ކެނދިކުޅުދޫގައި ނުބައި ވެކްސިނެއް ޖެހި މައްސަލަ: އަދިވެސް ފިޔަވަޅެއް ނާޅާ

ނ. ކެނދިކުޅުދޫ --- ފޮޓޯ/ ފޭސްބުކު

ނ. ކެނދިކުޅުދޫގައި ހަ މަހުގެ ތުއްތު ދެ ކުދިންގެ ގަޔަށް އޮޅިގެން ނުބައި ވެކްސިނެއް ޖެހުނު މައްސަލައިގައި އެއްވެސް މީހަކާ މެދު ފިޔަވަޅެއް އަދި އަޅާފައިނުވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން މިރޭ "ސަން"އަށް ވިދާޅުވީ، އެ މައްސަލަ އަދިވެސް މިނިސްޓްރީން ދަނީ ބަލަމުން ކަމަށެވެ.

މީގެ ކުރިން ތަސްލީމާ ވިދާޅުވި ގޮތުގައި އެ މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އައިސް މައްސަލަ ބަލަން ފަށާފައި ވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން އެރަށު ސިއްހީ މަރުކަޒުގެ މެނޭޖަރު އަލީ ރިޒާ މީގެ ކުރިން ވިދާޅުވީ، މި ހާދިސާ ހިނގީ މި މަހުގެ 10ވަނަ ދުވަހު ކަމަށެވެ. އަދި، އެ ކުދިންގެ ގަޔަށް ޖެހުނީ ނުބައި ވެކްސިނެއްކަން އެނގި އެ މައްސަލަ މަރުކަޒުގެ ސަމާލުކަމަށް އައީ ވެކްސިން ޖެހުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވި ގޮތުގައި، ވެކްސިން ޖެހުމުގައި ހަރަކާތްތެރިވީ ދިވެހި ނަރުހަކާއި ބޭރު ނަރުހެކެވެ.

"ދިވެހި ކުއްޖެއްގެ އަތުން އެކަމެއް ވެގެން އެ އުޅެނީ،" ރިޒާ ވިދާޅުވިއެވެ.

https://sun.mv/183381

މަރުކަޒުން ނުބައި ވެކްސިނެއް ދެވުނު ދެކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މަންމަ މީގެ ކުރިން ބުނީ، ކުއްޖާގެ ލޭގައި ވަރަށް ބޮޑަށް ޖަރާސީމު ހުރި ކަމަށާއި ބައެއް މާއްދާތައް ހުރީ ހުންނަންވާ ވަރަށްވުރެ މާ މަތީގައި ކަމަށެވެ.

comment ކޮމެންޓް