މަލުގެ ބަހުރުވަ: ލޯބި އެންމެ ލޯބީ ރަތް ކުލައިންތަ؟

ވިކްޓޯރިއަން ޒަމާނުގައި ބޭނުންކުރެވުނު ބައެއް މަލުގެ މާނަ ވާ ގަނޑެއް -- ޕިންޓްރެސްޓް

ދުނިޔޭގައި މާމެލާމެލީގެ ބަހުރަވައަށް ކިޔަނީ "ފްލޯރިއޯގްރަފީ"އެވެ. އަދި، މާމެލާމެލީގެ ތަފާތު މާނަތަށް އެކުލެވޭ ފުރަތަމަ ރަދީފެއް ހެދުނީ 1819 ވަނަ އަހަރުގައި ޕެރިހުގައެވެ. އެއީ، "ލެ ލެންގުއޭޖް ޑެ ފްލުއާ"އެވެ. އާނ އެކެވެ. މަލަކީ ބަހުރުވައެކެވެ. ވަރަށް ކުރީއްސުރެ ދުނިޔެ ދެކިފައިވާ ބަހުރުވައެކެވެ.

މީގެ ޒަމާންތަކެއް ކުރިން ވިކްޓޯރިއަން ޒަމާނުގައި މުއާސަލާތްކުރުމަށް މާމެލާމެލި ބޭނުން ކުރާކަން ފާހަގަވެގެން މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައީ، އޭރު ތުރުކީއަށް ކަނޑައަޅާފައި ހުރި އިނގިރޭސިވިލާތުގެ ސަފީރުގެ އަންހެނުން ލޭޑީ މޮންޓާގެވެ.

އޭނާގެ ރަހުމަތްތެރިންނަށް ލިޔުނު ސިޓީތަކުގައި، ތުރުކީގެ ސަގާފަތުގައި، އެ މީހުންގެ އިހުސާސްތަކާއި، އެކަކު އަނެކަކާއި މާމެލާމެލިން މުއާމަލާތް ކުރާ ގޮތުގެ ވާހަކަ ލިޔެފައި ފޮނުވައެވެ. މި ސިޓީތަކުން އެނގިފައިވާ ގޮތުގައި މީހަކު ދިއްކޮށްލާ މާ ބޮނޑިއެއްގައި ވާއަތުން ހިފުމަކީ ނުރުހުމާއި ގުޅިފައިވާ ހަރަކާތެކެވެ. ވާއަތުން ދިނުމަކީ ވެސް ނުރުހުމުގެ ހަރަކާތެކެވެ. މާތައް މައްޗަށް ހުންނަ ގޮތަށް ކަނާއަތުން ހިފުމާއި ދިނުމަކީ ރުހުންވެރިކަން ހާމަވާ ހަރަކާތެއް ކަމަށް ވެސް ވެއެވެ.

މާ ބޮޑު ވިސްނުމެއްނެތި ކައިވެނި ހަފުލާތަކުގައި މާ ބޮނޑި ހިފާގޮތާ މި ކަމާ ގުޅުމެއްވޭ ބާއެވެ؟ މީގެ އިތުރުން މާ ބޮނޑި އެކޮޅުކޮޅުން ދިނުމާއި ހިފުމަކީ ވެސް ނުރުހުމުގެ ހަރަކާތެކެވެ. (އިނގިރޭސިވިލާތުގެ ގިނަ މިއުޒިއަމްތަކާއި ގެލެރީތަކުގެ މައްޗަށް އެކުލެވިފައިވާ މިޔުޒިއަމް ސެލެކްޝަންގައި ބަޔާންކޮށްފައިވެއެވެ.)

ވެލެންޓިއިންސް ޑޭގައި މާ ފިހާރަތަކުން ރަތް ފިނިފެންމާ ހުސްވުމުގައި ވެސް މި ކަމުގެ އަސަރެއް އުޅެޔޭ ބުނުން މުޅިން ދޮގަކަށް ނުވާނެއެވެ. ލޯތްބަކީ ވެސް ބަހެއްތާއެވެ. އެންމެ ފުރަތަމަ ވިކްޓޯރިއަން ޒަމާނުގައި ބޭނުންކުރި މަލާއި ކުލަތަކުގެ މާނައަށް (އިނގިރޭސިވިލާތުގެ ގިނަ މިއުޒިއަމްތަކާއި ގެލެރީތަކުގެ މައްޗަށް އެކުލެވިފައިވާ މިޔުޒިއަމް ސެލެކްޝަންގައި ބަޔާންކޮށްފައި ވާގޮތަށް) ބަލައިލާނަމެވެ.

