ސިނަމާލެ ބްރިޖުގައި ގަވާއިދާ ޚިލާފަށް ދުއްވުމުން، 24 ގަޑިއިރު ތެރޭގައި ނަސޭހަތުގެ 120 މެސެޖު ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އިއްޔެ ހެނދުނު 07:30 އިން ފެށިގެން މިއަދު ހެނދުނު 07:30 ދޭތެރޭ އެ މެސެޖުތައް ފޮނުވާފައި ވަނީ ބްރިޖުމަތީ ދުއްވަން ހުއްދަކޮށްފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވުމާއި، ގަވާއިދާ ޚިލާފަށް ލޭން ބަދަލުކުރުމާ ގުޅިގެން ކަމަށެވެ.
މިދިޔަ ބުދަ ދުވަހު، ފުލުހުން އާންމުކުރި ބަޔާނެއްގައި ވަނީ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވާއިދާ ޚިލާފަށް ލޭނު ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދެއްގެ ވެރި ފަރާތަށް މި ހަފުތާއިން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެކަމަށް ބުނެފައެވެ.
އެގޮތުން، މާ ބާރަށް ގަވާއިދާ ޚިލާފަށް ދުއްވާ އުޅަނދުތައް ދުއްވި ބާރުމިން އެނގޭގޮތަށް، އެ އުޅަނދުތައް ރެޖިސްޓާ ކޮށްފައިވާ ފޯނު ނަންބަރަށް މެސެޖެއް ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އުޅަނދު ދުއްވި ބާރުމިނާއި، ލޭނު ބަދަލުކުރިކަން ދެނެގަންނަނީ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑު ބަލާ ކެމެރާތައް މެދުވެރިކޮށެވެ. އެ މެސެޖުތަކުގައި އެއްވެސް ބާވަތެއްގެ ލިންކެއް ނުހިމެނޭނެކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން އެ ފިޔަވަޅު އަޅަން ފަށާފައި ވަނީ ސިނަމާލެ ބުރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައި ވަނިކޮށެވެ. އެފަދަ އެކްސިޑެންޓުތައް ހިނގާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވުމުން އުޅަނދު ކޮންޓްރޯލް ނުކުރެވުމާއި އެހެން އުޅަނދެއް އޯވަޓޭކް ކުރަން އުޅުން ހިމެނެއެވެ.