ފައިސާ ފަހަށް ރައްކާ ކުރާ މީހުންނަށް ވުރެ، ޚަރަދުކުރާ މީހުން މާ އުފާވެރިކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކާގައި ހެދި ދިރާސާއެއްގައި ވަނީ، ޚަރަދުކުރާ މީހުންނަށް އެ މީހުން ބޭނުންވާ އެއްޗެެއް ލިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާއިރު، ފައިސާ ފަހަށް ރައްކާ ކޮށްގެން ތިބޭ މީހުން ތިބެން ޖެހެނީ ފައިސާ ޚަރަދު ނުކުރުމަށް އަބަދު ސަމާލުވެގެން ކަމަށެވެ.
ޖުމުލަ 2000 މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާގައި 56 އިންސައްތަ މީހުން ބުނެފައިވަނީ، އެ މީހުން ބޭނުންވާ އެއްޗެހި ފަސްނުކޮށް އެ ވަގުތު ގަނެލާ ކަމަށެވެ. އެހެންނަމަވެސް ރައްކާކުރާ މީހުން ބުނެފައިވަނީ، އެ މީހުން ބޭނުންވާ އެއްޗެހި ސޭލް އަޅުވަންދެން ނުގަނެ މަޑުކުރާ ކަމަށާއި، އަދި ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ނޫނީ ނުގަނެ ތިބެނީ ކަމަށެވެ.
މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ގިނައިން ޚަރަދު ކުރާ މީހުން، ޒަވާޖީ ހަޔާތުގައާއި، ވަޒީފާގައާއި އަދި ޒާތީ ދިރިއުޅުމުގައި ވެސް މާ ބޮޑަށް ހިތްހަމަޖެހިގެން އުޅޭ ކަމަށް ދިރާސާއާއި ހަވާލާދީ ހާމަކޮށްފައިވެއެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 10 އިންސައްތަ މީހުން ބުނެފައިވަނީ އެ މީހުންނަކީ ޚަރަދުކުރާ ކެޓެގަރީ އަދި ރައްކާކުރާ ކެޓެގަރީއަށް ވެސް ނުފެތޭ މީހުން ކަމަށެވެ.
ޚަރަދުކުރާ މީހުންނަށް އެ މީހުން ބޭނުންވާ އެއްޗަކަށް ޚަރަދުކޮށްލައިގެން އެ އެއްޗެއް ލިބުމުގެ އުފާވެރިކަން ހާސިލުވި ނަމަވެސް، ކޮންމެހެން ގަންނަން ނުޖެހޭ ތަކެއްޗަށް އެ މީހުން، ފައިސާ ރައްކާކުރާ މީހުންނަށްވުރެ ދެގުނަ އިތުރަށް ޚަރަދުކުރާ ކަމަށް ވެސް ދިރާސާއިން ދައްކާފައިވެއެވެ. އެގޮތުން ފައިސާ ރައްކާކުރާ މީހުން ހަފުތާއެއްގެ މައްޗަށް 348 ޑޮލަރު ޚަރަދުކުރާއިރު، ފައިސާއަށް ނުބަލައި ޚަރަދުކުރާ މީހުން، ހަފްތާއެއްގެ މައްޗަށް 621 ޑޮލަރު ޚަރަދުކުރެއެވެ.
ފައިސާ ރައްކާކުރާ މީހުންނަށްވުރެ، ޚަރަދުކުރާ މީހުންނަށް އެ މީހުން ބޭނުންވާ ތަކެތި ވަގުތުން ލިބުމުގެ އުފާވެރިކަން ލިބުނު ނަމަވެސް، ފައިސާ ރައްކާކޮށްގެން އަބަދަށް ލިބިގެންދާ ހިތްހަމަޖެހުމާއި، ދިރިއުޅުމުގެ ފަސޭހަކަން މި ދިރާސާ ހެދި ފަރާތްތަކުން ވެސް ފާހަގަކޮށްފައިވެއެވެ.
ފައިސާ އިންވެސްޓްކޮށް ފަހަށް ރައްކާކުރުމުގެ އާދައަކީ، މާލީ ގޮތުން މިނިވަންކަން ލިބި، ބޮޑެތި ޚަރަދުތައް ކުރަންޖެހޭ ހާލަތްތަކުގައި އެހެން މީހުންގެ މައްޗަށް ބަރޯސާނުވެ އުޅުމަށް މަގުފަހިކޮށްދޭނެ އާދައެއްކަން މި ދިރާސާގައި ވެސް ފާހަގަކޮށްފައިވެއެވެ.