ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވުމުންވެސް ރާއްޖެއިން ފުރައިގެން ނުގޮސް އާންމުންނަށް އުނދަގޫވާގޮތަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓި ޗައިނާ މީހާ އަދިވެސް ފުރުވާލެވިފައި ނުވާކަމަށް މިއަދު އިމިގްރޭޝަނުން ބުނެފިއެވެ.
މިކަމާ ގުޅިގެން މިއަދު އިމިގްރޭޝަނުން ބުނީ، އޭނާ ފުރުވާލުމުގެ މަސައްކަތް ކުރަނީ ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީއާ ވެސް ގުޅިގެން ކަމަށެވެ. އެހެންކަމުން ކުރަންޖެހޭ ބައެއް ކަންކަމަށް ވަގުތު ނެގުމުގެ ސަބަބުން އެ މީހާ ފުރުވާލުން ލަސްވަނީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި މަހުގެ 19 ވަނަ ދުވަހު ޓޫރިސްޓް ފުލުހުން އެ ބިދޭސީ މީހާ އިމިގްރޭޝަންއާ ހަވާލުކޮށްފައިވަނީ އޭނާ އެއާޕޯޓުގެ ވެއިޓިން އޭރިއާގައި ހުންނަ ގޮނޑިބަރީގައި ނިދާ، އެތަން ބޭނުން ކުރާ ފާރާތްތަކަށް އުނދަގުވާފަދަ ގޮތަކަށް އޭނާގެ އަމަލުތައް ހުރިކަން ފާހަގަ ކުރެވިގެންނެވެ.
އޭނާ ހަމަ އެ ދުވަހު އެނބުރި ގައުމަށް ދިއުމަށް ޗެކިންވެ، އިމިގްރޭޝަން ކްލިއަރެންސް ވެސް ނިމުނު ފަހުން، ފްލައިޓަށް އެރުމަށް ދެކޮޅުހަދާ، ފްލައިޓުން އޮފްލޯޑު ކޮށްފައިވާ ކަމަށް ވެސް މީގެ ކުރިން އިމިގްރޭޝަންއިން ބުންޏެވެ.
އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި އަންހެނުން ބެލެހެއްޓުމުގެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ، އިމިގްރޭޝަނުން އޭނާއަށް އެންގީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ފުރުމަށެވެ.
އެހެންނަމަވެސް މި ބިދޭސީ މީހާގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބިފައި ނުވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެހެންވެ ޗައިނާ އެމްބަސީގެ އެހީއާއެކު، އޭނާގެ އާއިލާއާ ގުޅިގެން އޭނާ ފުރުވާލުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މިނިސްޓްރީގައި އެދުނީ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިހާރު އޭނާ ފުރުވާލުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، އޭނާގެ އަމަލުތައް އާންމުންނަށް އުނދަގުވާގޮތަށް ހުރުމުގެ ސަބަބުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އޭނާ ފުރުވާލުމާ ހަމައަށް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި އޭނާ ބެހެއްޓުމަށް މިހާރު ވަނީ ނިންމާފައެވެ.
އެ މީހާ ޕޮލިސް ސްޓޭޝަންގައި ނިދާ އުޅޭ މައްސަލައެއްވެސް މި ފަހުން ފެންމަތިވިއެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.