ހިތުގެ އެދުމޭ ތީ... 25

"ކޮން ކަމެއް މާމައަށް ތައްޔާރުކޮށްދޭންވީ؟.." ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޒައިލް އަވަސް އަވަހަށް އަހައިލިއެވެ.

ހަދީޖާ އެއްޗެއް ނުބުނެ ޒައިލްއަށް ބަލަން އިރުކޮޅަކު ހުއްޓެވެ.

********

ޒައިލްގެ މޫނުން ހަދީޖާއަށް ފެނުނީ މައުސޫމުކަމެވެ. މާލޭގައި އުޅެ ބޮޑުވިޔަސް، ގިނަ މީހުންގެ ކިބައިން ފެންނަފަދަ ބޮޑާކަމާއި ކިބުރުވެރިކަމެއް ނެތެވެ. ހިނިތުންވެލައިގެން ހުރިގޮތުން ހިތްހެޔޮފާޑު ޖަހައެވެ. ވާހަކަ ދެއްކީ ނުހަނު ގާތްކޮށެވެ. އެ ހުރިހާ ކަމަކާއި އެއްވަރަށް ޒައިލް ފިރިހެންވަންތައެވެ. އަންހެންކުދިން ހިތްއެދޭ ސިފަތައް ޒައިލްގެ ކިބައިގައި ހުރިކަންވެސް ހަދީޖާއަށް ފާހަގަ ކުރެވުނެވެ.

ހަދީޖާ ހަރުކޮށްގެން ހުރި ހިތް މަޑު ކަފަކޮޅަކަށް ބަދަލުވާން އުޅުނެވެ. އަމިއްލަ ދަރިފުޅު ތަހަންމަލްކުރި ކަހަލަ އެކަނިވެރިކަމެއް ނިޔަމް ތަހަންމަލް ކުރާކަށް ހަދީޖާ ނޭދެއެވެ. ހިތް ހަރުކުރަން އޭނާއަށް މަޖުބޫރުކުރުވީ މާޒީގެ އެ ހިތްދަތިކަމެވެ. އޭރުގެ ތާޒާ ހަނދާންތައް މިއަދުވެސް އެހިތުގައި ނުފިލާ ހުއްޓެވެ. ޒައިލްގެ ސަބަބުން ނިޔަމްއަށް ލިބުނު އެކަނިވެރިކަމުން އެންމެ ބޮޑު ހިތާމައެއް ލިބުނީ ހަދީޖާއަށެވެ. ވީއިރު، ދެވަނަ ފަހަރަށް ޒައިލްގެ އަތްމައްޗަށް ނިޔަމް ދޫކޮށްލުމުގެ ކުރިން، އެތައް ގޮތަކުން އޭނާ ވިސްނަންޖެހޭނެއެވެ. އޭނާ ދުނިޔެ ދޫކޮށް ދިޔުމުގެ ކުރިން ނިޔަމްއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީވެސް ހަދީޖާ އޭނާގެ ބޮލުގައި އަޅައިގެން ހުރި ޒިންމާއެކެވެ.

"މާމާ!..." ހަދީޖާ މާ ވަރަކަށް ބަލަން ފެށުމުން، ޒައިލް ވަރަށް ލޯބިން ގޮވައިލިއެވެ.

"ހޫން... އަވަސްކޮށްގެން ހިނގާ..." ފޮށިތަކަށް އިޝާރާތްކޮށްފައި ހަދީޖާ ހިނގައިގަތީ މާމަ ދަރިފުޅަށް ސަމާސާ ކުރަމުންނެވެ.

ޒައިލްއާއި ނިޔަމް އެކަކު އަނެކަކަށް ބަލައިލިއެވެ. ދެމީހުންގެ މޫނުންވެސް ފެނުނީ ހަމަޖެހުމުގެ އަސަރެވެ. ނިޔަމް ހީކުރީ ހަދީޖާ ހިތްހަމަނުޖެހިގެން އެއްޗެއް ބުނާނެކަމަށެވެ. ޒައިލްއާއި ހަތަރުކަޅި ހަމަކުރަން ދެކޮޅުހަދާނެ ކަމަށެވެ. ނިޔަމްގެ މަންމަ ވަކިވެދިޔުމަށްފަހު، ނިޔަމްގެ ކަންތައްތަކުގައި ހަދީޖާ ވަރަށް އަވަހަށް ޖަޒުބާތީވެއެވެ.

"އައި ލަވް ޔޫ..." އަތުގެ އިޝާރާތުން ނިޔަމްއަށް ހިތެއް ދައްކައިލަމުން ޒައިލް ބުނެލިއެވެ.

ނިޔަމް އަވަސް އަވަހަށް ވަށައިގެން ހޯދައިލިއެވެ. މާލޭގައި އެފަދަ ކަންކަން އާއްމުވެފައިވިޔަސް، އެ ރަށުގެ މީސްކޮޅު މަދުކަމާއިއެކު އެފަދަ ކަންކަން އެހާ އާއްމު ނުވެދާނެއޭ ހީވުމުންނެވެ. ބައެއް މީހުންގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވާ ތަން ފެނި، ނިޔަމް އަވަހަށް ޒައިލްގެ ކައިރީގައި އަތް ތިރިކުރުމަށް އެދުނެވެ.

ހަދީޖާގެ ފަރާތުން ލިބުނު ފެހި ސިގުނަލުގެ ސަބަބުން ޒައިލްގެ އުއްމީދުތައް އައުވިއެވެ. ނިޔަމްވެސް އެފަދައެވެ. އޭނާގެ ހިތުން ބޮޑު ބުރައެއް ނެގުނުކަމުގެ އިހުސާސް ކުރެވުނެވެ. ނިޔަމް ހިނިތުންވެލިއެވެ. އޭނާ ކުޑަކޮށް ދުވެލާފައި ގޮސް ހަދީޖާއާއި އެއްވަރުކުރިއެވެ.

"މާމާ!... އަދިވެސް އެއްކަލަ ކުންނާރުގަސް އެބަހުރިތަ؟..." ނިޔަމް އަހައިލިއެވެ.

"ދަރިފުޅަށް މީރު އެއްޗެއް އަޅާ ގަހެއް މާމަ ކަނޑާލަފާނެހެން ހީވޭ؟..." ހަދީޖާ ބުންޏެވެ.

"މާމަ ވަރެއް ނެތް..." ހަދީޖާގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ނިޔަމް ބުނެލިއެވެ.

ވަކި ހިސާބަކަށް ގޮސްފައި، އެއްޗެއް ހަނދާންވާ ފަދައިން ހަދީޖާ ހުއްޓުނެވެ. ފަސްއެނބުރި ބަލައިލިއިރު، ޒައިލް އުޅުނީ ފަސްގަނޑު މަޑުކަމުން، ވެލިގަނޑުގެ މަތީގައި ފޮށިތައް ދަމަމުން ކުރިއަށް ނުދެވިގެންނެވެ. ހަދީޖާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"މޮޔަކުއްޖާ!..." ހަމައެކަނި ނިޔަމްއަށް އިވޭ ވަރަށް ހަދީޖާ ބުންޏެވެ.

"ދޮންކަލޯ!... ތިޔަ ފޮށިތައް ބިމު އަޑީގަ ވަޅުލާންތަ ތިޔަ އުޅެނީ؟..." ހަދީޖާގެ އަޑަށް ޒައިލްގެ ހަރަކާތް ހުއްޓުނެވެ. "ހުސޭނާ!.... އެ ފޮށިތައް ބަރޯއަށް އަރުވާލަދީބަލަ..."

"ކޮއްކޯ!... މާލޭގަ ދަމާފަ ގެންދާހެން މިތަންތާ ފޮށްޓެއް ނޫފުލޭނެ..." ފޮށިތައް ބަރޯއަށް އަރުވަމުން ހުސައިންފުޅު ބުނެލިއެވެ.

ޒައިލް ހުރީ ލަދުން އިސްއުފުލައިލަންވެސް ނުކެރިފައެވެ. ބަރޯ އެއީ ހަދީޖާ ގެނައި އެއްޗެއްކަން އޭނާއަށް ނޭނގުނީއެވެ. އެވަރުގެ ކުޑަ ކަމަކާއި ހަދީޖާ އެވަރު ކޮށްލަފާނެކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. ހަދީޖާއަކީ ކިތަންމެ މީހުން ގިނަ ތަނެއްގައިވެސް ކޮންމެފަދަ އެއްޗެއްވެސް ބުނެފާނެ މީހެއްކަމަށް ނިޔަމް އޮތީ ކުރިން ބުނެފައެވެ. ޒައިލްއަކީ އަމިއްލައަށް ބަރޯއަށް ފޮށިތައް ނޭރުވޭވަރުގެ ކުޑަ ކުއްޖެއް ނޫނެވެ. އޭނާއަކީ ގައިބާރު ހުރި ޒުވާނެކެވެ. ހުސައިންފުޅަކީ ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ މުސްކުޅިއެކެވެ. ޒައިލް ބޮޑަށް ލަދުގަތީ އެހެންވެއެވެ.

"ހަދީޖައްތަ އެކަނި އުޅޭތީ ވާހަކަ ދެއްކޭގޮތެއް އެއީ... ކޮއްކޮ އެއްޗެއް ހިތުގަ ނުލައްޗޭ..." ހުސައިންފުޅު ހަދިޔާކޮށްލީ އެކުވެރި ހިނިތުންވުމެކެވެ.

ހުސައިންފުޅު ބަރޯއަށް ފޮށިތައް އެރުވުމުން ޒައިލް އަވަހަށް ގޮސް ބަރޯގައި ހިފިއެވެ. އެއީ މުޅިން އަލަށް އޭނާ ކުރި ތަޖުރިބާއެކެވެ. އެ ތަޖުރިބާ އޭނާއަށް ވަރަށް ކަމުދިޔައެވެ.

ހަދީޖާ ދިރިއުޅޭ ގެ ބަނދަރާއި އެހާ ދުރެއް ނޫނެވެ. ތެޅިގަލުން ރާނާ، ސިމެންތި ޓިނުން ހިޔާކޮށްފައި ހުރި ކުޑަ ގެއެކެވެ. ދެކޮޓަރި ހުއްޓެވެ. ގޭތެރެއަށް ވަންނަ ދޮރު ހުރީ ފެންޖެހިގެން ވަރަށް ބޮޑަށް ހަލާކުވެފައެވެ. ބޮޑު ބާގަނޑެއްވެސް ހެދިފައި ހުއްޓެވެ. ދާވިއަންގެ ސުވާލުތައް ހުސްނުވެއެވެ. ދޮރު ހަލާކުވެފައި ހުރުމުން އެހެން ދޮރެއް ނުލަނީ ކީއްވެތޯ ސުވާލުކުރިއެވެ.

"ދަރިފުޅު ކައިރީ މަންމި ބުނީމެއްނު އެކި ކުދިންގެ ގެ ހުންނާނީ އެކި ގޮތަށޭ..." ނިޔަމް މަސައްކަތްކުރީ ދާވިއަންއަށް ވިސްނައިދޭށެވެ.

