ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ސިލިންޑަރެއް ގޮވައި، އިއްޔެ ހިނގި ހާދިސާގައި ޒަޚަމްވި އުމުރުން 37 އަހަރުގެ މުހައްމަދު އަހުމަދު، އިތުރު އޮޕަރޭޝަނަކަށް ފަހު ރާއްޖޭން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރާކަމަށް އާއިލާއިން ބުނެފިއެވެ.
މުހައްމަދު އަހުމަދުގެ އާއިލާއިގެ ފަރާތުން "ސަން"އަށް މައުލޫމާތު ދިން އަބްދުﷲ މުހައްމަދު ބުނީ، މި ވަގުތު އޭނާއަށް ފަރުވާ ދެނީ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި އިއްޔެ މާލެ ގެނައީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އޮޕަރޭޝަނެއް ކުރުމަށް ފަހު ކަމަށެވެ.
އޭނާ އޭޑީކޭއަށް ގެނައި އިރު ލޭގެ ޕްރެޝަރު ވަރަށް ދަށް ކަމަށާއި ނަމަވެސް މިހާރު ޕްރެޝަރު ރަނގަޅުވާ ކަމަށް އަބްދުﷲ މުހައްމަދު ބުުންޏެވެ.
އޭނާ ބުނީ، މުހައްމަދު އަހުމަދުގެ އަތުގެ އޮޕަރޭޝަނެއް އަދި ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަން ކުރެވޭނީ އިއްޔެ ކުރި އޮޕަރޭޝަނަށް 48 ގަޑިއިރު ހަމަވުމުން ކަމަށް އޭނާ ބުންޏެވެ.
"އެ އޮޕްރޭޝަނަށް ފަހު ރާއްޖޭން ބޭރަށް ގެންދާނީ. އާއިލާއިން ކުރިން ނިންމައިގެން ހުރީ މާދަމާ އިންޑިޔާއަށް ދާން ކަމަށް. އެކަމަކު ޑޮކްޓަރުންގެ ލަފާގެ މަތިން މި އޮޕަރޭޝަނަށް ފަހު ދެން ރާއްޖޭން ބޭރަށް އިތުރު ފަރުވާއަށް ދާން ނިންމައިގެން މި ތިބީ،" އޭނާ ބުންޏެވެ.
އަބްދުﷲ މުހައްމަދު ބުނީ، އެއާޕޯޓުގައި ހިންގި އެކްސިޑެންޓުގައި މުހައްމަދު އަހުމަދުގެ އަތަސް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވާކަމަށެވެ. ނަމަވެސް އެ ގެއްލުންތަކުގެ ތަފުސީލު އިނގޭނީ ދެވަނަ އޮޕަރޭޝަން ކުރެވުމުން ކަމަށް އޭނާ ބުންޏެވެ.
މުހައްމަދު އަހުމަދާ އެކު އެއާޕޯޓުގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން މި ވަގުތު ލިބޭ އެއްބާރުލުމާއި އެހީތެރިކަން އަބްދުﷲ މުހައްމަދު ވަނީ ފާހަގަ ކޮށްފައެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 11:45ހާއިރެވެ.