ޖުޒާމުބަލި ނުވަތަ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމެއް ގޮތުގައި ދިވެހިރާއްޖެ ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް ފިލައެއް ހަދިޔާކޮށްފިއެވެ.
ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ރީޖަނަލް ބައްދަލުވުމުގައި، އެ ސަރަހައްދުގެ ޑިރެކްޓަރު ޑރ. ޕޫނަމް ވަނީ ޖުޒާން ބަލި ފެތުރުން ކޮންޓްރޯލް ކުރިކަމުގެ އެވޯޑު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ހަވާލު ކުރައްވައިފައެވެ.
މި ކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނީ މި ބަލި ނައްތައިލުމަަށްޓަކައި އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކޮށްދީފައިވާ ހުރިހާ އެންމެންގެ ބުރަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޖުޒާމުބައްޔަކީ ގައިން ގަޔަށް އަރާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެގޮތުން މި ކަމަށް ހާއްސަ ފަރުވާއެއް ރާއްޖޭގައި ނެތް ދުވަސްވަރު ބަލި ޖެހޭ މީހުން ރަށުގެ ވަކި ހާއްސަ ހިސާބެއްގައި އެކަހެރިކުރެއެވެ. އަދި، ބައެއް މީހުން ފަޅު ރަށް ރަށުގައި ވެސް ގެންގުޅުނު ކަމަށް ބައެއް މީހުން މައުލޫމާތު ދެއެވެ.
ޖުޒާމުބަލި ޖެހުނު މީހުން ގެންގުޅުނު ރަށްތަކަކީ މާލެ އަތޮޅު ވިލިވަރާއި ބިޔާދޫ އަދި ހުވަދު އަތޮޅު ހަވޮއްޑާ އާއި ފޮނަދޫއެވެ.
މީގެ ކުރިން ރާއްޖޭގައި އެތައް ބަޔަކު މި ބަލި ތަހައްމަލު ކޮށްފައިވެއެވެ. މި ބައްޔަށް ރާއްޖޭގައި ފަރުވާ ކުރެވެން ފަށާފައިވަނީ 1982 ވަނަ އަހަރުއެވެ.
އެ އަހަރުން ފެށިގެން ރަނގަޅު ފަރުވާއެއް ދެވެން ފެށުމާ އެކު ރާއްޖޭގައި އެ ބަލި ޖެހޭ މީހުން އަދަދު ދަށަށް ދިޔަކަމަށް ރާއްޖޭގެ ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.
ލެޕްރަސީ ކޭސްތައް އެވަރެޖުގޮތެއްގައި އަހަރަކު ފެންނަނީ 10-7 މީހުންގެ އަދަދަކަށް މަދު ރަށެއްގައެވެ.
ޖުޒާމުބަލި މުޅިން ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް "ޒީރޯ ލެޕްރަސީ" ގެ ނަމުގައި މަސައްކަތް ފެށީ 2019 ވަނަ އަހަރުއެވެ.