ޔުއޭފާ ވިމެންސް ނޭޝަންސް ލީގު ގްރޫޕް އޭ ތްރީގައި ޑެންމާކާއި ވޭލްސް ބައްދަލުކުރި މެޗު ޑެންމާކުން ކާމިޔާބު ކޮށްފިއެވެ.
ޑެންމާކުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޑެންމާކުންނެވެ. މެޗުގައި ޑެންމާކުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޖަހައިދީ، އެ ޓީމަށް ލީޑު ނަގައިދިނީ ފޯވަޑް އެމެލީ ވާންސްގާޑްއެވެ. އަދި، މެޗުގެ 38 ވަަނަ މިނެޓްގައި ޑެންމާކްގެ ލީޑު ފުޅާކޮށް ދިނީ ސޯފީ ބްރެޑްގާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގައި ވޭލްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނެޓްގައި ޖަހައި ދިނީ ޖެސް ފިޝްލޮކްއެވެ. މިއާ އެކު މެޗުގެ ފަހު ފަނަރަ ވަރަކަށް މިނެޓްގެ ފޯރި އިތުރު ވެގެންދިޔައެވެ. އަދި، ވޭލްސްއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ޑެންމާކުން ވަނީ އިތުރު ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލައިފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ވޭލްސްގެ ކޯޗު ޖެމާ ގްރެއިންޖާ ހާމަކުރި ގޮތުގައި މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު ކުޅުމެއް ކަމަށާއި ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހުނު ކަމަށެވެ. މެޗުގައި ހަމައެކަނި ނުވި ކަމަކީ މެޗުގެ ނަތީޖާ ހަމަހަމަ ނުކުރެވުން ކަމަށް އޭނާ ބުންޏެވެ.
މި މޮޅާ އެކު ޑެންމާކް މިހާރު އުޅެނީ ގްރޫޕް އޭ ތްރީގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ލިބިފައިވާ 12 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި، ވޭލްސް އުޅެނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ. މި ގްރޫޕްގެ ދެވަނައިގައި ނުވަ ޕޮއިންޓާ އެކު އުޅެނީ ޖަރުމަނުވިލާތެވެ. އަދި، ތިންވަނައިގައި އުޅޭ އައިސްލަންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.