މުސްލިމުންގެ ހައިސިއްޔަތުން، އިސްލާމްދީނުގެ އެންމެހާ ފަރުޟުތަކަށް ފުރިހަމައަށް ރައްކާތެރިވެ އެ ކަންކަން އަދައިކުރުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު ދިވެހީންނަށް އިލްތިމާސްކުރައްވައިފިިއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ސިޔާމް ފޮނުއްވި ޚިޠާބުގައިވަނީ ރާއްޖެ އިސްލާމްވި ދުވަހުން ފެށިގެން ކާބަފައިން ވެސް ދީނުގެ ފަރުޟުތަކަށް ރައްކާތެރިވެ ދީނުގެ ޝިއާރުތައް ނަގަހައްޓައިފައިވާ ކަމަށެވެ.
އެ ކަމަށް ޓަކައި ކާބަފައިން ޖާނާއި މާލުން ޤުރުބާންވިއިރު އެ ކަމުގެ ހަނދާން ވެސް އައުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖެ އިސްލާމްވީއްސުރެ އަޅުގަނޑުމެންގެ ކާބަފައިން ވަނީ މިދީނުގެ ފަރުޟުތަކަށް ރައްކާތެރިވެ، ދީނުގެ މަތިވެރި ޝިޢާރުތައް ނަގަހައްޓައި، ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކޮށް ޖާނާއި، މާލުން ގުރުބާންވެފައި. އަޅުގަނޑުމެން އަބަދު ވެސް މިކަން ހަނދާންކުރުން މަތީ ދެމިތިބުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އިސްލާމްދީނުގެ ހިދާޔަތަކީ ދިވެހިންނަށް ލިބުނު އެންމެ ފުރިހަމަ އެންމެ އަގުބޮޑު ނިއުމަތްކަމަަށެވެ. އެހެންކަމުން މި ނިއުމަތް އަޅުގަނޑުމެންނަށް ގެނެސްދެއްވުމުގައި މެދުވެރިންގެ ގޮތުގައި މިންވަރު ކުރެއްވި އެންމެންގެ ޒިކުރާ އައުކުރުމަކީ ވެސް މުހިންމު ކަމެއްކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.
"އެހެންކަމުން ދިވެހިރާއްޖެ އިސްލާމު ކުރެއްވުމުގައި މެދުވެރިއަކަށްވި މަޣްރިބް ކަރައިގެ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އޭރުގެ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރަސްގެފާނު އައްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާކުރަން،" އެ މަނިކުފާނުގެ ޚިޠާބުގައިވެއެވެ.
އެ މަނިކުފާނު ވިދާޅުވީ އިސްލާމްދީނަކީ ދިވެހިންގެ ގައުމިއްޔަތުގެ ވެސް އެންމެ މުހިންމު ރުކުން ކަމަށެވެ. އަދި މިއީ މިއަދު ދިވެހިންގެ އަތުގައިވާ މިނިވަންކަމާއި، އެއްބައެއްވަންތަކަމުގެ އަސްލުކަމަށާއި އިސްލާމްދީނުގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފައިވާކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެެވެ.
އެއާއެކު ސިޔާމް ވަނީ މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ޔަހޫދީން ދެމުން އަންނަ ލާއިންސާނީ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ވީހާ ވެސް އަވަހަކަށް ގާއިމުކޮށްދިނުމަށް ބައިނަލްއަގްވާމީ، އެންމެހާ އިދާރާތަކާއި، ހުރިހާ އިސްލާމީ ޤައުމުތަކަށް ގޮވައިލައްވައިފައެވެ.