރުތައް ފެންމަތިވެފައި މިވަނީ މި ދިޔަ ހަފުތާ ތެރޭގައި ބަތަލާ މުމްބާއިއަށް އައުމާ ގުޅިގެންނެވެ.

comment ކޮމެންޓް