ޣައްޒާގެ ބިމު އަޑީގައި ބިނާކޮށްފައިވާ ބިންގަރާސްތައް އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ މިސްރުން ކާބޯތަކެތި އެތެރެކުރުމާއި، އިސްރާއީލަށް ހަމަލާދޭ ތަންތަނުގެ ގޮތުގައެވެ.
ނަމަވެސް އިސްރާއީލްގެ ދިފާއީ ބާރުތަކުގެ ބަހުން ނަމަ "ޣައްޒާ މެޓްރޯ" އަކީ މި ދެންނެވި ކަންކަމަށްވުރެ މާ ފުޅާކޮށް ކަންކަން ކުރުމަށް ބޭނުންކުރާ ބިންގަރާސްތަކެކެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން މި ބިންގަރާސްތަކުގައި ވަނީ ރޮކެޓްތަކާއި ވަޒަން ރައްކާކޮށްފައެވެ. އަދި ހަމާސްގެ ކޮމާންޑު ސެންޓަރުތައް މިތަނުގައި ގާއިމު ކޮށްފައިވާއިރު، މި ހުރިހާ ސެންޓަރުތަކެއްވެސް ހުންނަނީ އިސްރާއީލް ދިފާއީ ބާރުތަކުން ހަމާސްއަށް ފާރަވެރިވާން ބޭނުންކުރާ މަތިންދާ ބޯޓުތަކާއި ޑްރޯންތަކަށް ނުފެންނަ ގޮތަށެވެ.
ސީއެންއެންއިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގެ ބިމު އަޑީގައި 500 މީޓަރުގެ ބިންގަރާސް ހަދާފައިވާނެ ކަމަށް 2021 ވަނަ އަހަރު ހަމާސްއިން ވަނީ ބުނެފައެވެ. ނަމަވެސް މިއީ ސައްހަ އަދަދެއް ކަމަށް ކަށަވަރެއް ނޫނެވެ.

މި ބިންގަރާސްތައް ބިނާކުރުމަށް ހަމާސް އިން ހަރަދުކޮށްފައި ވަނީ ކިހާވަރަކަށް ކަމެއްވެސް ނޭގެއެވެ. ނަމަވެސް އެކަމަށް އިންސާނީގެ އެހީގެ އިތުރުން ފައިސާގެ ގޮތުން ބަލާ ނަމަވެސް ބޮޑު ހަރަދެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ސީއެންއެން އިން ރިޕޯޓުކުރެއެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން އިސްރާއީލުން ވަނީ ބިމާ، ކަނޑު އަދި ވައިގެ މަގުންވެސް ޣައްޒާ ބަންދުކޮށްފައެވެ. ބިމުއަޑީގައި ވަރުގަދަ ބިންގަރާސްތައް ހަދާނެ އާލާތްތައް ޣައްޒާގައި ހުންނާނެ ކަމަކަށްވެސް މިހާތަނަށް ބެލެވިފައެއް ނުވެއެވެ. އަދި ބިންގަރާސްތައް ކޮނެ ކޮންރީޓްއަޅާފައި ވަނީ ބިމު އަޑި ކޮންނަން ބޭނުންކުރާ އާދައިގެ އާލާތްތައް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށްވެސް ސީއެންއެން އިން ރިޕޯޓުކުރެއެވެ.
ހަމާސްއަށް ފާޑުކިޔާ މީހުން ބުނާ ގޮތުން ބިންގަރާސްތަކަށް ބޮޑު ހަރަދު ކުރުމަށްވުރެ އިސްރާއީލް ބޯޑަރު ކައިރީ އިންޒާރުދޭ ނެޓްވޯކު ގާއިމުކުރުން މުހިންމެވެ. އަދި އިސްރާއީލުން ބޮން އަޅާފައިވާ އާންމުން ދިރިއުޅޭ ސަރަހައްދުތައް ބިނާކުރަން ހޭދަކުރި ނަމަ މާރަގަޅުވީހެވެ.
އަފްޣާނިސްތާނުގެ ފަރުބަދަތަކުގައި ހުންނަ އަލްގައިދާ ނުވަތަ ދެކުނު އިރުމަތީ އޭޝިއާގެ ޖަންގަލީގައި ހުންނަ ވިއެޓް ކޮންގްއާ ހަމާސްގެ ބިންގަރާސްތައް ތަފާތުވާ ގޮތަކީ، މުޅި ދުނިޔޭގައިވެސް އެންމެ އާބާދީ ބޮޑު އެއް ސަރަހައްދުގެ އަޑީގެ ބިންގަރާސްތައް ހަދާފައިވާކަމެވެ. ޣައްޒާ ސިޓީ އެކުލެވޭ 88 އަކަމީޓަރުގެ ސަރަހައްދުގައި ގާތްގަނޑަކަށް ދެ މިލިއަން މީހުން ދިރިއުޅެއެވެ.
އިސްރާއީލްގެ ރިޗްމޭން ޔުނިވާސިޓީގެ ރިޗްމޮންޑް ބަރާކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކުރާ ގޮތުގައި ބިންގަރާސްތަކަށް ހަމަލާ ދިނުމަކީ އަބަދުވެސް އުދަގޫ ކަމެކެވެ. އެއީ ފަރުބަދަމަތީގައި ހުރި ތަނެއް ނަމަވެސްމެއެވެ. ވީމާ މީހުން ދިރިއުޅޭ ތަނެއްގައި ބިންގަރާސްތައް ހުންނައިރު އެކަން އަދި މާ އުދަގޫވާނެ ކަމަށް ރިޗްމަންޑް ބުނެއެވެ.
ޣައްޒާގެ ބިންގަރާސްތައް ނައްތާލުމަށް އިސްރާއީލުން ވަނީ އެތައް މަސައްކަތެއް ކޮށްފައެވެ. އެގޮތުން 2014 ވަނަ އަހަރު އިސްރާއީލުން ވަނީ ޣައްޒާގެ ބިމަށް ވަދެ ހަމަލާތައް ދީފައެވެ.
ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ޒަމާނި ސެންސަރުތަކާއި ސްމާޓް ސިސްޓަމްތަކުން ބޯޑަރު ރައްކާތެރި ކުރުމަށް އިސްރާއީލުން މަސައްކަތް ކުރި ނަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ވަނީ ބިމާއި ވައިގެ މަގުން އަދި ކަނޑުންވެސް އިސްރާއީލަށް ހަމަލާތައް ދޭން ފަށާފައެވެ.