ބައެއް ޒުވާނުން އިސްލާމްދީން އުނދަގޫކަމަށް ދެކޭ، އެއީ ކުށް ހީއެއް: އިމްރާން

16 އޮކްޓޯބަރު 2023: ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން ވާހަަކަދައްކަވަނީ -- ފޮޓޯ/ ހޯމް މިނިސްޓްރީ

އިސްލާމްދީނަކީ އުނދަގޫ ދީނެއްގެ ގޮތުގައި ދިވެހި މުޖުތަމައުގައި އުޅޭ ބައެއް ޒުވާނުންގެ މެދުގައި ވެސް ގަބޫލުކުރެވެމުން އަންނަކަމަށާއި އެއީ ކުށްހީއެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މިއަދު މުޅި އިސްލާމީ އުންމަތަށް ބަލައި ނަމަވެސް ދީނުގެ އިލްމު އުނގެނިގެން ތިބި މީހުންގެ އަދަދު މަދުކަމަށާއި ރާއްޖޭގައި ވެސް ކަން އޮތީ އެފަދައިން ކަމަށެވެ.

އެއާއެކު ގިނަ ބަޔަކު އިސްލާމްދީނަށް ވަންނައިރު މުޅި ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް ޚާއްސަކޮށް ޒުވާނުންގެ މެދުގައި މި ދީނަކީ ގިނަ ކަންތައްތަކެއް ދަސްކުރަން އޮންނަ އުނދަގޫ ދީނެއްކަމަށް ހީކުރާ މީހުން ގިނަ ކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް ދީނަށް ވަނުމާއި ދީނުގެ އަސްލުގެ މަތީ ދެމި ހުރުމަކީ ފަސޭހަ ކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ.

16 އޮކްޓޯބަރު 2023: ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ހޯމް މިނިސްޓްރީ

"އެހެންނަމަވެސް އެ ދީނަށް އަސްލު ވަނުމަކީ އުނދަގޫ ކަމެއް ނޫން...އިސްލާމްދީނުގައި އެބައޮތް ވަރަށް ވަރުގަދަ އަސާސްތަކެއް. އޭގެ މައްޗަށް ދީނުގެ އަސްލު ބިނާވާ ކަންތައްތަކެއް. އެ ކަމުގެ ތެރެއަށް ވަނީމާ މުއުމިނަކަށްވަނީ ނުވަތަ އިސްލާމަކަށްވަނީ،" އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ހުރިހާ އެންމެންނަށް އެއް ފެންވަރަކަށް ދީން އެނގެންޖެހޭކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އެ ވިސްނުމުގައި އެއް ފެންވަރަކަށް ދީން ނޭނގޭ މީހާއާ ދިމާއަށް ބަދު ބަސް ރައްދުކޮށްގެން ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

"އެކަމަކު ހުރިހާ އެންމެންނަކީ ދީން އެއްވަރަށް އެނގޭ ބަޔަކަށް ވެދާނެކަމަކަށް އެއީ މުޖުތަމައުތަކުން ފެންނާނެކަމެއް ނޫން. އެކަމާ ހުރެ އަނެކެއްގެ މައްޗަށް ބަދު ބަސް ބުނެ ނިކަމެތިކޮށް އިހާނެތިކުރުމަކީ އެކަކު ވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިސްލާމްދީނާއި އެހެން ދީންތަކާ އޮތް ތަފާތަކީ މި ދީނަކީ އެ މީހަކު ބޭނުންވާ ގޮތަކަށް ބަދަލުކުރެވެން ނޯންނަ ދީނަކަށް ވުން ކަމަށެވެ. އެއީ އިސްލާމްދީން، އެންމެ ފަހުގެ ދީނަށްވާ ސަބަބުކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އަދި މިއީ އިސްލާމްދީން އެންމެ ފުރިހަމައަށް ނޭނގޭ މީހާއަށް ވެސް ދީނުގެ އަސްލު ދެނެގަންނަން ފަސޭހަވާ ސަބަބު ކަމަށެވެ.

"އެހެންނަމަވެސް އިސްލާމްދީނާއި އެެހެން ދީންތަކާ އޮތް ތަފާތަކީ މުސްލިމުންގެ ތެރެއިން ކިތަންމެ ބަޔަކު ދީން ނޭނގި ދީނާ ދުރަށް ދިޔަސް ދީނުގެ ކަންކަމުން އެއް ފަރާތް ވިޔަސް ބައެއް މީހުން ދީނަށް ނުރުހުނަސް ދީނުގެ އަސްލު ބެލުމަށް ބޭނުންވާ ކޮންމެ މީހަކަށް އެ ދީނުގެ އަސްލަށް ރުޖޫއަވުން އެއީ ވަރަށް ފަސޭހަ ކަމެއް. ދީން އެނގުމަކީ ވަރަށް ފަސޭހަ ކަމެއް،" އިމްރާން ވިދާޅުވިއެވެ.

ރަސޫލާގެ ހަދީސުން ވެސް އެނގޭ ގޮތުގައި އިސްލާމްދީނުގެ ކަމެއް ސާފުކުރަން ބޭނުންނަމަ ބަލަންވީ ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީޘް ބަސްފުޅުތަކަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިންސާނީ މުޖުތަމައުއަކަށް މާތްﷲ ދެއްވާނެ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީނުގެ ހިދާޔަތް ދެއްވުން ކަމަށެވެ. އަދި އިސްލާމްކަމުގެ މަތީގައި އެ މުޖުތަމައު ކުރިއަރައި ތަރައްގީވެ ދިއުންކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިސްލާމް ދީނަކީ ދިވެހި ގައުމީ ތަނބުތަކުގެ ތެރެއިން އެންމެ މައި ތަނބު ކަމަށެވެ. އަދި ރާއްޖެ އިސްލާމްވި ދުވަސް ދިވެހީން ފާހަގަކުރަންވީ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް