ޣައްޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް ހުއްޓުމަކަށް

ފަލަސްތީނުގެ ކެންސަރަށް ފަރުވާ ހޯދާ ދީނާ އަލް ދާނީ --- ފޮޓޯ/އަލްޖަޒީރާ

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އަލް ހަލްބީ އަރަބި ހޮސްޕިޓަލަށް މި ހަފުތާގެ ކުރީކޮޅު ބޮން އަޅައި 800 އެއްހާ މީހުން ޝަހީދުކޮށްލި ލާއިންސާނީ ގަތުލު އާންމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު ތިބީ ޝޮކެއްގައެވެ.

އަނެއްކޮޅުން މިހާރު އޮތް އަނެއް ބިރަކީ ޣައްޒާގައި ހުރި ހަމައެކަނި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރެވެ. އިސްރޭލުން މިމަހުގެ ހަތެއްގައި ހަނގުރާމަ އިއުލާންކޮށް ހަމަލާ ދޭން ފެށިތާ ދެ ދުވަސް ފަހުން ވަނީ މުޅި ޣައްޒާ އެއްކޮށް ބަންދުކޮށްފައެވެ.

އޭގެފަހުން މުޅި ހަނގުރާމައަށް ދެ ހަފުތާވާން ކައިރިވެފައިވާއިރު، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އަދިވެސް ފޯރުކޮށްދެވިފައި ނުވެއެވެ. މިއާއެކު އެ ހޮސްޕިޓަލުން ތެލާއި ފެނާއި ބޭސް ހުސްވަމުންދާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

"އަހަރުމެން މި ބަލަނީ ކޮންމެހެން ބޭނުންވާ ޚިދުމަތްތައް މެދުކެނޑުނަ ނުދީ ދެވޭތޯ." ކެންސަރު ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ސުބީ ސުކޭކް ވިދާޅުވި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

ޣައްޒާގައި ހުންނަ މި ހޮސްޕިޓަލަކީ ތުރުކީވިލާތުގެ އެހީގައި ބިނާކޮށްފައިވާ ހޮސްޕިޓަލެކެވެ.

ސުކޭކް ވިދާޅުވާ ގޮތުގައި އެ ހޮސްޕިޓަލުގެ މުހިންމު ޚިދުމަތްތަކަށް ބޭނުންވާ ތެޔޮ ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ހޮސްޕިޓަލުން ކިމޯތެރަޕީ ފަރުވާއަށް ބޭނުންވާ ބޭސްތައް މަދުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ކަރަންޓު ލައިންތަކަށް ބަރޯސާވެފައިވާ ޣައްޒާގެ ކަރަންޓު ވަނީ ކަނޑާލާފައެވެ. މީގެއިތުރުން އިސްރާއީލުން އެތެރެކޮށްގެން ގެންނަ ތެލަށް ބަރޯސާވެފައިވާ ޣައްޒާގެ ހަމައެކަނި އިންޖީނުގެ ވެސް އިސްރާއީލުން މިދިޔަ ހަފުތާގައި ވަނީ ހުއްޓުވާފައެވެ.

ކެންސަރު ހޮސްޕިޓަލް ހުއްޓިއްޖެއްނަމަ ޣައްޒާއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެއެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އެ ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާ ހޯދާ 9000 މީހުން މިހާރުވެސް އެބަ ތިއްބެވެ.

ނަމަވެސް އެތެރޭގައި ބޭނުންކުރާ ކުޑަކުޑަ ޖަނަރޭޓަރަކުން ޚިދުމަތް ނުދެވޭ ވަރަށް ގޮސް، މިހާރު އޮތީ ބަންދުވުމާ ހިސާބުގައެވެ. ބަލިމީހުންގެ އަދަދު ގިނަވުމުން ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުކުރެވޭނެ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

"އިންޓެންސިވް ކެއާ ޔުނިޓް ހިންގުމަށް ވަރަށް ގިނަ ކަރަންޓް ބޭނުންވާނެ، އަދި އޮކްސިޖަން މެޝިންތަކަށް ވެސް ވަރަށް ކަރަންޓް ބޭނުންވޭ." ހޮސްޕިޓަލްގެ ޚިދުމަތްތައް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި ސުކޭކް ވިދާޅުވިއެވެ.

ހޮސްޕިޓަލް ބަންދުކުރަން ޖެހުމަކީ އެ ހޮސްޕިޓަލުންދޭ ފަރުވާއަށް ބަރޯސާވެފައިވާ ގިނަ ބަލި މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމެކެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާގެ ތަރުޖަމާނު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވި ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައިވާ 70 އިންސައްތަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނާއި ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައި ތިބި އުމުރުން ދުވަސްވީ މީހުންނެވެ. އަދި އިސްރާއީލުން ތަކުރާރުކޮށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

comment ކޮމެންޓް