ގޭގެ އެއްކޮޓަރި އެއްގޮތަކަށްވެސް ބޭނުން ނުކުރާތީ، އެތަން ހުރީ ގުދަނެއްހެން ސާމާނު ރައްކާކޮށްފައެވެ. ގޭތެރޭގައި ތަޅުން އަޅާފައި އޮތަސް، ފާރުތަކުގައި ސިމެންތިޖަހާފައެއް ނުވެއެވެ. ސީލިންގެއް ނުކުރެއެވެ. ކަރަންޓު ނަރުތައް ހުރީ، އެޅިގޮތަށެވެ. އެމަންޒަރުތައް ފެނުމުން ނިޔަމްގެ ހިތަށް އުނދަގޫވިއެވެ. މާމަ އެފަދަ ދަތި ހާލުގައި އުޅޭއިރު، އޭނާ އުޅުނީ އެއަށްވުރެ އެތައް ގޮތަކުން ފުރިހަމަ ގެއެއްގައެވެ. ގެ ހަދަން ހަދީޖާ އެއްބަސްނުވަނީ އެތަނުގައި އުޅޭނެ މީހަކު ނެތުމުންނެވެ. މާދަމާވެސް ހަދީޖާ ލޯމަރާލައިފިނަމަ، އެ ގެ ފަޅުވީއެވެ. ވީއިރު، ބޭކާރު ހަރަދުތަކެއް ކުރުމުގެ މާނައެއް ނެތެވެ.

"ދަރިފުޅާ، މީ ވަގުތީ ދުނިޔެއެއް... ކީއްކުރަން ރީތި ގެއެއް އަޅަން ބައިވަރު ރުފިޔާ ބޭކާރު ކުރަންވީ؟..." ލުއި ހިނިގަނޑެއް ޖަހައިލަމުން ހަދީޖާ ބުންޏެވެ.

"މާމާ!... ވަގުތީ ދުނިޔެއަކީ ކޯއްޗެއް؟..." އިރުކޮޅަކު ވިސްނަން ހުރެފައި ދާވިއަން ސުވާލުކުރިއެވެ.

ހަދީޖާގެ ކައިރިއަށް ހިނިއައެވެ. ކުޑަކޮށް ތިރިވެލާފައި ދާވިއަންގެ ގައިގައި ބައްދައިލިއެވެ. އެކުޑަ ކުއްޖާ އޭނާގެ ހަޔާތުން ގެއްލިފައިވާ އެތައް އުފާވެރިކަމެއް ގެނެސްދީފިއެވެ. ފަޅުވަމުން އައި ގެއަކަށް ދިރުން ލިބިއްޖެއެވެ.

"ދުނިޔެއަކީ ކުދިން އުޅޭ ތަން..." ހަދީޖާ ބުނެދިނެވެ. "ދުނިޔެވެސް ހަލާކުވާނެ؟..."

"ކީއްވެ ހަލާކުވަނީ؟..." ދާވިއަންގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔައެވެ. "މަންމީ ކީއްވެ ދުނިޔެ ހަލާކުވަނީ؟... ދާން ބޭނުމެއް ނޫން ދުނިޔެ ހަލާކުވާކަށް..."

"ދަރިފުޅު އެސޮރަށް އެކަހަލަ ވާހަކަ ކިޔާނުދެންތަ؟..." ނިޔަމްއަށް ބަލައިލަމުން ހަދީޖާ އަހައިލީ ޝަކުވާގެ ރާގަކަށެވެ.

"ދާންއަށް އަދި ދަސްވާނެއޭ ދޯ ދޫނީ..." ދާވިއަންގެ ހާސްކަން ފިލުވައިދިނުމަށް ނިޔަމް އެކުއްޖާ ގަޔާއި ކައިރިކޮށްލިއެވެ.

ކޮޓަރިއަށް ވަންގޮތަށް ދާވިއަން ހޯދީ ފަންކާއެވެ. އެކަމަކު އެއްވެސްކަމަކާއި ޝަކުވާއެއް ނުކުރެއެވެ.

"މާމާ!... ކީއްވެ މިގޭގަ ފޭންއެއް ނެތީ؟..." ދާވިއަން ވަށައިގެން ހޯދައިލަމުން ސުވާލުކުރިއެވެ.

"މާމަގެ ގޭގަ ހުންނަނީ ތިރީގަ ބަހައްޓާ ފަންކާ..." ކަބަޑު ކައިރީގައި ހުރި ފަންކާ ދައްކައިލަމުން ހަދީޖާ ބުންޏެވެ. "މީ ދަރިފުޅު އަންނާތީ މާމަ ގެނައި އެއްޗެއް... ދަރިފުޅަށް ހޫނުވަނީތަ؟..."

"ހޫނުވިޔަސް ނުވާނެ ބުނާކަށް..." ދުވެލާފައި ގޮސް އެނދުމައްޗަށް އަރަމުން ދާވިއަން ބުންޏެވެ. "އެކި ކުދިން ގޭގަ ހުންނާނީ އެކި ވަރަށް ރުފިޔާ... ގޯސްކުދިންނޭ ޝަކުވާ ކުރާނީ... ދޯ މަންމީ..."

ހަދީޖާ ހިނިތުންވެލިއެވެ. ނިޔަމް އޭނާގެ ދަރިފުޅަށް ރިވެތި އަދަބުތައް ދަސްކޮށްދީފައި ހުރިކަން ދާވިއަންގެ އަމަލުތަކުން އެނގުނެވެ. ހަދީޖާ ފަހުރުވެރިވިއެވެ.

ކޮޓަރީގެ ފަހަރަކު ތަނެއް ބަލަމުންދިޔަ ނިޔަމް ހުރީ ފެންކަޅިވާގޮތް ވެފައެވެ. އޭނާގެ މަންމަގެ ފަހު ދުވަސްތައް ހޭދަކުރީ އެ ކޮޓަރީގެ ހަތަރުފާރުން އެތެރޭގައެވެ. ކޮޓަރީގައި ހުރި ފޮތި އަލަމާރިއާއި ފާރުތަކުގައި ނިޔަމް އަތް ޖައްސައިލީ މާޒީ ހަނދާންކުރަމުންނެވެ. ކޮޓަރީގެ އެއް ކަނުގައި ހުރި މޭޒުމަތީގައި ބަހައްޓާފައިވާ ފުޅި ބައްތިއާއި ރީތިވާ ސާމާނަކީ އޭނާގެ މަންމަ ބޭނުންކުރި އެއްޗެއްސެވެ. ދަރިފުޅުގެ ހަނދާނުގައި ހަދީޖާ އެތަކެތި ނައްތާނުލައި ބެހެއްޓީއެވެ. އެއީ ނިޔަމްވެސް ބޭނުންވި ގޮތެވެ. ދަރިފުޅު ވަކިވެ ދިޔައީއްސުރެ ހަދީޖާ އެ ކޮޓަރި ބޭނުމެއް ނުކުރެއެވެ. އޭނާ ނިދަނީ ހާމަފެންޑާގައެވެ.

"ފެންވަރައިގެން ނަމާދުކޮށްލައިގެން ސައިބޯން އާދޭ... މާމަ މިދަނީ ސައި ކައްކަން..." ދާވިއަންގެ ބޮލުގައި ފިރުމައިލަމުން ހަދީޖާ ބުންޏެވެ.

ހަދީޖާ ނުކުތްއިރު ޒައިލް ހުރީ ތަނެއްގައި އިށީންނަންވެސް ނުކެރިފައެވެ. ފޮށިތައް ގޭތެރެއަށް ވައްދާފައި ހުއްޓެވެ.

"މި ގެ ފެނުނީމަ އަހަރެންގެ ދަރިމަތިން ފޫއްސެއް ނުވޭތަ؟..." ހަދީޖާ އަހައިލިއެވެ.

"އޭނ؟..." ހަދީޖާ އެހާ ފާޅުކަންބޮޑު ގޮތެއްގައި އެފަދަ ސުވާލެއް ކުރުމުން، ޒައިލްއަށް ޖެހުނީ ބުނާނެ އެއްޗަކާއިމެދު ވިސްނައިލާށެވެ.

"މިރަށުގަ ނުހުންނާނެ ގެސްޓްހައުސްއެއް... މާލޭ ފެންވަރުގެ ގެއެއް ނެތަސް، މާލޭ މީހުންނަށް އުޅެވޭވަރުގެ ގޭގެއިން ކުލީ ކޮޓަރި ލިބޭނެ... ހިނގާ..." ގެއިން ނުކުންނަން ދަމުން ހަދީޖާ ބުންޏެވެ.

"މިގެ ވަރަށް ކަމުދޭ... މާމަ ހުއްދަ ދީފިއްޔާ މިގޭގަ..." ޒައިލްގެ ޖުމުލަ ފުރިހަމަ ނުވަނީސް ހަދީޖާ އައިގޮތަށް އިލޮށިފައްޗަކާއި ކުނި އަޅާނޭ އެއްޗެއް ޒައިލްގެ ކައިރީގައި ބެހެއްޓިއެވެ.

"އެތަން ހުރީ..." ގުދަން ކޮޓަރި ދައްކައިލަމުން ހަދީޖާ ބުންޏެވެ. "ބޭނުމިއްޔާ ސާފުކޮށްގެން އެތާ އުޅޭ..."

އެންމެން ތައްޔާރުވެގެން ސައިބޯން ދިޔައިރުވެސް ޒައިލް އުޅުނީ ކޮޓަރި ސާފުނުކުރެވިގެންނެވެ. ދޮރުގައި ޓަކި ޖަހާލާފައި ނިޔަމް އެތެރެއަށް ވަނެވެ. ކޮޓަރި އޮތީ ނިޔަމް ހީވެސްނުކުރާހާ ބޮޑަށް ސާފުކޮށްފައެވެ. ޒައިލް ހުރީ އިލޮށިފައްޗެއް ހިފައިގެން މޭޒުމައްޗަށް އަރައެވެ. ފުރާޅުގައި ހުރި މަކުނުވާތައް ފޮޅަމުން ދިޔައިރު، ހިރަފުހުން ސަލާމަތްވުމަށް ގައިގައި އޮޅާލައިގެން ހުރީ ހަދީޖާގެ ކަނޑިއްކެކެވެ. ނިޔަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒައިލް މޭޒުމަތިން ފޭބުމުގެ ކުރިން އަވަހަށް އެމަންޒަރު ފޯނުގައި ރައްކާކޮށްލިއެވެ.

"އަހަންނަށް މަލާމާތްކުރަނީތަ؟...." ޒައިލް މޭޒުން ފުންމައިލިއެވެ.

"އަހަރެން ބުނީމެއްނު މިތާކު ޒެލްއަކަށް ނޫޅެވޭނޭ..." ނިޔަމް ހެމުން ހެމުން ދިމާކުރިއެވެ.

"ކިހިނެއްވީ؟... މި ހުރިހާ ކަމެއް ކުރީމަވެސް އަހަންނަށް ތައުރީފެއް ނުކުރާނަންތަ؟..." ނިޔަމްއާއި ދިމާއަށް ހިނގައިގަންނަމުން ޒައިލް ބުންޏެވެ. "މި ބޮޑު ކޮޓަރި އެކަނިމާ އެކަނި މި ސާފުކޮށްލީ..."

ޒައިލްއާއި ވާހަކަ ދައްކަމުން ދިޔައިރުވެސް ނިޔަމް އޭނާގެ ފޯނުން ޒައިލްގެ ވީޑިޔޯ ނަގަމުން ދިޔައެވެ. ޒައިލް ބާރު ހިނގުމުގައި އައިސް ނިޔަމްގެ އަތުން ފޯނު އަތުލަން އުޅުނެވެ. ނިޔަމް އަތް ފުރަގަހަށް ލިއެވެ. ޒައިލް ހިފެހެއްޓީ ނިޔަމްގެ އުނަގަނޑުގައެވެ. ދާދި ފަސޭހައިން އެ އަންހެންކުއްޖާ އޭނާގެ ގާތަށް ދަމާލާފައި ފުރަގަހަށް ލާފައި އޮތް ފޯނުގައި އަތް ޖެއްސިއެވެ. އޭރު ދެމީހުންގެ ނަޒަރު ވަނީ އެކަކު އަނެކެއްގެ ދެލޮލަށް ހުއްޓިފައެވެ. މޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. އެއީ ޒައިލް ބޭނުންވިގޮތެވެ. ނިޔަމްވެސް ހުރީ އެފަދަ ފުރުސަތަކަށް ބޭނުންވެފައިކަން އޭނާގެ ދެލޮލުން ހެކިދެމުން ދިޔައެވެ.

"ދޫކޮށްލާނީތަ؟... ނޫނީ؟..." އިންޒާރެއް ދޭފަދައިން ނިޔަމްގެ މޫނާއި ކައިރިވެލަމުން ޒައިލް އަހައިލިއެވެ.

ނިޔަމް އަވަސް އަވަހަށް ފޯނުން ދޫކޮށްލިއެވެ. ޒައިލްއަށް ފޯނު ލިބުމުންވެސް ނިޔަމްގެ ކައިރިން ދުރަށްދާކަށް ނޫޅުނެވެ. އޭނާގެ މަގުސަދަކަށްވީ ނިޔަމްއާއި ގާތްވެލުމެވެ. ލޯބިން ސަމާސާކޮށްލުމެވެ.

"ސަތޭކަ ޕޮއިންޓް ހަމަވާނީ ކޮން ދުވަހަކުންތަ؟..." ކެތްތެރިކަން ކުޑަ ރާގަކަށް ޒައިލް އަހައިލިއެވެ.

"އެއީ ކީއްކުރަން؟...." ނިޔަމްއަށް ބޭއިހުތިޔާރުގައި އަހައިލެވުނެވެ. ކުރެވުނު ސުވާލުގެ މޮޔަކަން އެނގުނުއިރު، ވަގުތު ފާއިތުވެއްޖެއެވެ. ޒައިލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޒައިލްގެ މޫނުން ނަޒަރު ވަކިކޮށްލިއިރު، ނިޔަމްގެ ދެކޯތާފަތް ވަނީ ލަދުން ރަތްވެފައެވެ.

"ނޭނގޭތަ އަހަރެން ބޭނުންވާ ކަމެއް؟..." ސަމާސާ ރާގެއްގައި ޒައިލް އަހައިލިއެވެ.

ނިޔަމް ބޯ ޖަހައިލި ނަމަވެސް އޭނާގެ މޫނުން ހުރިހާ ވާހަކައެއް ބުނެދިނެވެ.

"ޏަމްޏަމްވެސް ބޭނުންވާ ކަންތައް އަހަރެންވެސް ބޭނުންވަނީ..." ޒައިލް އޭނާގެ ސުވާލަށް ޖަވާބުދިނެވެ.

"މާމަ އައިސްދާނެ..." ނިޔަމް ކުއްލިއަކަށް ހަދީޖާގެމަތިން ހަނދާންވިއެވެ.

"އައި ލަވް ޔޫ..." ޒައިލް ބުނެލިއެވެ. "އަހަރެން ބޭނުންވަނީ މާމަ ކުރިމަތީގަ މިހެން ބުނަން... އޭރުން މާމައަށްވެސް އެނގޭނެއެއްނު..."

ޒައިލް އެއްލި ކަޅިއަކުން ކޮޓަރި ދޮރުމަތީގައި ހުރި ހަދީޖާ ފެނުނެވެ. އޭނާ ހުރީ ލޯ އަޅައިގެންނެވެ. ދެލޮލުން ހީވަނީ އަލިފާންކަނި ބުރާހެންނެވެ. ރަތް ލިބާސް ލާފައި ހުރުމުން، ޒައިލްއަށް ސިފަވީ ފިލުމުތަކުގައި އުޅޭ ޖިންނީންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު