ރާއްޖޭގެ ސިއްހީ ދާއިރާއަށް ސަރުކާރުން އިންވެސްޓުކޮށް، އަމިއްލަ ފައިމައްޗަށް ނަގަންޖެހޭ: އައްފާލް

މޯލްޑިވްސް ބްރެއިން އެންސް ސްޕައިން ކޮންފަރެންސް ފެށުމުގެ ހަފްލާގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވާހަކަދައްކަވަނީ --

ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުން ބޭރުގެ އަވަށްޓެރި ގައުމުތަކުން ދޭ އެހީތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ސަރުކާރުން އިންވެސްޓުކޮށް، އަމިއްލަ ފައިިމައްޗަށް ނެގުމަށް މަސައްކަތް ފަށަން ޖެހިފައިވާކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އޭޑީކޭއިން އިސްނަގައިގެން ކުރިއަށްގެންދާ މޯލްޑިވްސް ބްރެއިން އެންސް ސްޕައިން ކޮންފަރެންސް ފެއްޓެވުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ.

އައްފާލް ވިދާޅުވީ ރާއްޖޭގައި ހިތުގެ ބަލިތަކާއި، ނާރާއި، ސިކުނޑިއާއި މައިބަދައާ ގުޅިފައިވާ ބަލިތަކަށް ފަރުވާ ލިބެން އެބަހުރި ކަމަށެވެ. މިއަދު އޮތީ މި ޚިދުމަަތްތައް އިތުރަށް ތަރައްގީކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ އެ ކަން ކުރުމަށް ޓަކައި، ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރަން އިންވެސްޓްކުރަން ޖެހޭކަމަށެވެ. ސަބަބަކީ އަބަދުވެސް ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށް ބޭރުގެ އެހެން ގައުމުތަކަށް ބަރޯސާވާތީކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ސިއްހީ ނިޒާމާމެދު އަޅައިލަން ޖެހޭ. ގާތްގަނޑަކަށް ބައި ގަރުނާ ގާތްވެފައިވާއިރު، އަޅުގަނޑުމެންގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އަބަދުވެސް އެހީތެރިކަން ހޯދައިފައިވަނީ އަވަށްޓެރި ގައުމުތަކުން. މި ވަގުތަކީ މި ކަމާމެދު ފުންކޮށް ވިސްނުމަށް ވަަރަށް މުނާސަބު ވަގުތެއް،" އައްފާލް ވިދާޅުވިއެވެ.

މޯލްޑިވްސް ބްރެއިން އެންސް ސްޕައިން ކޮންފަރެންސް ފެށުމުގެ ހަފްލާ --

އޭނާ ވިދާޅުވީ މި ކަމުގެ ވާހަކަދައްކަން މި ވަގުތު މުނާސަބުވަނީ އައު ސަރުކާރަކަށް ބަދަލުވުމުގެ މަރުހަލާ މި ވަގުތު ކުރިއަށްދާތީކަމަށެވެ. އަދި ހަމައެއާއެކު މާ ދުރު ނޫން ތާރީޚެއްގައި ގާނޫނުތައް އެކުލަވައިލުމުގެ މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރަކަށް މެމްބަރުން އިންތިޚާބުވާނެތީކަމަށެވެ.

އެހެންކަމުން މި މުއްދަތުގައި ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރާ މަސައްކަތް ވަރުގަދަކުރުމުގެ ވާހަކަ ދެއްކުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ދިވެއްސެއްގެ ފުރާނަ ސަލާމަތްކުރުމުގައި އެންމެ ޒަމާނީ ވަސީީލަތްތައް ގާއިމްވެ، އެ ބޭނުންކުރެވެން ހުރުމަކީ މިހާރަށް މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

"އޭރުން އަޅުގަނޑުމެންނަށް ޔަގީން ކުރެވޭނީ އެ މީހުންގެ އެންމެ ފުރިހަމަ ގާބިލްކަމާއެކު ގައުމަށް ޚިދުމަތްކުރެވޭތޯ،" އޭނާ ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ މި ބަދަލަކީ ކޮންމެހެން ވެސް ގެނައުން މުހިންމު ބަދަލެއްކަމަށެވެ. އެކަމުގައި ސަރުކާރުގެ ވެރިންނާއި، ގާނޫނު ހަދާ މެމްބަރުންގެ އެހީތެރިކަމާއި އެއްބާރުލުމަށް އައްފާލް އެދިލެއްވިއެވެ.

އޭނާ ވިދާޅުވީ ސިއްހީ ދާއިރާއަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ތަރައްގީކުރެވުނުނަމަ އޮންނާނީ މިއަދު މި ދާއިރާ އޮންނާނީ މިއަދު އޮތް މިންވަރަށްވުރެ 50 އަހަރު ކުރީގައިކަމަށެވެ.

މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އޭޑީކޭގެ ޗެއާމަން އަހްމަދު ނާޝިދު ވެސް ބައިވެރިވެލެއްވިއެވެ. އަދި މި ދާއިރާގެ ފަންނުވެރިން ވެސް ބައިވެެރިވިއެވެ.

comment ކޮމެންޓް