އުރަމަތީ ކެންސަރާއި ކުށްހީތައް

ފިރިހެނުންނަށް އުރަމަތީގެ ކެންސަރެއް ނުޖެހެއެވެ؟ ބުރާ ނޭޅީމަ ކެންސަރު ޖެހުން ކުޑަކޮށްދެއެވެ؟ މެމޮގްރާމްގެ ރޭޑިއޭޝަންއިން އުރަމަތީ ކެންސަރު ނެތަސް ޖެހެއެވެ؟ އެކްސިޑެންޓަކާއި ހެދި އުރަމަށްޗަށް އަނިޔާއެއް ލިބިއްޖެނަމަ އުރަމަތީ ކެންސަރު ޖެހިދާނެއެވެ؟ އުރަމަތީގެ ކެންސަރާ ބެހޭ ގޮތުން ގިނަ މައުލޫމާތު ލިބޭއިރު މީގެ ތެރޭގައި ދޮގު މައުލޫމާތު ވެސް ދައުރުވެއެވެ. މިފަދަ ދުވަސްވީ އާންމު ޙިޔާލުތަކުގެ ހަގީގަތް ބަލާލަމާހެއްޔެވެ.

އެމެރިކަން ކެންސާ ސޮސައިޓީން ލަފާ ކުރާގޮތުގައި މި އަހަރު 297،790 މީހަކަށް އުރަމަތީގެ ކެންސަރު ޖެހޭނެއެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ 9,940 ކޭސް އިތުރު އަދަދެކެވެ.

ދޮގު: އުރަމައްޗަށް ލިބޭ އަނިޔާއަކުން އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވެދާނެ

ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން، ކުރާ ކަމެއްގެ ސަބަބުން އުރަމަށްޗަށް ލިބޭ އަނިޔާއަކާ އުރަމަތީގެ ކެންސަރާ ސީދާ ގުޅުމެއް އޮތްކަމެއް އެއްވެސް ހޯދުމަކުން އެނގިފައެއްނުވެއެވެ. އަދި, މިފަދަ އަނިޔާތަކަކީ ގިނަ ދުވަސްތަކެއްނުވެ ނޭނގި ރަނގަޅު ވެސް ވެދާނެ އަނިޔާތަކެކެވެ.

ވޯލްޑް ކެންސާ އޯގަނައިޒޭޝަންއިން ބުނެފައިވަނީ މިފަދަ އަނިޔާއަކާ ހެދި ހެދޭ ޓެސްޓުތަކުން އުރަމަތީގެ ކެންސަރެއް ހުރިކަމުގެ ނިޝާން ފެނުނަސް، އެއްވެސް ހާލެއްގައި އެފަދަ އަނިޔާއަކުން މިފަދަ ކެންސަރު ނުޖެހޭ ކަމަށެވެ. މިހާ ހިސާބުން އިތުރު ޓެސްޓުތައް ހަދާ ޑޮކްޓަރުގެ ލަފާގެ މަތިން ކުރިއަށް ގެންދިޔުން މުހިއްމެވެ.

ސްކްރީނު ކުރުމުން އުރަމަތީގެ ކެންސަރުގައި މަރުވާ މީހުންގެ އަދަދު މަދުވޭ


ދޮގު: އުރަމަތީގައި ގޮށެއް ލުމުގެ މާނައަކީ އުރަމަތީގެ ކެންސަރު ޖެހުން

އެމެރިކަން ނެޝަނަލް ބްރެސްޓް ކެންސާ ފައުންޑޭޝަންއިން ހާމަ ކޮށްފައިވާގޮތުގައި އުރަމަތީގައި ލާ ގޮށްތަކުގެ ތެރެއިން ކެންސަރަށް ވެގެންދަނީ ހަގީގަތުގައި ވަރަށް މަދު އިންސައްތައެކެވެ. ނަމަވެސް އުރަމަތީގެ ޓިޝޫއަކަށް ބަދަލެއް އައިކަން އިހުސާސް ވެއްޖެނަމަ، ނުވަތަ ކުލައަކަށް ބަދަލެއް އަންނަ ތަން ފެނިއްޖެނަމަ އެކަން ހަނދާން ނަށްތާލާކަށް ނުވާނެއެވެ. ޑޮކްޓަރަށް ދައްކައިގެން ކްލިނިކަލް ބްރެސްޓް އެގްޒަމިނޭޝަނެއް ހެދުން ވަރަށް މުހިންމެވެ. އެހާ ހިސާބުން ގޮށަކީ ކަންބޮޑުވާ އެއްޗެއްތޯ ނުވަތަ ނޫންތޯ ދެނެގަނެވިދާނެއެވެ. ރޫޓިން ބްރެސްޓް ސެލްފް އެގްޒަމިނޭޝަން ހެދުމާއި، އަހަރީ ކްލިނިކަލް ބްރެސްޓް ޓެސްޓުތަށް ހެދުމާއި، ރޫޓިން ސްކްރީނިން މެމޯގްރާމްތައް ޝެޑިއުލްކޮށްގެން ހަދާ ބެލުން، މިއީ މުޅިހަށިގަނޑުގެ ސިއްޙަތަށް މުހިންމު ކަމެކެވެ.

ދޮގު: ފިރިހެނުންނަށް އުރަމަތީގެ ކެންސަރެއް ނުޖެހޭ

ފިރިހެނުންގެ ވެސް އުރަމަތި ހުރެއެވެ. ދެ ޖިންސުގެ މޭމަތީގައި އުފުލިފައި ހުންނަ މި ގުނަވަން އުފެދިފައިވަނީ ސެލްސް އާއި ޓިޝޫތަކުންނެވެ. ކެންސަރުގެ އަސަރަކީ މި ސެލްސް އާއި ޓިޝޫތަކަށް އަންނަ ނޭދެވޭ ބަދަލުތަކެކެވެ. މިފަދަ ނޭދެވޭ ބަދަލުގެ ސަބަބުން އުރަމަތީގެ ބޭރުފުށުން ކެންސަރު ދެނެގަތުމަށް އެހީވެދެއެވެ.

މި އަހަރު ގާތްގަނޑަކަށް 2،800 ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހި، 530 މީހުން މަރުވާނެ އެމެރިކާގެ ނެޝަނަލް ބްރެސްޓް ކެންސާ ފައުންޑޭޝަން އިން އަންދާޒާ ކުރެއެވެ. އެހެންކަމުން ފިރިހެނުން ވެސް އުރަމަތީގެ ސެލްފް އެގްޒަމިނޭޝަނެއް ހަދައި، އެއްވެސް ބަދަލެއް އަތުވެއްޖެނަމަ ޑޮކްޓަރުންނަށް ރިޕޯޓްކުރުން މުހިއްމެވެ.

އާންމުގޮތެއްގައި ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހެނީ ނިޕަލް އާއި އެރިއޯލާގެ ތިރީގައި ލަމްޕެއް/ގޮށްގަނޑެއް ގޮތުގައެވެ. އުރަމަތީ ކެންސަރުގައި ފިރިހެނުން މަރުވާވަރު އަދިވެސް ބޮޑީ މި ޖިންސުގެ މެދުގައި ހޭލުންތެރިކަން ކުޑަވެ ޑޮކްޓަރަށް ދައްކާ ވަރު މަދުވުމުގެ ސަބަބުންނެވެ. ކެންސަރު ޖެހޭ މީހުންގެ ތެރެއިން، ފިރިހެނުން މަރުވާ މިންވަރު، އަންހެނުންނަށްވުރެ 25 އިންސައްތަ ބޮޑެވެ.

ފިރިހެނުންގެ ވެސް އުރަމަތި ހުރެއެވެ. އަދި، އުރަމަތީގެ ކެންސަރު ވެސް ޖެހެއެވެ. މި ވަގުތު ރާއްޖޭގައި ފިރިހެނުނަށް ވެސް ޗެކްއަޕް ހެދެއެވެ. ދެހާސް ސާދަވަނަ އަހަރު އުފެދުނު “male breast cancer happens” ކިޔާ ނޮންޕްރޮފިޓް، ޕޭޝަންޓް އެޑްވޮކަސީ އޯގަނައިޒޭޝަންއަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކެންސަރު ޖެހިފައިވާ ފިރިހެނުންނަށް އެހީވާ އޯގަނައިޒޭޝަންއެކެވެ.

ކެންސަރު ދުވަހާ ގުޅިގެން . ދިއްގަރު ގައި ބޭއްވި ހާއްސަ ހަރާކާތުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް

ދޮގު: މެމޯގްރާމަކުން އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވެ ނުވަތަ ފެތުރިދާނެ

އަށާރަސަތޭކަ ނުވަ ދިހަ ފަސްވަނަ އަހަރުގައި އެންމެ ފުރަތަމަ އެކްސް ރޭ ހެދުމާއެއްކޮށް މެމޮގްރާމްއަށް ބިންގާ އެޅުނެވެ. އަދި، 1937 ގައި ސާޖަރީއާއެއްކޮށް އެންމެ ފުރަތަމަ ރޭޑިއޭޝަން ތެރަޕީ ވެސް ދެވެން ފެށުނެވެ. ދުނިޔޭގެ ބްރެސްޓް ކެންސާ ރިސާޗް އޯގަނައިޒޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި އުރަމަތީގެ ކެންސަރު އެންމެ އަވަހަށް ދެނެގަތުމަށް ކުރެވޭ ޓެސްޓު ތަކަކީ މެމޯގްރާމް ނުވަތަ އުރަމަތީގެ އެކްސްރޭއެވެ.

އެ އޯގަނައިޒޭޝަނުން ބުނެފައިވާ ގޮތުގައި މެމޯގްރަފީގައި ބޭނުންކުރާ ރޭޑިއޭޝަން އެކްސްޕޯޒާގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށްވުރެ، ލިބޭ ފައިދާ އިންތިހާ ބޮޑެވެ. އަދި، އެކަމުގައި ބޭނުން ކުރަނީ ވަށައިގެންވާ މާހައުލުގައިވާ އެއްޗެހިން ދޭ ނެޗުރަލް އަދި އާޓިފިޝަލް ރޭޑިއޭޝަނަށް ވުރެން ވެސް ކުޑަ މިންވަރެކެވެ.

އެހެން ކަމުން ކުރަން ޖެހޭ ޓެސްޓުތަކުން ކެންސަރު ފެތުރޭ ވާހަކައަކީ ދޮގު މައުލޫމާތެކެވެ. ސްޓޭންޑާޑް ރެކޮމެންޑޭޝަނަކީ އުމުރުން 40 އަހަރުން ފެށިގެން، އަންހެނުން ކޮންމެ އަހަރަކު ވެސް މެމޯގްރަފިކް ސްކްރީނިން ހެދުން ކަމަށް ވެސް އެ އޯގަނައިޒޭޝަނުން ބުނެފައިވެއެވެ.

ދޮގު: އުރަމަތީގެ ކެންސަރުގެ ޢާއިލީ ތާރީޚެއް އޮތްނަމަ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ވެސް ބޮޑު

އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން، އެންމެ 10 އިންސައްތަ މީހުންނަކީ އާއިލާގައި ކެންސަރުގެ ތާރީހެއް އޮތް މީހުންނެވެ.

ދުނިޔޭގެ ކެންސާ އޯގަނައިޒޭޝަންގެ ހޯދުންތަކުން ވެސް ދައްކާ ގޮތުގައި ކެންސަރު ޖެހޭ މީހުންގެ ތެރެއިން 5-10 އިންސައްތަ މީހުންނަކީ ހެރެޑިޓަރީ ކެންސާ ޕޭޝަންޓުންނެވެ. ކެންސަރު ޖެހިފައިވާ ގިނަ މީހުންނަކީ އާއިލާގައި އެއްވެސް ވަރަކަށް އުރަމަތީގެ ކެންސަރުގެ ތާރީޙެއް ނެތް އަންހެނުންނެވެ. ނަމަވެސް ހުރިހާ ހޯދުންތަކުން ވެސް އިއްތިފާގުވާ އެއްކަމަކީ، ހުން އައުމުގެ ކުރިން ރަޖާލުމަކީ އެންމެ ބުއްދިވެރި ކަމެއްކަމެވެ.

އެހެން ކަމުން އާއިލާގައި މަންމަ، ދަރިފުޅު ނުވަތަ އުމުރުން 50 އަހަރަށްވުރެ ހަގު ދައްތައެއްގެ ހަށިގަނޑުގައި ކެންސަރު ހުރެއްޖެނަމަ، އަވަހަށް ބްރެސްޓް އެގްޒެމިނޭޝަން ހެދުން އަވަސްކުރުން މުހިއްމެވެ. މިއީ އެންމެ ރިސްކް ބޮޑު ގްރޫޕެވެ. އަދި އާއިލާގައި މާމަ ނުވަތަ ބޮޑުދައިތައަށް ކެންސަރު ޖެހިފައިވާނަމަ، ތިމާއަށް ޖެހުމުގެ ރިސްކް ކުޑައެވެ. މިއީ ސެކްންޑް ޑިގްރީ ރިލޭޓިވްސް ނުވަތަ ދެވަނަ ޖީލެވެ. އާއިލާގެ މި ބުނެވުނު ހުރިހާ ޖީލެއްގައިވެސް އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުން ތިބިނަމަ، ބްރެސްޓް ކެންސާ ޖީން އެއް އާއިލާގައި ހުރުން ވަރަށް ގާތެވެ. މިއީ ހެރެޑިޓަރީ ބްރެސްޓް ކެންސާއެވެ.

ދޮގު: އުރަމަތީގެ ކެންސަރަކީ ގައިން ގަޔަށް އަރާ ބައްޔެއް

އުރަމަތީގެ ކެންސަރު ޖެހި، އެ މީހާގެ ކިބައިން އެހެން މީހުންގެ ގައިންގަޔަކަށް ނާރާނެއެވެ. މި ކެންސަރަކީ ސެލްތައް މިއުޓޭޓް ވާން ފަށާ ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެމުންގޮސް، އުރަމަތީގެ އެތެރޭގައިވާ ޓިޝޫތަކަށް މީގެ އަސަރުކުރުމެވެ. ކެންސަރު ޖެހިފައިވާ މީހަކުގައިގައި އަތް ލައިގެން ނުވަތަ ބޭނުންކޮށްފައިވާ އެއްޗެއް ބޭނުން ކޮށްގެން މި ކެންސަރެއް އެއްވެސް ގޮތަކަށް ނުޖެހޭނެއެވެ. ރިސްކް ފެކްޓާތަކަށް ހޭލުންތެރިވެ، އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަނެ އަދި ދުޅަހެޔޮ ދިރިއުޅުމަކުން، ހުރިހާ ކެންސަރުތަކެއްޖެހުމުގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.

ދޮގު: އުރަމަތި ބޮޑު މީހުންނަށް ކެންސަރު ޖެހޭނެ

ދިރާސާތަކުން ދައްކާގޮތުގައި އުރަމަތީގެ ސައިޒާއި ކެންސަރުގެ ނުރައްކަލާ އެއްވެސް ގުޅުމެއް ނެތެވެ. ކަން މިހެން އޮތްއިރު އެމެރިކާގެ ނެޝަނަލް ބްރެސްޓް ކެންސާ ފައުންޑޭޝަންއިން ހާމަކުރާ ގޮތުގައި އޮބީސިޓީ އާއި ބްރެސްޓް ޑެންސިޓީ އަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. އުރަމަތީގެ ސައިޒުގެ ސަބަބުން ބުރަކަށީގައި ރިއްސާ މީހުންގެ މެދުގައި ކެންސަރަށް މަގުފަހިވެޔޭ ބުނާ ބުނުމަކީ ވެސް ދޮގެކެވެ.

ގަވާއިދުން ސްކްރީންކުރުން، ޗެކަޕް ހެދުމާއި މެމޯގްރާމް ހެދުމާއި އަދި އެހެނިހެން ޓެސްޓުތަށް ހެދުމަކީ، އުރަމަތީގެ ސައިޒާ ނުގުޅުވާ ކުރުން ވަރަށް މުހިންމު ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ބަރުދަން ދެމެހެއްޓުމާއި ގަވާއިދުން ކަސްރަތު ކުރުމަކީ ވެސް އުރަމަތީގެ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ އަދި މުޅި ސިއްހަތަށް އެހީތެރިވެދޭ ކަމެކެވެ.

4 ފެބްރުއަރީ 2017: ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ހެންވޭރު ދަނޑުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދޮގު: އުރަމަތީގެ ކެންސަރު ޖެހެނީ މެދު އުމުރުގެ ނުވަތަ އުމުރުން ދުވަސްވީ އަންހެނުންނަށް އެކަނި

އުރަމަތީގެ ކެންސަރުގެ ގިނަ ކޭސްތައް ދިމާވަނީ މެދު އުމުރުގެ ނުވަތަ އުމުރުން ދުވަސްވީ އަންހެނުންނަށް ކަމަށްވާއިރު، އުރަމަތީގެ ކެންސަރު ދެނެގަތުމަކީ ކޮންމެ އުމުރެއްގައި ވެސް ނުވަތަ ކޮންމެ ވަގުތެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. އެމެރިކާގައި އުރަމަތީގެ ކެންސަރަށް އަލަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް ނުވަ އިންސައްތަ މީހުންނަކީ އުމުރުން 45 އަހަރުން ދަށުގެ އަންހެނުންނެވެ. މި ކޭސްތައް ފެންނަނީ ކެންސަރުގެ ފަހުގެ ސްޓޭޖްތަކުގައެވެ. އެމެރިކަން ކެންސާ ސޮސައިޓީން އިތުރަށް ހާމަކުރާ ގޮތުގައި ޖުމްލަގޮތެއްގައި އެމެރިކާގެ އަންހެނުންގެ ތެރެއިން ކޮންމެ އަށް މީހަކުން އެކަކަކީ އުރަމަތީގެ ކެންސަރުޖެހުމުގެ ފުރުސަތު އޮތް މީހުންނެވެ.

މިސާލަކަށް އުމުރުން 43 އަހަރުގައި މަންމައަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އެނގުނު ނަމަ، އޭގެ 10 އަހަރު ކުރިން ތިމާ މީހާ ޓެސްޓްކުރަން ފެށުން މުހިއްމެވެ. ނަމަވެސް އުމުރާއި ރިސްކް ފެކްޓާތަކަށް ބެލުމެއް ނެތި އުރަމަތީގެ ސިއްހަތު ދެނެގަތުމަށްޓަކައި ގަވާއިދުން ސްކްރީން ކުރުމަށް ސަމާލުކަން ދިނުމަކީ އަބަދު ވެސް ކުރުން މުހިންމު ކަންކަމެވެ.

ދޮގު: އުރަމަތީގައި ރިއްސުމަކީ އުރަމަތީގެ ކެންސަރުގެ ޔަގީން އަލާމާތެއް

އުރަމަތީގައި ރިއްސުމަކީ އާންމުގޮތެއްގައި އުރަމަތީގެ ކެންސަރުގެ އަލާމާތެއް ނޫނެވެ. އޮޕަރޭޝަންކުރާ ސާޖަނަކު އަންދާޒާ ކުރާ ގޮތުގައި އުރަމަތީގައި ރިއްސުމަށް ފަހު ކެންސަރު ޖެހިފައިވާކަން ދެނެގަނެވިފައިވަނީ ގާތްގަނޑަކަށް އެއް އިންސައްތަ އަންހެނުންނަށެވެ. ނަމަވެސް އުރަމަތީގެ ކެންސަރު ޖެހިފައިވާ ބައެއް އަންހެނުން އުރަމަތީގައި ރިއްސާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. އެމެރިކަން ކެންސާ ސޮސައިޓީން ބުނާ ގޮތުގައި އުރަމަތީގެ ކެންސަރުގެ އެންމެ އާންމު އަލާމާތަކީ އުރަމަތީގައި ގޮށެއްލުމެވެ.

އުރަމަތީގެ ކެންސަރުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ދުޅަވުމާއި، ނިޕަލްގެ ކުލަޔަށް އަންނަ ބަދަލުތަކާއި، ޑިސްޗާޖް ނުވަތަ ދޮސްލުމާއި، ބައެއް ފަހަރު އުރަމަތީ ނުވަތަ ނިޕަލްގައި ރިއްސުން ހިމެނެއެވެ.

މީގެ ތެރެއިން ގިނަ އަލާމާތްތަކަކީ (ބެނައިން) ކެންސަރު ނޫން މައްސަލަތަކުގެ އަލާމާތްތަކަކަށް ވެސް ވެދާނެކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ހަމައެފަދައިން އުރަމަތީގައި ރިއްސުމަކީ ލައިފްސްޓްއިލްގެ ގިނަ ކަންތައްތަކުގެ ތެރެއިން ދިމާވެދާނެ ކަމެކެވެ. ނަމަވެސް އުރަމަތީގައި ތަކުރާރުކޮށް ރިއްސާނަމަ ދިމާވެދާނެ ސަބަބުތަކާއި ހައްލުތަކާ ބެހޭ ގޮތުން ޑޮކްޓަރާ ވާހަކަ ދައްކާށެވެ.

މާލޭ އެކުވެނީ ދުވާ ޓްރެކް: ކެންސަރުން ރައްކާތެރިވުމަށް ގަވައިދުން ކަސްރަތު ކުރުން މުހިންމު-- ސަންފޮޓޯ/ ފަޔާޒު މޫސާ

ދޮގު: ކެއުމުގައި ގިނައިން ހަކުރު ބޭނުންކުރުމަކީ އުރަމަތީގެ ކެންސަރު ޖެހޭ

ސީދާ އުރަމަތީގެ ކެންސަރުޖެހުމާއި ހަކުރަކާ ގުޅުމެއްނެތެވެ. ގިނަ ޑޮކްޓަރުންނާއި ސިއްހީ މާހިރުން ހަކުރު ކެއުން މަދުކުރުމަށް ބާރުއަޅަނީ ހަކުރު ކެއުމަކީ މޫޑް ސްވިންގް، އޮބީސިޓީ އަދި އެހެނިހެން ގިނަ ބަލިތަކަށް މަގުފަހިކޮށްދޭ އެއްޗަކަށް ވާތީއެވެ. ހާއްސަކޮށް ބަރުދަން އިތުރުވުމާއި އޮބީސިޓީގެ ސަބަބުން ގިނަ ކެންސަރުތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

ސިއްހަތަށް ފައިދާހުރި ކާނާއެއްގެ ގޮތުގައި، މެދުމިނުގައި ހަކުރު ކެއުމަކީ އެންމެ ބުއްދިވެރިގޮތެވެ. ކުރުކޮށް ބުނާނަމަ، ހަކުރު ބޭނުންކުރުން މަދުކުރުމަކީ ދުވަހަކު ވެސް ގޯސް ވިސްނުމެއް ނޫނެވެ. ހަކުރުގެ އެންމެ ރަނގަޅު ބާވަތްތަކަކީ މޭވާ، ތަރުކާރީ އަދި ހޯލް ގްރޭންސްގައި ހިމެނޭ ގުދުރަތީ ބާވަތްތަކެވެ. ގިނަ ފަހަރަށް ފްރުކްޓޯޒް، ލެކްޓޯޒް، ސުކްރޯޒް، މަލްޓޯޒް، ނުވަތަ ގްލޫކޯޒްގެ އަކީ މީރު ބުއިންތަކާއި ފޮނިކާތަކެތިން ލިބޭ ހަކުރެވެ. ސޯސްތަކާއި ޑްރެސިންގްސް ތަކުގައިވެސް އެކުލެވިގެންވަނީ މި ބާވަތްތަކުގެ ހަކުރެވެ. މިއީ ހަށިގަނޑަށް ގެއްލުންދޭ ހަކުރުގެ ވައްތަރުތަކެވެ.

ދޮގު: ބްރާ ތެރެއަށް ފޯނު ލުމަކީ އުރަމަތީގެ ކެންސަރަށް މަގުފަހިވާ ކަމެއް

މޯބައިލް ފޯނުގެ ސިގްނަލްތަކާ ބެހޭ ގޮތުން ވޯލްޑް ކެންސާ އޯގަނައިޒޭޝަންއިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ފޯނު ބޭނުންކުރުމާ ކެންސަރާ ސީދާ ގުޅުމެއް ނެތެވެ. އިނގިރޭސިވިލާތުގެ ކެންސާ ރިސާޗް އޯގަނައިޒޭޝަންއިން ވެސް ބުނެފައިވަނީ 5ޖީ އާއި 4ޖީގެ ސިގްނަލް ތަކުން ފޮނުވާ ރޭޑިއޯ ފްރީކުއެންސީ ރޭޑިއޭޝަންގެ އަސަރު ޑީއެންއޭއަށް ކުރާކަމަށް ބުނެވޭ ވާހަކަތަކުގެ ހެކި ލިބިފައެއްނުވެއެވެ. މި ޓެކްނޮލޮޖީ އިންބޭނުންކުރާ ކުޑަކުޑަ މިންވަރުން ޑީއެންއޭއަށް ބިރެއްނެތެވެ. އަދި، ވައިފައިއިން ބޭނުންކުރަނީ މިއަށް ވުރެ ވެސް ބާރު ދެރަ ފްރީކުއެންސީ ރޭޑިއޭޝަންއެއްކަމުން އުރަމަތީގެ ސެލްތައް ކެންސަރަށް ބަދަލުވާ ކަމުގެ ހެކިހަމަ އެއްވެސް ވަރަކަށް އަދި ލިބިފައެއް ނުވެއެވެ.

ސައިންސްވެރިން ގެންދަނީ ސެލް ސިގްނަލްތަކުން ހަށިގަނޑަށް ދިގު މުއްދަތަކަށް ކުރާނެ ކަމަށް ބެލެވޭ ކަންކަން މޮނިޓާ ކުރަމުންނެވެ. ބްރާ ތެރެއަށް ފޯނު ލައިގެންއުޅޭއިރު، ފޯނުން ދޫކުރާ ފްރީކުއެންސީ ތަކަކީ ކެންސަރު ޖެހޭވަރުގެ ފްރީކުއެންސީއެއް ކަމެއް އެއްވެސް ހޯދުމަކުން ހެއްކާ އެކު ދެއްކިފައެއްނެތެވެ.

ދޮގު: އުރަމަތީގެ ހުރިހާ ކެންސަރަކީ ވެސް އެއް ކެންސަރެއް

ވޯލްޑް ކެންސާ އޯގަނައިޒޭޝަންއިން، ސައިންސްވެރިންގެ ހޯދުންތަކާ ހަވާލާދީ ބަޔާންކުރާ އުރަމަތީގެ ކެންސަރުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އުރަމަތީގެ އެތެރޭގައިވާ ސެލްސްތަކުގެ ތެރެއިން ކެންސަރަށް ބަދަލުވާ ސެލްއެއްގެ ސަބަބުން ޖެހެނީ ތަފާތު ވައްތަރުގެ އުރަމަތީގެ ކެންސަރެވެ. އަދި، މިއިން ކޮންމެ ބާވަތެއްގައި ވެސް ތަފާތު ސިފަތައް ހުރެއެވެ. މިސާލަކަށް ޑަކްޓަލް ކާސިނޯމާ އިން ޓޫސީ އަކީ އުރަމަތީގެ ކިރު ޑަކްޓްގެ ލައިނިންގައި އާދަޔާ ހިލާފަށް ސެލްތައް އެތުރި ގިނަވާ ނޮން އިންވޭސިވް ކެންސަރެކެވެ.

މެޓަސްޓޭޓިކް އުރަމަތީގެ ކެންސަރު ނުވަތަ ސްޓޭޖް ހަތަރެއްގައި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ކެންސަރު ފެތުރިގަނެއެވެ. މީގެ އިތުރުން، ވެސް ފިރިހެނުންގެ އުރަމަތީގެ ކެންސަރާއި މާބަނޑު ދުވަސްވަރު ޖެހޭ އުރަމަތީގެ ކެންސަރާއި އެނޫންވެސް އެތައް ބާވަތެއްގެ އުރަމަތީގެ ކެންސަރު ހުރެއެވެ.

ކެންސަރުގެ ބާވަތާއި ފަރުދީ ހާލަތަށް ބަލައި، ފަރުވާ އާއި ސައިޑް އިފެކްޓްސް އަދި ޕްރޮގްނޯސިސް ތަފާތެވެ. އުރަމަތީގެ ކެންސަރަކީ ބޭރުފުށުން "ވަންސައިޒް ފިޓް އޯލް ޑައިގްނޯސިސް" އެއް ހެން ހީވިޔަސް، ކޮންމެ ވައްތަރެއްގެ ކެންސަރަކީ ވެސް ތަފާތު ކެންސަރެއް ކަމުން އުރަމަތީގެ ކެންސަރު ތަހަށްމަލު ކުރާ، ލޯބިވާ މީހަކު ހުރިނަމަ ނުވަތަ އެއީ އަމިއްލަ މީހާކަމުގައިވީ ނަމަވެސް، ކެންސަރާއި ބެހޭގޮތުން މައުލޫމާތު ހޯދުމާއި، ހިތްވަރު ދޭނެ، ލިބިގަންނާނެ ގޮތްތައް ދެނެގަންނަން ޖެހެވެއެވެ.

ދޮގު: އަންޑާވަޔާ ހުންނަ ބްރާ އެޅުމުން ނުވަތަ ބްރާ އެޅުމުން ކެންސަރު ޖެހޭ

މިއީ މީގެ އެތައް އަހަރެއް ކުރިން ވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. މިއަދުގެ ސޯސަލް މީޑިއާ، އޮންލައިން ޕްލެޓްފޯމް ތަކުގަޔާއި، އަދި މަޝްހޫރު ފޮތެއްކަމުގައިވާ "ޑްރެސްޑް ޓު ކިލް: ދަ ލިންކް ބިޓްވީން ބްރެސްޓް ކެންސާ އެންޑް ބްރާ" މި ފޮތުގައި ވެސް މިއީ ލިމްފް ނޯޑްސް ތަކަށް އަނިޔާ ލިބޭ ލިމްފް ފްލުއިޑް ދައުރުކޮށްދިނުމަށް ދަތިވާ އެއްޗެއްކަމަށް ލިޔެފަވެއެވެ.

ނަމަވެސް ވޯލްޑް ކެންސާ އޯގަނައިޒޭޝަން އިން 2014 ވަނަ އަހަރު 1500 މީހުންނާ އެކު ހެދުނު ހޯދުމުގައި މި ތޯތޯ ވާހަކަ ދޮގު ކޮށްފައި ވެއެވެ. އޭގެ ފަހުން ވެސް، މި ވާހަކައަށް ހެކިދޭ ހޯދުމެއް ހެދިފައެއްނުވެއެވެ.

ޖުމުލަކޮށް އުރަމަތީގެ ދުޅަހެޔޮކަމަށްޓަކައި، ފުރިހަމަ ތެދު މައުލޫމާތު ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ ކެންސަރަށް ވުރެ އަމިއްލަ މީހާ ވަރުގަދަ ވެ، ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މުހިއްމުކަމެކެވެ. ކެންސަރަކީ ބޮޑު ބައްޔެކެވެ. ހަމަ އެހާ ފަސޭހައިން ދެނެގަނެވޭނެ، ފަރުވާދެވޭ ބައްޔެކެވެ. ނަމަވެސް ކުރިއާލާ ފަރުވާ ހޯދަން ޖެހެއެވެ. މިއަދު މިކެންސަރުގައި މަރުވާ މިންވަރު މަދު ވެފައި ވާއިރު، އަމިއްލަ ޒިންމާ އެއްގޮތުގައި ދެކިގެން އަބަދުވެސް ޓެސްޓުތައް ހެދުން ވަރަށް މުހިއްމެވެ. އަދި ކެންސަރު ޖެހިފައިވާ މީހެއް އާއިލާގައި ނެތްކަމުގައިވީ ނަމަވެސް، ރޫޓިން ޗެކްއަޕް ހަދާ، އަމިއްލަޔަށް އަބަދުވެސް އުރަމަތީގައި ގޮށެއް ލާފައިވޭތޯ ބެލުން މުހިއްމެވެ. ހަމަ އެއާއެކު، އުރަމަށްޗަށް އަންނަ ބަދަލުތަކުގެ ވާހަކަ ޑޮކްޓަރަކާއި ހިއްސާކޮށް، ދުރާލާ އެކަމަކާއި ކުރިމަތިލުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ގަބޫލު ކުރާށެވެ.

comment ކޮމެންޓް