އެންޑްރޮއިޑް ފޯނުތަކުގައި އެއް އަތުން ވަޓްސްއެޕް ބޭނުން ކުރަން ފަސޭހަކޮށްދޭ ފީޗާއެއް

ވަޓްސްއެޕްއިން އެންޑްރޮއިޑް އެޕަށް ތައާރަފު ކުރާ ބޮޓަމް-ޓެބްޑް ފީޗާ ފެންނަ ގޮތް --

އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް އެއް އަތުން ވަޓްސްއެޕް ބޭނުން ކުރަން ފަސޭހަކޮށް ދިނުމަށް އާ ފީޗާއެއް ތަޢާރަފްކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ވަޓްސްއެޕްގެ އެންޑްރޮއިޑް އެޕް އިންޓަފޭސްއަށް ބޮޑު ބަދަލެއް ގެނެސް، އެއް އަތުން ބޭނުން ކުރެވޭ ގޮތަށް ޔޫޒަރުންނާ ރައްޓެހި އާ ފީޗާއެއް ތަޢާރަފުކުރަން ނިންމިއިރު، އެ ކުންފުނިން ވަނީ ވަޓްސްއެޕް އެންޑްރޮއިޑް އެޕްލިކޭޝަންގެ ތިރިން ޓެބްތައް ފެންނަ ޑިޒައިނެއް ވެސް ޓެސްޓްކޮށްފައެވެ.

އައިއޯއެސް ވާޝަންގައި މިހާރުވެސް މިފީޗާ ފެންނަން ހުރެއެވެ.

ގޫގުލް ޕްލޭ ސްޓޯރުން ލިބެންހުރި ވަޓްސްއެޕް އެންޑްރޮއިޑް ވާޝަން (2.23.20.76) އިންސްޓޯލް ކޮށް ބޭނުންކުރާ މީހުންނަށް އާ ބޮޓަމް-ޓެބްޑް އިންޓަފޭސް ލިބޭނެކަމަށާއި، މި އަޕްޑޭޓާއެކު ވަޓްސްއެޕް އެއް އަތުން ބޭނުން ކުރަން ފަސޭހަކަން އިހުސާސް ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މި ބަދަލުގެ ސަބަބުން ނެވިގޭޝަން ޓެބްތައް މަތިން ތިރިއަށް ބަދަލުކޮށް، ހަތަރު ޓެބް ހިމެނޭ، ޗެޓްސް، އަޕްޑޭޓްސް، ކޮމިއުނިޓީސް އަދި ކޯލްސް، މިހާރު ސްވިފްޓް ނެވިގޭޝަންގެ އައިކަންތަކާ އެކު ފެންނަން ހުންނާނެއެވެ.

މި އަޕްޑޭޓަކީ ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ތަޖުރިބާ އާއި އެކްސެސިބިލިޓީ ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެސްދިން އަޕްޑޭޓެއް ކަމަށް ވަޓްސްއެޕުން ބުނެއެވެ.

ދާދި ފަހުން އެ ޕްލެޓްފޯމުން ގެނައި ބަދަލުތަކުގެ ތެރޭގައި އިންޓަފޭސްއަށް ގެނައި ބޮޑެތި ބަދަލުތަކެއް ހިމެނެއެވެ. އެގޮތުން ލައިޓް މޯޑުގައި އޯލް ވައިޓް އިންޓަފޭސްއެއް ބޭނުންކުރެވޭ ގޮތް ހަދައި، އެޕްގެ އެންމެ މަތީގައި ވާ އައިކޮނިކް ގްރީން ބާ ނަގައި، ޑާކް މޯޑުގައި ޑާކް ގްރޭ އެޕިއަރެންސަކަށް ބަދަލު ކުރުން ހިމެނެއެވެ.

މީގެ އިތުރުން އެޕްލިކޭޝަނުން ކުލަތައް ފެންނަ ގޮތަށް ބަދަލުގެނެސްފައިވެއެވެ. މި ބަދަލުތަކުގެ ބޭނުމަކީ ވަޓްސްއެޕްއަކީ މީހުންނާ ރައްޓެހި، މޮބައިލް މެސެޖިންގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައިވާ އެޕްލިކޭޝަނަކަށް ހެދުން ކަމަށް އެކުންފުނިން ބުނެއެވެ.

comment ކޮމެންޓް