ވެލްނެސް މެޓާސްގެ ''ޕްލާންޓް އަ ޓްރީ'' މަޝްރޫއަށް އެއް އަހަރު، ކުލަގަދަކޮށް ފާހަގަކުރަނީ

ވެލްނެސް މެޓާސްގެ 'ޕްލާންޓް އަ ޓްރީ' މަޝްރޫއުގެ ދަށުން އެ ޖަމިއްޔާގެ އަމިއްލަ ޚަރަަދުގައި ހައިޑްރޯފޯނިކްސް ގާއިމުކުރުމަށް އެހީތެރިވެދޭ -- ފޮޓޯ/ ވެލްނެސް މެޓާސް

ވެލްނެސް މެޓާސްގެ 'ޕްލާންޓް އަ ޓްރީ' މަޝްރޫއަށް އެއް އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް އެ ޖަމިއްޔާއިން ތައްޔާރުވެއްޖެއެވެ.

ވެލްނެސް މެޓާސްއިން ބުނީ، އަމިއްލައަށް ފަސޭހައިން އިންދޭނެ މޭވާ އާއި ތަރުކާރީ އިންދުމަށް ހިތްވަރުދޭ ޕްލާންޓް އަ ޓްރީ މަޝްރޫއަށް އެއް އަހަރު ފުރުން ފާހަގަކުރުން އޮންނާނީ މާދަމާ ހަވީރު 17:00ގައި ކަމަށެވެ. އެގޮތުން ކުރިއަށްގެންދާ ހަރަކާތްތައް ޒޫމް ބައްދަލުވުމެއްގެ ޒަރިއްޔާއިން، ފޭސްބުކްއިން ލައިވްކޮށް، އެސްއެސްޓީވީން ވެސް ދައްކާނެކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ޒޫމް މެދުވެރިކޮށް ބާއްވާ އެ ބައްދަލުވުމުގައި، ޕްލާންޓް އަ ޓްރީ މަޝްރޫއުގައި ހިމެނޭ ފަރާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ބައިވެރިވާނެ ކަމަށް ވެލްނެސް މެޓާސްއިން ބުންޏެވެ. އެގޮތުން މި މަޝްރޫއުގައި ބައިވެރިވާ ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވެލްނެސް މެޓާސްގެ 'ޕްލާންޓް އަ ޓްރީ' މަޝްރޫއުގެ ދަށުން އެ ޖަމިއްޔާގެ އަމިއްލަ ޚަރަަދުގައި ހައިޑްރޯފޯނިކްސް ގާއިމުކުރުމަށް އެހީތެރިވެދޭ -- ފޮޓޯ/ ވެލްނެސް މެޓާސް

ވެލްނަސް މެޓާސްއަކީ މީގެ ފަސް އަހަރު ކުރިން ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވުމަށް، އެ ޖަމިއްޔާގެ ބާނީ ޒުލްފާ ނަސީރު މެލޭޝިއާގެ ވެލްނަސް އެކްސްޕާޓްސްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ހަށިގަނޑަށް އައި ހެޔޮ ބަދަލާ ގުޅިގެން އާއިލާގެ ބައެއް މެމްބަރުންނާއި ގާތް ރައްޓެހިންނަށް މި ހެޔޮ ބަދަލު ހޯއްދަވައި ދެއްވުމަށް ފެއްޓެވި މަސައްކަތުން އުފެދިގެން އައި ޖަމިއްޔާއެކެވެ.

ވެލްނެސް މެޓާސްގެ ފަރާތުން ރާއްޖެއަށް ތައާރަފު ކުރީ 21 ދުވަހުގެ 'ފިޓްނެސް ޗެލަންޖެ'ކެވެ. ނަމަވެސް އެ ޕްރޮގްރާމް ހިންގުމަށާއި އެ ޕްރޮގްރާމްގެ ބައިވެރިންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ އެ ޕްރޮގްރަމްގައި ހިމެނޭ މީލް ޕްލޭންގައި ހުންނަ ތަރުކާރީއާއި މޭވާ ރާއްޖޭގެ ރަށްރަށުން ލިބުމުގެ ދަތިވުމެވެ. އެހެންވެ، ކެމިކަލާ ނުލައި އިންދާފައިވާ ގަސްގަހުން ލިބޭ ތަރުކާރީއާއި މޭވާގެ ފައިދާ ކިޔަވައިދޭން ފަށައި، ގޭގައި އަމިއްލައަށް ހެއްދޭ ތަރުކާރީ އާއި މޭވާ އިންދަން ޒުލްފާ ހިތްވަރުދެއްވިއެވެ.

އެ މަސައްކަތް ފުޅާކޮށް، މިދިޔަ އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހު ވެލްނެސް މެޓާސްއިން 'ޕްލާންޓް އަ ޓްރީ' މަޝްރޫއު އަމަލީ ގޮތުން ފެށިއެވެ.

ވެލްނެސް މެޓާސްގެ 'ޕްލާންޓް އަ ޓްރީ' މަޝްރޫއުގެ ދަށުން އެ ޖަމިއްޔާގެ އަމިއްލަ ޚަރަަދުގައި ހައިޑްރޯފޯނިކްސް ގާއިމުކުރުމަށް އެހީތެރިވެދޭ -- ފޮޓޯ/ ވެލްނެސް މެޓާސް

މިދިޔަ އަހަރުގެ އޮކްޓޯބަރު 16ގައި ފެށި އެ ޕްރޮޖެކްޓްގައި ވެލްނެސް މެޓާސްއާއެކު 14 އަތޮޅަކުން 17 ރަށެއް ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި 33 އަމިއްލަ ފަރާތާއި، 18 ސްކޫލްގެ އިތުރުން ނުވަ މުއައްސަސާ ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ހިންގުމަށް ވެލްނެސް މެޓާސްއިން، ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކަށް ގަސް އިންދާނެ އޮށް ފޯރުކޮށްދިނުމުގެ އިތުރުން މަސައްކަތް މޮނިޓާކޮށް، އެހެނިހެން އެހީ ފޯރުކޮށްދެއެވެ.

އެ މަޝްރޫއުގެ ތެރެއިން އެ ޖަމިއްޔާއިން ވަނީ ފާއިތުވި ތިން މަސް ތެރޭ އެކަނިވެސް، އަމިއްލަ ޚަރަދުގައި ހަތަރު ސްކޫލެއްގައި ހައިޑްރޯފޯނިކްސްއިން ގަސް އިންދުމުގެ މަސައްކަތް ފެށުމަށް އެހީތެރިވެދީފައެވެ.

އެ ސްކޫލް ތަކަކީ ތ. ވޭމަންޑޫ ސްކޫލް، ކ.މާފުށި ސްކޫލް، ފ.ނިލަންދޫ ސްކޫލްގެ އިތުރުން ހދ. ކުޅުދުއްފުށި ސްކޫލެވެ. މީގެ ތެރެއިން ތ. ވޭމަންޑޫ ސްކޫލުންވަނީ ސިސްޓަމްގައި ގަސް އިންދައި އޭގެއިން ގޮވާންކޮށްފައެވެ.

މީގެ އިތުރުން ވެލްނެސް މެޓާސްއިން ދަނީ މިންހެޔޮކޮށް ކާނާ ކެއުމާއި މިންހެޔޮކޮށް ކާނާ ތައްޔާރުކޮށް ބޭނުންކުރުމުގެ މުހިންމުކަން އަންގައި ދިނުމުގެ ގޮތުން 'މިންހެޔޮ ތަށިބަރީ'ގެ ނަމުގައި ޕްރޮޖެކްޓެއް ހިންގަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް