ސުޕްރީމް ކޯޓަށް ފަނޑިޔާރުން ނުވެއްދުން އެއީ ސަރުކާރަށް އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން: ގާނޫނީ ވަކީލު ޝާހީން ހަމީދު

19:00


ސުޕްރީމް ކޯޓަށް ފަނޑިޔާރުން ނުވެއްދުން އެއީ ސަރުކާރަށް އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ސަރުކާރުން މިހާރު ކުރާ ކަމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒު ޝާހީން ހަމީދު ވިދާޅުވެއްޖެ އެވެ.


ބޭރު ގައުމެއްގެ ކޯޓެއްގައި ވަކާލާތު ކުރައްވާފައިވާ ދިވެހި ދެ ގާނޫނީ ވަކީލުންގެ ތެރެއިން އެއް ބޭފުޅެއް ކަމުގައިވާ ޝާހީން ހަމީދު މިހެން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ މައްސަލައާ ގުޅޭ ގޮތުން ސަން އެފްއެމަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި


ޝާހީން ވިދާޅުވި ގޮތުގައި، ފަހަކަށް އައިސް ފެންނަމުންދަނީ ސަރުކާރާއި ސަލާމަތީ ބާރުތަކުން ވެސް ޤާނޫނު އަސާސީއަށް ތަބާނުވެ، ޤާނޫނީ އިމުން ބޭރުން ކަންތައް ކުރަމުންދާ ތަނެވެ. އެގޮތުން ކޯޓުތަކުގެ އަމުރަށް ތަބާނުވުމާއި އެ ފަރާތްތަކުގެ ކަންތައްތައް ބަލަހައްޓާ މަޖިލީހުގެ ކޮމިޓީތަކުގެ އެންގުމަށް ކިޔަމަންތެރިނުވާކަން ޝާހީން ފާހަގަކުރެއްވި އެވެ. އަދި މި ގައުމު މިލިޓަރީ ބާރުގެ ދަށުގައި އޮންނަ ތަން ދެކެވަޑައިގަންނަވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.


މުސްތަގިއްލު ބާރެއްގެ ގޮތުގައި ޤާނޫނު އަސާސީން ކަނޑައަޅާފައިވާ އަދުލު އިންސާގެ ބާރުގެ ތެރެއަށް ސަރުކާރުން މިއަދު އަތް ބާނައި، ނުފޫޒު ފޯރުވާ، އެތަން ހިންގުމުގައި ބައިވެރިވުމަކީ ޤާނޫނު އަސާސީގެ ރޫހާ ޚިލާފުކަމެއް ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.  އަދި މިހާރު ސުޕްރީމް ކޯޓު ނެތް ކަމަށް ބަލާފައި، ސަރުކާރުގެ ޕޮލިޓިކަލް އެޑްވައިޒަރުން ނުވަތަ ސިޔާސީ ބޭފުޅުންނަށް ޖަވާބުދާރީވާ ފަދަ ގޮތަކަށް ސުޕްރީމް ކޯޓު ހިންގުމަކީ ޤާނޫނު އަސާސީގައި ބަޔާންކުރާ މުސްތަގިއްލު ޝަރުއީ ނިޒާމު ކަނޑައެޅިގެން ހުއްޓި، އެ އެތަނުގެ ބާރު ކަނޑުވާލުން ކަމުގައި ޝާހީން ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު