ޣައްޒާގެ ވަސީމް މުސްތަހާގެ ހަތަރު ކުދިން ސްކޫލަށް ނުދާތާ ދެ ހަފުތާވީއެވެ. ހިސާބާއި ޖިއޮގްރަފީ ދަސްކުރުމުގެ ބަދަލުގައި އެ ކުދިން މިހާރު ދަސްކުރަނީ މަދު މިންވަރަކަށް ލިބޭ ފެން ބަހާލައިގެން ބޭނުންކުރާނެ ގޮތެވެ.
ވަސީމާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ކޮންމެ ކުއްޖަކަށް ދުވާލަކު އެއް ފުޅި ފެން އޭނާ ގެނެސްދެއެވެ. އަދި އެ ފެން މުޅި ދުވަހަށް ބަހާލައިގެން ބޭނުންކުރުމަށް ބުނެއެވެ. ފުރަތަމަކޮޅު އެކަން އެ ކުދިންނަށް އުދަގޫވިއެވެ. ނަމަވެސް މިހާރު ވަރަށް ރަނގަޅުކޮށްފިއެވެ.
މިއީ ޔަހޫދީ އިސްރާއިލްގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ނުތިބެވިގެން ހާން ޔޫނުސްއަށް ބަދަލުވި އެތައް އާއިލާއެއްގެ ތެރެއިން އެއް އާއިލާގެ ވާހަކައެވެ. ވަސީމް އޭނާގެ އަންހެނުންނާއި އަށް އަހަރުގެ ދަރިފުޅު އަދި ފަނަރަ އަހަރުގެ ދަރިފުޅު ހާން ޔޫނުސަށް ބަދަލުކުރީ 1.1 މިލިއަން މީހުން ދިރިއުޅޭ ޣައްޒާއިން ބޭރުވުމަށް އިސްރާއީލުން އެންގުމުންނެވެ. ހާން ޔޫނުސްގައި ވަސީމްގެ އާއިލާ ދިރިއުޅެނީ އޭނާގެ ބޮޑު ދައިތައެއްގެ ގޭގައެވެ. ދުއިސައްތަ އަކަމީޓަރުގެ އެ އެޕާޓްމެންޓުގައި މިހާރު ވެސް ސަތޭކައެއްހާ މީހުން ދިރިއުޅޭ ކަމަށް ވަސީމް އަލްޖަޒީރާއަށް ބުންޏެވެ.
މިހާ ތޮއްޖެހިގެން މީހުން ދިރިއުޅެން ޖެހިފައިވާއިރު، އަނެއްކޮޅުން ހުޅުވާފައިވާ މަދު ފިހާރަތަކުން ސާފުތާހިރުވާން ބޭނުންކުރާ ތަކެތި ވަނީ ހުސްވާން ކައިރިވެފައެވެ. އަދި ފެން ވިއްކާ މަދު ފިހާރަތަކުން ވަނީ ފެނުގެ އަގު އިންތިހާއަށް ބޮޑުކޮށްފައި ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. އިސްރާއީލުން ހަމަލާތައް ދޭން ފެށިފަހުން ފެނުގެ އަގު ވަނީ ފަނަރަ އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އޭގެކުރިން އެ އަދަދު ހުރީ 7.40 އެމެރިކާ ޑޮލަރުގައެވެ.
ބުދަ ދުވަހު ވަސީމް އަލްޖަޒީރާއަށް ބުނެފައިވާ ގޮތުން 24 ގަޑިއިރު ތެރޭގައި އޭނާގެ އާއިލާ ބޭނުންކުރަން ހުރި ފެން ހުސްވާނެއެވެ. ހުސްވީމާ ދެން ހަދާނެ ގޮތެއް ނޭގޭ ކަމަށްވެސް ވަސީމް ވަނީ ބުނެފައެވެ.
ހާން ޔޫނުސުން ހިޔާވަހިކަން ހޯދާފައިވާ ޗެރިޓީ އިސްލާމިކް ރިލީފްގެ މުވައްޒަފަކުވެސް ވަނީ އަލްޖަޒީރާއަށް މިހާލަތު ސާފުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މައިންބަފައިންގެ ގޭގައި ގާތްގަނޑަކަށް ވިހި ކުޑަކުދިންނާއި ބޮޑު ހަތް މީހުން ދިރިއުޅެއެވެ. ނަމަވެސް އެހާ ގިނަ ބަޔަކު ތިބި ދިރިއުޅެއިރުވެސް ފެން ނުލިބުމުގެ ސަބަބުން އެ މީހުން ފާހާނާ ފްލަޝްކުރަނީ ހަމައެކަނި ދުވާލަކު ދެ ފަހަރެވެ.
އޭނާ އިތުރަށް ބުނިގޮތުގައި އެމީހުން ކައްކަނީ އެންމެ މަދުން ފެން ބޭނުން ކުރަންޖެހޭ ކާނާއެވެ. ނަމާދަށް އަރަން ވުޟޫ ކުރަން ދޮވެލަނީ އެންމެ ފަހަރަކު ނުވަތަ ދެފަހަރުއެވެ. އަވަށްޓެރިއެއްގެ ގޭގައި ވަޅެއް ހުރި ނަމަވެސް ފެން ޕަމްޕް ކުރާނެ ކަރަންޓެއް ނެތެވެ. ޖަނެރޭޓަރެއް ހުއްޓަސް އެއަށް އަޅާނެ ތެލެއް ނެތެވެ.
ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހުންގެ ހާލު އަދި މާ ދެރައެވެ. ކުޑަކުދިންނާއި އަލަށް އުފަންވެފައިވާ ތުއްތު ކުދިންގެ ގޮވައިގެން އުޅޭ ހިޔާވަހިކަމެއް ނެތް މީހުން އެބަތިއްބެވެ. މަގުމަތީގައި އިށީދެލައިގެން ތިބޭ މިފަދަ މީހުންނަށް ލިބޭނެ ކާއެއްޗެއް ފެނެއްވެސް ނެތެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އޮކްސްފާމާއި އދ. ގެ އޭޖެންސީތަކުން އިންޒާރުދީފައިވާ ގޮތުން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުނުކުރެވިދާ ހާލަތުގައި އަވަސްގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްނުދެވިއްޖެނަމަ، ކޮލެރާއާއި އެ ނޫންވެސް ފުރާނައަށް ނުރައްކާވާފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރުމުގެ ބިރު ވަރަށް ބޮޑެވެ.
އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ފެށިފަހުން އިސްރާއީލުން ވަނީ ޣައްޒާގެ ފެނާއި ނަރުދަމާ ނިޒާމްތައް ބަންދުކޮށް ކަރަންޓު ކަނޑާލާއި، ޣައްޒާއަށް އަޅާފައި އޮންނަ ފެން ހޮޅިވެސް ބަންދުކޮށްފައެވެ.
ޣައްޒާގައި ހިންގަމުންދިޔަ 65 ނަރުދަމާ ޕަމްޕިން ސްޓޭޝަންގެ ތެރެއިން ގިނަ ސްޓޭޝަންތަކާއި ނަޖިސްފެން ސާފުކުރާ ފަސް ފެސިލިޓީގެ ވެސް ވަނީ ހުއްޓާލަން މަޖުބޫރުވެފައެވެ. އޮކްސްފޭމާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ނަޖިސްފެން މިހާރު ކަނޑަށް ދޫކުރަމުންދާއިރު ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތަކާ އެކު ބައެއް އިތުރަށް ފެން ތަޣައްޔަރުވާނެއެވެ.
ޑީސެލިނޭޝަން ޕްލާންޓްތަކުގެ މަސައްކަތް ހުއްޓި، ކަރަންޓުނެތުމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެން ފޯރުކޮށެއް ނުދެވެއެވެ. މިއާއިއެކު ޣައްޒާގެ ބައެއް މީހުންނަށް މިހާރު މަޖުބޫރުވެފައި ވަނީ ކަނޑުގެ ލޮނުފެނާއި ނުސާފު ފެން ބުއިމަށެވެ.
އދ. އާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުއިމަށާއި، ފެންވެރުމަށާއި، ކެއްކުމަށް އަދި ފާޚާނާ ކުރުމަށް ޣައްޒާގެ ކޮންމެ މީހަކަށް މިހާރު ލިބެނީ ދުވާލަކަށް ތިން ލީޓަރު ފެނެވެ. ނަމަވެސް ދުނިޔޭގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުން އަސާސީ ބޭނުންތައް ފުއްދުމަށް އެކަނިވެސް ކޮންމެ މީހަކަށް ދުވާލަކު ފަންސާހާއި ސަތޭކަ ލީޓަރާއި ދެމެދުގެ މިންވަރަކަށް ފެން ބޭނުންވެއެވެ.
އޮކްސްފޭމްގެ ވެރިޔާ މެތިއު ޓްރަސްކޮޓާއި ހަވާލަދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮލެރާއަކީ ސާފު ފެން ނުލިބުމުގެ ސަބަބުން ފެތުރޭ ގިނަ ބަލިތަކުގެ ތެރެއިން އެއް ބައްޔެވެ. އަދި އަވަސް ގޮތެއްގައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވިއްޖެނަމަ، ނުރައްކާ ވަރަށް ކުޑަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދިޔަ ޓްރަކްތައް މިހާރު ވަނީ ޣައްޒާތެރެއަށް ވަންނަން ފަށާފައެވެ.
ޔަހޫދީ އިސްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 4000 އަށް ވުރެ އިތުރުވެފައެވެ.