ޔަހޫދީ އިޒްރޭލުން، ފަލަސްތީނުގެ ޢައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ޢައްޒާގެ މުވާސަލާތީ ޚިދުމަތްތައް އެއްކޮށް ކަނޑާލައިފިއެވެ.
އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ވަނީ ޣައްޒާއިން ފޯނާއި އިންޓަނެޓުގެ ޚިދުމަތްތައް އެއްކޮށް ކަނޑާލައިފައެވެ. ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައިވަނީ، އެއްގަމު މަގުން ޣައްޒާއަށް އަރައި، ގަތުލުއާންމު އިތުރަށް ފުޅާ ކުރަން ތައްޔާރުވުމުގެ ގޮތުން ކަމަށް އިޒްރޭލުގެ އަސްކަރީ ތަރުޖަމާން ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ޣައްޒާއަށް އެއްގަމު މަގުން އަރައި މިރޭ ހަމަލާ ދޭން ފަށާފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން އެކަން އިއުލާންކޮށްފައި ވަނިކޮށެވެ. އެގޮތުން އިޒްރޭލްގެ އަސްކަރިއްޔާއިން ބުނެފައިވަނީ ސިފައިން ޣައްޒާގެ އެއްގަމު މަގުން ކުރިއަށް ގެންދާ ހަނގުރާމަ އިތުރަށް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޔާހޫދީންގެ އަސްކަރިއްޔާގެ ސިފައިން ޣައްޒާއަށް މި އަރަނީ ޣައްޒާއަށް އެރުން މަޑުޖައްސާލުމަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އިސްރާއީލަށް ޕްރެޝަރު ކުރަމުން ދަނިކޮށެވެ.
މިއަދު އިރުއޮއްސުމާ އެކު ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލަތަކުގެ އަދަދު ވަނީ އިތުރު ކޮށްފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ވެސް މިހާރު ފެންނަނީ ޔަހޫދީ ސިފައިންގެ މިސައިލް ހަމަލަތަކާ ގުޅިގެން ރޯވެ، އަނދަމުންދާ އިމާރާތްތައް އިތުރުވަމުންދާ މަންޒަރުތަކެވެ. އަދި، މެދުކެނޑުމެއް ނެތި އިވެމުން ދަނީ ބޮންތަކާއި މިސައިލްތައް ގޮވާ އަޑުތަކެވެ.
ޣައްޒާއިން މުވާސަލާތީ ޚިދުމަތް މެދުކަނޑައިލާފައި ވާއިރު ޣައްޒާގެ ހޮސްޕިޓަލްތަކުގެ އިތުރުން، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އެ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވަނީ ނުކުޅެދިފައެވެ.
ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި 1900އަށް ވުރެ ގިނަ މީހުން އަދިވެސް ތިބީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޣައްޒާއިން ޝަހީދުވި 481 މީހުން ހިމެނޭ ގޮތަށް އިޒްރޭލުން ޣައްޒާއަށް ދޭ މި ހަމަލާތަކުގައި ޖުމްލަ 7000އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ.