ކަރަން ހުށަހެޅި ކޮފީގެ ދަޢުވަތު ކާތިކް ޤަބޫލެއް ނުކުރި

އެކްޓަރު ކާތިކް އާރްޔަން

ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ ފަރާތްތަކުގެ ތެރޭ ހިމެނޭ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ޓޯކް ޝޯވް "ކޮފީ ވިތު ކަރަން"ގެ 8 ވަނަ ސީޒަންގައި ބައިވެރިވުމަށް އެދި ހުށަހެޅި ހުށަހެޅުން އެކްޓަރު ކާތިކް އާރްޔަން ގަބޫލެއް ނުކުރިއެވެ.

ކަރަންގެ ޝޯވްގައި ބައިވެރިވުމަށް ދިން ދަޢުވަތު ކާތިކް ޤަބޫލު ނުކުރުމުން ކަރަން ބުނެފައި ވަނީ ކުރިމަގުގައި އެކީގައި މަސައްކަތް ކުރުމުގެ ފުރުސަތު މަގުފަހި ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށާއި 'ނެވާ ސޭ ނެވާ' އެވެ.

ކަރަންގެ ދަޢުވަތު ކާތިކް ޤަބޫލު ނުކުރުމުން މީގެ އަހަރުތަކެއް ކުރިން ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލައަށް އަދިވެސް ނިމުމެއް ނާންނަ ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ކަރަން އާއި ކާތިކް އެކީގައި މަސައްކަތް ކުރަން ނިންމި ފިލްމު "ދޯސްތާނާ2"ގެ މަސައްކަތް ހުއްޓުމަކަށް އައީ ދެ މީހުންގެ ދެމެދުގައި ބޮޑު ދެބަސްވުމެއް ހިނގުމާ ގުޅިގެން ކަމަށް އޭރު ނޫސްތަކުގައި ވަނީ ލިޔެފައެވެ. ނަމަވެސް މިކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް މިހާތަނަށް ކަރަން އާއި ކާތިކްގެ ފަރާތުން އާއްމުންނާ ހިއްސާކޮށްފައެއް ނުވެއެވެ.

ކަރަން އާއި ކާތިކް ފިލްމީ ހަފްލާ ތަކުން ފެންނައިރު ވަރަށް ގާތްކޮށް ވާހަކަ ދައްކާ މަންޒަރު ފެނުނު ނަމަވެސް މީގެ ކުރިން ދެ މީހުންގެ ދެމެދުގައި ޖެހުނީ ކޫސަނި މައްސަލައެއްގެ ގޮތަށް ނިންމެން ނެތްކަމަށް މީޑިއާ ރިޕޯޓަރުން ވަނީ ބުނެފައެވެ.

ކާތިކް އާރްޔަން 'ކޮފީ ވިތު ކަރަންގެ' 6 ވަނަ ސީޒަންގެ މަންޒަރެއްގައި
ކާތިކް އާރްޔަން އަކީ ބޮލީވުޑްގައި ކުރި ހޯދަމުން އަންނަ އެންމެ ކާމިޔާބު އެއް އެކްޓަރެވެ. ކާތިކްގެ އިންސްޓަގްރާމް ފޮލޯވާސް އެއްތިރީސް މިލިއަނަށް އަރާއިރު ކަރަން ފަދަ ބޮލީވުޑްގައި ނުފޫޒުގެ ބޭނުންކުރާ ޑައިރެކްޓަރަކާ އެކީ ކާތިކް މަސައްކަތް ނުކުރިޔަސް އެކްޓަރުގެ ކެރިއަރަށް ފަނޑުކަމެއް ނާންނާނެކަމަށް އެކްޓަރަށް ތަރުޙީބުދޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި އަހަރު ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ" އިން ފެނުނު އެކްޓަރު އެންމެ އަވަހަށް ފެންނާނީ ކުރިޔަށް އޮތް އަހަރު ރިލީޒް ކުރަން ތައްޔާރު ވެފައިވާ ފިލްމު "ޗަންދޫ ޗެމްޕިއަން" އިންނެވެ.

comment ކޮމެންޓް