  • ކާނޭޝަން ރެޑް - އަހަރެން ހިތް އެދެނީ ކަލާއަށް
  • .ކާނޭޝަން ޔެލޯ - ޖަވާބަކީ ނޫނެކޭ
  • ޑެފޯޑިލް - ދެގޮތެއްނުވާ ފަދަ ލޯބި
  • ޑެންޑެލިއަން - ވަފާތެރިކަމާއި އުފާވެރިކަން
  • އައިރިސް - ތިބާގެ ރަހުމަތްތެރިކަން އަހަންނަށް ވަރަށް މުހިއްމު
  • މެރިގޯލްޑް - ހަސަދަވެރިކަން
  • ޕޮޕީ ރެޑް - އަރާމާއި އުފާ
  • ރޯޒް ޑާކް ޕިންކް - ޝުކުރުވެރިވުން

މާމެލާމެއްޔާއި ދިރިއުޅުން

މިސާލަކަށް އުފަލާއި ހިތްހަމަޖެހުމުގައި ވައިލެޓް ކުލައާ ގުޅުމެއް ވޭބާއެވެ؟ ގުދުރަތުގެ ހިތްގައިމުކަަމާއި ނޫކުލައާ ގުޅުވޭބާއެވެ؟ އިޝްގީ ލޯތްބަކީ ކޮން ކުލައެއްގެ މަލެއްބާއެވެ؟ ލޯބި އެންމެ ލޯބީ ރަތް ފިނިފެންމަލަކުން އެކަނި ހެއްޔެވެ؟

އެނދުމަތީގައި ހިތް ނުތަނަވަސްވެފައި އުއްޑުންއޮންނައިރު އެވާ އިހުސާސް ކަޅުކުލަހާ އަނދިރިއިރު، ބޮޑުދައިތާ އޭ ކިޔާ ގޮވާލުމުން ކުރެވެނީ ކޮން ކުލައެއްގެ އިހުސާސެއްބާއެވެ؟

ދުނިޔޭގެ އެކި ހޯދުންތަކާއި، މައި ލްއިފް އިން ބްލޮސޮމް ފަދަ ބްލޮގްތަކާއި މީސްމީޑިޔާގައި މީހުން ހާމަކޮށްފައި ހުރި ހިޔާލުތަކަށް ބަލާފަޔާއި އަދި މަތީގައި ބަޔާންކުރެވުނު ކަންކަމަށް ރިއާޔަތްކޮށްފައި ރާއްޖެއިން ފެންނަ މާމެލާމެލިން، މުއާސަލާތުކުރުމަށް ކުޑަވަރެއްގެ މަޒާޖީ ރަދީފެއް ހަދާލީމެވެ.

ރަތް ކުލައިގެ މާމެލާމެލި

ތިޔަ މަލުގެ ޝަރަފުގައި ހިތާއި ހަށިގަނޑު ވެދުން ކުރަނީއެވެ. މި ޖިސްމު، ތިޔަ ނާޒުކު މަލުގެ ކަރުގަނޑުގެ ޝަރާބަށް އެދެވެނީއެވެ. ތިޔައީ މަލެއް ފަދަ ނާޒުކު މުނިޔާއެކެވެ.

ލޯބި އޭގެ އެންމެ ފުންމިނުގައި ކިޔައިދޭން ބަސްތަކެއް ނުފުދެއެވެ. މިއީ މަގޭ ހިތުގެ އެދުމެވެ. ފިނިފެންމާ މި ދިއްކޮށްމިލަނީ ހާދަ ހިތްވަރަކާ އެއްކޮށެވެ. ހާދަހާ ލޯތްބެވެ. މި ލޯބި ގަބޫލު ނުކޮށްފިއްޔާ ގިނިކަންޔާ ނިމިދާނެއެވެ. ގިނި މާ ފެނުމުން ބިރުގަންނަނީ އެ ހަނދާންވެފައެވެ.

ފިޔާތޮށި ކުލައިގެ މާމެލާމެލި

ރަހްމަތްތެރިޔާއެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތުން ތިޔަ ހޯދީ ފުރިހަމަ ކާމިޔާބީއެކެވެ. އެތައް ރެޔެއް ވަންދެން، އެތައް އިރެއް ވަންދެން ހޭލާ އިނދެ ފިލާވަޅުތަށް ހެދުމަށް ހޭދަކުރި ވަގުތުގެ ފޮނިފޮނި ނަތީޖާ ފާހަގަ ކުރަމެވެ.

ފިޔާތޮށި ކުލައިގެ މި ލިލީމަލާއި ކަނީރާއި ނަރުގިސް އަދި ފިނިފެންމަލުން ބުނެލަން ބޭނުމީ، ތަހުނިޔާ އާއި މުބާރަކްބާދީއެވެ.

ވައިލެޓް ކުލައިގެ މާ

ރާއްޖެއަކީ ޖަޒީރާ ގައުމެކެވެ. ހިންދުމާ ކަނޑުގައި އުކައިލެވިފައިވާ މުތީތަކެކެވެ. ބިއްލޫރި ސާފު ދޮންވެލިގަނޑާއި، މަލަމަތި ޗާލޫ ރަށްތަކާއި، ފަންވަތުގެ ބީހިލުމާއި، ކޮކާ ހަނދުވަރު ތެރެއިން ފެންނަނީ ގުދުރަތުގެ ނިޔާއެވެ. މުޅި ރާއްޖެއަށް ނަންވާ މާލިމީ ބަނަފްސާ ފަދައިންނެވެ.

ރީނދޫ ކުލައިގެ މާ

ނުފެނުނަސް ހަމަ ހިތުގައި، ހަނދާންތައް ވެއެވެ. ބުނެދެން ނޭނގޭ ފަދަ ދުރު ކަމެއް އޮތަސް، ކުޑައިރު އެކުގައި އުޅުނު ހަނދާންތަކެއް ނުދެއެވެ. އަހަރުތަކަކަށް ފަހު ފެނުމުން ހާދަ އުފަލިއްޖެއެވެ. މި ޗަމްޕާޕޫލް މަލާއި ބޮކަރު މަލާއި ހިރުނދުމަލުން މި ރަހްމަތްތެރިކަން އަލުން ބަދަހި ކުރަމާހެއްޔެވެ.

އޮރެންޖު ކުލައިގެ މާމެލާމެލި

އެކުވެރިޔާއެވެ. މިއީ ތިބާގެ މިޒާޖުގެ ކުލައެވެެ. އުފާވެރި، އެކުވެރި، ހުރިހާ އެންމެން ވެސް ތިބާއާ އެކު ވަގުތު ހޭދަކުރަން ބޭނުން ވަނީ މި ސަބަބާ ހެދިއެވެ. ހުރިހާ ކަމެއްގައި ތިޔަ ގެންގުޅޭ "ވާނެ" ނަޒަރިއްޔާތަކީ ހާދަ ރީތި ސިފައެކެވެ. އަބަދު އާ ކަމެއްގައި މަސްއޫލުވެގެން އުޅޭއުޅުމުން ހާދަ އެއްޗެއް ދަސްވެއެވެ.

ސަނދުބަރަކަ އާއި ކާނި ފަދައިން ތި އިންނަނީ ވިދަވިދާ ބަބުޅައެވެ.

ދަނބު ކުލައިގެ މާމެލާމެލި

ތިޔަ އެކުވެރިޔާއާ ބައްދަލުވުމުން އަބަދު ވެސް ހަނދާން ވަނީ ރާނީއެއް މަތިންނެވެ. ތަހުތާއި، ހައިބަތާއި މާތްކަން ތިބާ ވަށައިގެން އިހުސާސްވެއެވެ. ނިކަން ލޫޅާފަތިކޮށް، ނިޔަނެތިކަމާ އެކު ވިހުރިލަނީ މަޑު ވައިރޯޅިއެއް ފަދައިންނެވެ.

ތަނބުރުމަލާއި އެނބުރޭމަލުގެ ކުލަ އަކީ ތިބާގެ މި ސިފަތަށް ރަމްޒުކޮށްދޭ ބައެއް މާތަކެވެ.

ހުދު ކުލައިގެ މާމެލާމެލި

މައުސޫމު ދަރިފުޅާއެވެ. ނުވަ މަހާއި 10 ދުވަސް ވަންދެން ހަށިގަނޑުގެ ދިޔަ ދިނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ހިފެހެއްޓުމެއްނެތި މަންމަގެ ހިތުގައި ދަރިފުޅަށް ވަނީ އިހުސާންތެރިކަމެވެ. މި މަންމަގެ ލޮލުގެ ނޫރަކީ ތިޔެވެ. ބޯކިރު ފޮދެއްހާ މައުސޫމު ދަރިފުޅާއެވެ. ގުދުރަތުގެ ހުދު ކުލަހާ ސާފު ހިތާއެވެ.

އުނިމަަލާއި ގުލްޗަމްޕާ، އަންޑާޕޫލާއި ޗާންދަނީމަލާއި، ގުލޭނޫރަންމަލާއި ކުދިމާ ފަދަ މައުސޫމު ދަރިފުޅާއެވެ. މަންމަ ހާދަ ލޯބިވެއެވެ.

ނޫ ކުލައިގެ މާމެލާމެލި

ހަމަޖެހުމާއި، ހަމަހިމޭންކަމަކީ އެކުވެރިޔާއަށް މިއަދު ބޭނުންވާ އުފާވެރިކަމެކެވެ. ތިބާގެ ހިތްހަމަޖެހުން ވަނީ ހަމައެކަނި ތިބާގެ އަތްމަތީގައެވެ. އެކަނި ވަގުތު ހޭދަކޮށްލަބަލާށެވެ. އެކުވެރިޔާ އަބަދު ވެސް ލޯބި ކުރާ ކަމެއް މަތިން ހަނދާންކޮށްލައި ދިނީމެވެ. އަހަރެންގެ ހަޔާތުގެ ކޮންމެ ކަމަކަށް ވެސް ތިބާއަށް ބަރޯސާވެވެއެވެ.

ނަން ރީތިމަލާއި ތިބާގެ ޒަމީރާ ވަނީ ގުޅިފައެވެ.

މޮނީކް އިވާންޗިޗް ޓެޑް ޓޯކްސް ގައި "ރަޓްގާސް ޔުނިވާސިޓީ"ގެ ހޯދުމަކަށް (ފްލާވާޒް ވިތް އިމޯޝަންސް) އިޝާރާތްކޮށް ބުނެފައިވަނީ، މި ހޯދުމުގެ ބައިވެރިންނަށް ދެވުނީ އުއްބައްތި، މޭވާ ބާސްކޭޓް އަދި މާ ބޮނޑިއެއް ކަމަށެވެ.

މާބޮނޑި ދެވުނު މީހުންގެ މޫނުމަތިންނާއި، ހަށިގަނޑުން ވަގުތުން އުފާވެރިކަމާއި ހިނިތުންވުން ފެނިގެންދިޔައެވެ. އަދި، މިޔާ އެއްކޮށް ނޭނގި ނަމަވެސް އެ މީހުން އުޅޭ ތަންތާ މި އިހުސާސްތަށް ދައްކުވައިދޭން ތަފާތު ކުލަތަކުގެ މާޓުކުރި ބަހައްޓާކަން ވެސް ވަނީ ދެނެގަނެވިފައެވެ.

މިއަދުގެ ބާޒާރުގައި މާތަކަށް ޑިމާންޑް އައިސްފައި އޮތް ގޮތާ ވެސް ހަމަ ރަނގަޅަށް ވެސް އިހުސާސްތައް މިއޮތީ ގުޅިފައިއެވެ.

ދިވެހި އަދަބިއްޔާތުގައި މަލަށް ދެވިފައިވާ ހާއްސަ ކަމަކީ ވެސް ދިވެހިން މުއާމަލާތް ކުރުމުގައި ވެސް މާމެލާމެލި ބޭނުންކުރާކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ހިތްހަމަޖައްސާލަން މަލެއް ގަނެލާ ހިއްވުމާއި، ބުނެދެން ނޭނގޭ އެތައް ވާހަކަތަކެއް ހިޔާރުކުރާ މަލާއި ކުލައިން ފަށުވިކޮށް އަންގައި ދެވިދާނެއެވެ. ލޯބި އެންމެ ލޯބީ ރަތް ކުލައިންކަން މުޢަސަލާތު ކުރެވިދާނެއެވެ.

comment ކޮމެންޓް