މީރާއިން މިއަދު ވިޔަފާރިތަކަށް ޒިޔާރަތްކުރަނީ

މިއަދު ކުރިއަށްގެންދާ މީރާގެ "ކޮމްޕްލަޔަންސް ޑޭ"ގެ ހަރަކާތުގައި މީރާގެ ޓީމުތަކުން މާލެއާއި މީރާގެ އޮފީސްތައް ޤާއިމުވެފައިވާ ރަށްރަށުގެ ވިޔަފާރިތަކަށް ޒިޔާރަތް ކުރާނެކަމަށް އެ އޮތޯރިޓީއިން މިއަދު ބުނެފިއެވެ.

މިއަދުގެ ހަރަކާތްތައް މި ފަހަރު ހާއްސަކޮށްފައިވަނީ މީރާއިން ކުރިއަށްގެންދާ "ފަންސައާހި" ކެމްޕޭނުގެ ދަށުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް މީރާއިން ބުންޔެވެ.

މި ކެމްޕޭންގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހަޅާ މިންވަރު އިތުރުކުރުމެވެ.

ކަނޑައަޅައިފައިވާ ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސަބަބުން، "ކޮމްޕްލަޔަންސް ސްކޯ" ރަނގަޅުވެ، އަދި މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތަކުގައި އެ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

މީގެ އިތުރުން، ޓެކްސް އިދާރާގެ ރެކޯޑްތަކުގައި އެ ޓެކްސް ދައްކާ ފަރާތަކީ ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޓެކްސް ބަޔާން ހުށަހެޅުމުގެ އިންތިޒާމުތައް ސުންގަޑިއަށް އަދާކުރާ ފަރާތެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް މީރާއިން ބުންޏެވެ.

އެހެންކަމުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީރާއިން އިލްތިމާސްކުރެއެވެ. އަދި ޓެކްސް ބަޔާން ހުށަހެޅުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ، މީރާއިން މިއަދު ހިންގާ ހަރަކާތުގެ ތެރެއިން މީރާގެ ޓީމުތަކުގެ އެހީތެރިކަން ހޯދުމަށް އެ އޮތޯރިޓީން އެދެއެވެ.

comment ކޮމެންޓް