ގައުމީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ހެލްތު މިނިސްޓްރީން މާލޭ ސަރަހައްދަށް ތައާރަފުކޮށްފިއެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ އެމްބިއުލާންސްގެ ޚިދުމަތް މާލޭ ސަރަހައްދަށް ތައާރަފުކޮށްދެއްވީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ޚިދުމަތް ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ މެޑިކަލް އެމަޖެންސީތަކާއި އެކްސިޑެންޓުތަކުގައި އަވަހަށް އެޓެންޑުވެ، ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދެވެންދެން ފަރުވާގެ ޚިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

އޮކްޓޯބަރު 25، 2023: ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ، ގައުމީ އެމްބިއުލާންސެއްގެ މުހިންމުކަން ތަސައްވަރު ކުރެވުނީ ކޮވިޑުގެ ދަތި ދުވަސްވަރުގައި ކަމަށެވެ. އެހެންކަމުން އޭރުން ފެށިގެން މި ޚިދުމަތް ރާވައި، ކަމާބެހޭ މާހިރެއް ގެނެސްގެން މި މަސައްކަތް ފެށި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ، އަމާޒަކީ މި ޚިދުމަތަކީ ރައްޔިތުން އިތުބާރުކުރާ ބަލައިގަންނަ ޚިދުމަތަކަށް ހެދުން ކަމަށެވެ. އަދި މި ޚިދުމަތް ރައްޖޭގެ އެކި ކަންކޮޅުތަކުގައި ދޭ ޚިދުމަތަކަށް ހެދުން ކަމަށާއި ކައިރި މުސްތަގްބަލެއްގައި ސީއެމްބިއުލާންސާއި އެއާ އެމްބިއުލާންސް ވެސް ތައާރަފު ކުރަން އަމާޒު ހިފާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޮކްޓޯބަރު 25، 2023: ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އޭނާ ވިދާޅުވީ، މި ޚިދުމަތަށް އޮތް އެންމެ ބޮޑު އިތުބާރަކަށް ވާނީ މިކަމަށް ބޭނުން ކުރާ ކޮމްޕިއުޓާ ޑިސްޕެޗް ކެތު ސިސްޓަމް ކަމަށެވެ.
"އެމެޖެންސީ ހާލަތެއްގައި ފޯން ކޯލެއް އައުމާ އެކު ސިއްހީ ފަރުވާ ދެވޭ ތަނަކަށް ބަލިމީހާ ގެންދެވެންދެން ފުރިހަމައަށް ގައިޑު ކޮށްދޭ ސިސްޓަމްގެ ސަބަބުން މަސައްކަތް ލުއިވެ އެފިޝިއެންޓް ޚިދުމަތެއް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ނަސީމް ވިދާޅުވިއެވެ.
ގައުމީ އެންބިއުލާންސްގެ ޚިދުމަތް މާލެ ސަރަހައްދަށް ދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމްކޮށް މިކަމަށް ޚާއްސަ ނަންބަރެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައަޅާފައިވާ ނަންބަރަކީ އެކެއްސުމެއްސުމެއް (100) އެވެ.