އަލް އަހްލީ ހޮސްޕިޓަލަށް ހަމަލާދިނީ ހަމާސް: އިނގިރޭސިވިލާތް

އިސްރާއީލުން ވައިގެ ހަމަލާދީފައިވާ ޣައްޒާގެ އަލް އަހްލީ އަރަބި ހޮސްޕިޓަލް ފޮޓޯ/ސީއެންއެން

ޣައްޒާގެ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް ބޮން އަޅައި ގަތުލުއާންމު ހިންގީ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތް ކަމަށްވާ ހަމާސްއިން ކަމަށް އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއިން ނިންމާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނާކު ވިދާޅުވެއްޖެއެވެ.

ސުނާކު މިހެން ވިދާޅުވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖާސޫސީ މައުލޫމާތާއި ހަތިޔާރުގެ ތަހުލީލު ތަކަށް ބަލާއިރު، އަލް އަހްލީ އަރަބި ހޮސްޕިޓަލަށް ހަމަލާ އަމާޒުވެފައި ވަނީ ޣައްޒާގެ އެތެރެއިން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި މިސައިލަކުން ކަމަށް އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއިން ނިންމާފައިވާކަން ސުނާކާ ހަވާލާދީ ދަ ގާޑިއަންއިން ރިޕޯޓުކުރެއެވެ.

ހޮސްޕިޓަލް ބޮމުގެ ހަމަލާ ދިނީ އިސްރާއީލުން ކަމަށް ދޭހަވާ ގޮތަށް މީޑިއާތަކުން ރިޕޯޓުކުރުމުން ސުނާކު ވަނީ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

މީގެއިތުރުން ފަލަސްތީނު އިސްރާއީލު މައްސަލައިގައި "ޓޫ ސްޓޭޓް ސޮލިޔުޝަން" އަކީ އިނގިރޭސިވިލާތުގެ ތާއީދުކުރާ ސިޔާސަތެއް ކަމުގައިވެސް ސުނާކު ވިދާޅުވެފައެވެ. މި ސިޔާސަތަށް ތާއީދު ކުރާ ކަމަށް ޗައިނާއިންވެސް މީގެކުރިން ވަނީ ބުނެފައެވެ.

ވިހި މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ޣައްޒާއަށް ފޯރުކޮށްދެއްވާނެ ކަމަށްވެސް ސުނާކު ވަނީ ވިދާޅުވެފައެވެ.

ސުނާކުގެ އިތުރުން އިނގިރޭސިވިލާތުގެ ލޭބާ ލީޑަރު ކެއިރް ސްޓާމާވެސް ވަނީ "ޓޫ ސްޓޭޓް ސޮލިޔުޝަން" އަށް ތާއީދުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި މި ހަނގުރާމައިގައި ހަމަލާތައް ދޭންވާނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކަމަށާއި ކުށެއްނެތް އާންމުންނަށް ހަމަލާތައް އަމާޒުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަލަސްތީނު ރައްޔިންތުންގެ ރައްކާތެރިކަމަށް ހަމާސްއިން ސަމާލުކަން ނުދިން ނަމަވެސް އިނގިރޭސިވިލާތުން އެކަމަށް ސަމާލުކަން ދޭ ކަމަށް ސްޓާމާ ވިދާޅުވިއެވެ.

comment ކޮމެންޓް