އެސްއޯއެފުން އެމްއެމްޕީއާރްސީއަށް ދައްކަންޖެހޭ 10 މިލިއަން ޑޮލަރުގެ މައްސަަލަ އަނެއްކާ ވެސް ކޯޓަށް

ސިވިލް ކޯޓު--

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ޖަމާކުރި ސްކޯސް އޮފް ފްލެއާ (އެސްއޯއެފް) ކުންފުނިން ޚިޔާނަތްތެރިވުމުން، އެ ފައިސާ ދައްކަން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ މައްސަަލަ އަލުން ސިވިލް ކޯޓަށް ވައްދައިފިއެވެ.

އެމްއެމްޕީއާރުސީއަށް 10،708،271 ޑޮލަރު ދައްކަން އެސްއޯއެފުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ 2017ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރެއެވެ.

އެއީ، ހަ މަސް ދުވަހަށް އެ ފައިސާ ބަހައިލައިގެން އެ ފައިސާ ކޯޓަށް ދެއްކުމަށެވެ. ނަމަަވެސް ހުކުމާ އެއްގޮތަށް އެ ކަން ކޮށްފައެއް ނުވެއެވެ.

މި މައްސަލަ އަލުން ކޯޓަށް ވައްދައިފައިވާއިރު ސިވިލް ކޯޓުން ބުނީ އެ ކޯޓަށް ދައުވާ ފޯމު ލިބިފައިވާ ކަމަށެވެ. ނަމަވެސް އަދި ރަޖިސްޓްރޭޝަނުގެ މަރުހަލާ އެއްކޮށް ފުރިހަމަ ނުވާ ކަމަށެވެ.

އެސްއޯއެފުން އެމްއެމްޕީއާރުސީއަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި މައްސަލަ އެންމެ ފުރަތަމަ ބަލަން ފެށީ ސިވިލް ކޯޓުގެ އަމިއްލަ އިސްނެގުމަށެވެ. އެކަމަކު، އަޑުއެހުންތަކަށް އެމްއެމްޕީއާރުސީން ހާޒިރުނުވުމުން އެ ފަހަރު އެ މައްސަލަ ބޭރުކޮށްލީއެވެ.

ބޮޑު ޚިޔާނާތެއް އެސްއޯއެފް މެދުވެރިކޮށް އެ ކުންފުނީގެ ތެރެއިން ހިނގި ނަމަވެސް ދައުލަތުން ނިންމީ އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރާށެވެ.

އެ ފަދައިން ނިންމިކަން ދައުލަތުން ހާމަ ކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަ އަބްދުލްގައްޔޫމަށް ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައެވެ.

އެސްއޯއެފުން އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރަން ޖެހޭ ފައިސާ ޖަމާނުވެ، އެ ފަައިސާ ލިބިފައިވާ މީހުން ކަމަށް ބުނެ ބައެއް މަޖިލިސް މެމްބަރުންނާއި ބައެއް މީހުންގެ ނަން ހިމެނޭ ލިސްޓެއް ވެސް އާންމުކޮށްފައިވެއެވެ.

comment ކޮމެންޓް