މެޓާގެ ބެލެނިވެރި ކަމުގެ ދަށުން ހިންގަމުންދާ މަޝްހޫރު މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕުން ގްރޫޕް ކޯލެއްގައި އެއްފަހަރާ 31 ބައިވެރިންނަށް ގުޅާލެވޭ ގޮތަށް ލިމިޓް އިތުރުކޮށްފިއެވެ.
ވަޓްސްއެޕުން އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް އަޕްޑޭޓެއް ތައާރަފުކޮށް، ގްރޫޕް ވޮއިސް އަދި ވީޑިއޯ ކޯލްތަކުގައި ބައިވެރިވެވޭނެ މީހުންގެ އަދަދު އިތުރުކޮށްފައިވީ ނަމަވެސް އެ އޮޕްޝަން ލިބޭނީ ވަޓްސްއެޕްގެ އެންމެ ފަހުގެ ވާޝަންއަށް އެ އެޕް އަޕްޑޭޓް ކޮށްލުމުންނެވެ.
އައިއޯއެސް (23.22.72)އަށް ވަޓްސްއެޕްގެ އެންމެ ފަހުގެ ވާޝަނާ އެކު، މިހާރު 31 ބައިވެރިންނާ އެކު ގްރޫޕް ކޯލް ކުރެވޭނެއެވެ. މިއީ ގްރޫޕް ކޯލްތަކަށް ކުރިން 15 މެންބަރުންގެ ލިމިޓަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ. އެންޑްރޮއިޑަށް މި އަޕްޑޭޓް ލިބޭނެ ދުވަހެއް އަދި ނޭންގެއެވެ.
ޓްރެކާ "ޑަބްލިއުއޭބީޓާއިންފޯ"އިން މި އަޕްޑޭޓާއި ބެހޭ ގޮތުން ބުނެފައިވަނީ މި އަޕްޑޭޓް ފީޗާ ލިބޭނީ ހަމައެކަނި އައިއޯއެސް އެޕް ބޭނުންކުރާ ފަރާތްތަކަށް ކަމަށެވެ. އަދި، އެ އަޕްޑޭޓްގައި 31 މީހުންގެ ގްރޫޕް ކޯލެއް އެއްފަހަރާ ކުރުމުގެ ގާބިލްކަން ހިމަނާފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ވަޓްސްއެޕްގެ ޗޭންޖްލޮގްގައި މި އާ ގުރޫޕް ކޯލިން ކެޕޭސިޓީގެ ވާހަކަ ވަކިން ފާހަގަކޮށްފައެއް ނުވެއެވެ.
މި އަޕްޑޭޓްގެ ކުރިން ވަޓްސްއެޕުން ގްރޫޕްކޯލް ކުރެވޭނީ އެންމެ 15 މެންބަރުންނާ އެކުގައެވެ. އެކަމަކު ކޯލް ފެށުމަށް ފަހު ބައިވެރިން މެނުއަލްކޮށް އިތުރުކުރެވޭނެއެވެ. މި ލިމިޓް 31 އަށް އިތުރުކުރުމުން ވޯކް ޓީމް ނުވަތަ ކްލަބް ފަދަ ބޮޑެތި ގްރޫޕްތަކަށް ވަޓްސްއެޕް އޯޑިއޯ އަދި ވީޑިއޯ ކޯލް މެދުވެރިކޮށް މުއާމަލާތް ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.
ގުރޫޕް ކޯލިން ކެޕޭސިޓީ ފުޅާކޮށްފައިވަނީ ވަޓްސްއެޕުން ބޭނުންކުރާ ފަރާތްތަކަށް އާ ފީޗާތައް ތައާރަފުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އެއް އެންޑްރޮއިޑް ޑިވައިސްގައި ގިނަ އެކައުންޓްތަކަށް ސަޕޯޓް ދިނުމާއި ގޫގުލްގެ ޕާސްވޯޑްލެސް އޮތެންޓިކޭޝަން ސިސްޓަމާއި އިންޓަގްރޭޓް ކުރުން ހިމެނެއެވެ.
އައިއޯއެސްއަށް އެކްސްޕެންޑެޑް ގްރޫޕް ކޯލްތައް މިހާރު ލައިވް ކޮށްފައިވާއިރު، އެންޑްރޮއިޑް ބޭނުންކުރާ ބައެއް ފަރާތްތަކުން އެ މީހުންގެ ޑިވައިސްތަކާ ހަމައަށް މި ފީޗާ ފޯރާނެ ދުވަހަކަށް އިންތިޒާރު ކުރަން ޖެހިދާނެއެވެ. ވަޓްސްއެޕުން އާންމު ގޮތެއްގައި އެކި ސަރަޙައްދުތަކާއި އެ ޕްލެޓްފޯމްތަކުގައި އާ ފީޗާތައް ތަޢާރަފު ކުރާ ތާރީޚުތައް ތަފާތުކުރެއެވެ.