ޒާތީ ދިރިއުޅުމުުގެ ހިޔަނި ފިލްމީ ކެރިއަރަށް އެޅެން ކިއާރާ ބޭނުމެއް ނުވޭ

ކިއާރާ އާއި ސިދާތު ކައިވެނީގެ ހަފްލާ އެއްގެ ތެރެއިން

ބޮލީވުޑްގެ އެންމެ މަގުބޫލު ދެމަފިރިންގެ ތެރޭ ހިމެނޭ ކިއާރާ އަދުވާނީ އާއި ސިދާތު މަލްހޯތުރާ އަކީ އާއްމުންގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ދެ ތަރިންނެވެ.

ކައިވެނީގެ ކުރިން ވެސް މި ދެ ތަރިން ނަކީ، ނޫސްވެރިންގެ ސަމާލު ކަން ވަރަށް ބޮޑަށް ހޯދި ދެ ތަރިންނެވެ. ކައިވެންޏަށް ފަހު ނޫސް ރިޕޯޓަރުންގެ ކިބައިން ސަލާމަތް ވާނެ ކަމަށް ކިއާރާ އުއްމީދު ކުރި ނަމަވެސް އެކަން އެގޮތަށް ވަނީ ނުވެފައެވެ.

ދާދިފަހުން އިންޑިއާގެ މީޑީއާއަށް ދިން އިންޓަވިއު އެއްގައި ބަތަލާ ކިއާރާ ބުނެފައި ވަނީ ދެ ތަރިން ވެސް ބޭނުން ވަނީ އެމީހުންގެ އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަން މީޑިއާ ތަކާއި ވީހާ ވެސް ދުރުކުރުމަށް ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ، ކިއާރާ އާއި ސިދާތުގެ ފިލްމީ މަސައްކަތް ތަކަށް ވުރެ ބޮޑަށް އާއްމުންގެ ސަމާލުކަން ދެ ތަރިންގެ ޒާތީ ކަންކަމަށް އެނބުރުން ކަމަށް "ކަބީރު ސިންގް"ގެ ބަތަލާ ވަނީ ބުނެފައެވެ.

ސިދާތު އާއި ކިއާރާ ފިލްމު "ޝޭރްޝާހު" ގެ މަންޒަރެއްގައި

ސިދާތު އާއި ލޯބީގެ ގޮތުން ގުޅުމުގެ މާ ކުރިން ވެސް ދެ ތަރިންގެ އަމިއްލަ ކެރިއަރެއް އޮތް ކަމަށާއި މިއަދު ފިލްމީ ދާއިރާގައި ހާސިލު ކުރެވިފައިވާ މަގާމަކީ، ވަރަށް ބުރަކޮށް ދެ ތަރިން ވެސް މަސައްކަތް ކޮށް ހާސިލު ކޮށްފައިވާ މަގާމެއް ކަމަށް ކިއާރާ ވަނީ ސިފަ ކޮށްފައެވެ.

އެހެންކަމުން އަމިއްލަ ޒާތީ ހަޔާތުގެ ކަންކަން ޕްރޮމޯޓު ކުރުމަށް ވުރެ ބޮޑަށް ކިއާރާއަށް މުހިއްމީ ސިދާތު އާ ދެ މީހުންގެ ފިލްމީ މަސައްކަތްތައް އާއްމުންނާ ހަމައަށް ފޯރުކޮށް ދިނުން ކަމުގައި ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ"އިން އެންމެ ފަހުން ފެނުނު ބަތަލާ ވަނީ ރިތިކް ރޯޝަން ލީޑް ރޯލް ކުޅޭ ފިލްމު "ވޯ2" އަށް ސޮއި ކޮށްފައި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކިއާރާ އަންނަނީ ތެލުގޫ އެކްޓަރު ރާމް ޗަރަން އާއެކު ތެލުގޫ ފިލްމު "ގޭމް ޗޭންޖާ" ގައި ވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު