ލީޑަރެއްގެ އެންމެ މުހިންމު ސިފައަކީ އެކި ޚިޔާލުގެ މީހުންނާއެކު އުޅެން އެނގުން: ނައިބު ރައީސް

ނައިބު ރައީސް އިސްކަންދަރު ސްކޫލުގައި އޮތް ހަފްލާގައި ވާހަކަފުޅުދައްކަވަނީ --

ލީޑަރެއްގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ އެކި ޚިޔާލުތަކުގެ މީހުންނާ އެކު އުޅެން އެނގުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ސްކޫލުގައި، އެ ސްކޫލުގެ މަގާމުތަކާ ހަވާލުވާ ދަރިވަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ލީޑާޝިޕަކީ ކޮބައިތޯ ކޮންމެ ދަރިވަރަކު ވެސް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.

ސްކޫލުގައި މަގާމަކާ ހަވާލުވާ ދަރިވަރުންނަކީ އެހެން ކުދިންނަށް ތަފާތު ދައްކަންޖެހޭ ދަރިވަރުންތަކެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ސްކޫލުގައި ގާތްގަނޑަކަށް 2000 ވަރަކަށް ދަރިވަރުން ކިޔަވަމުން ދާއިރު އެހެން ހުރިހާ ކުދިންނަށް ނަމޫނާ ބަޔަކަށް ތިޔަ ދަރިވަރުން ވާން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ ލީޑަރެއްގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ ހުރިހާ ޚިޔާލުތަކެއްގެ މީހުންނާ އެކު އުޅެން އެނގުން ކަމަށެވެ. ސްކޫލު މާހައުލަށް ބަލައި ނަމަވެސް އެކި ޚިޔާލުގެ އެކި ވިސްނުމުގެ ކުދިން އުޅޭނެ ކަމަށެވެ.

ނަމަވެސް ލީޑަރަކަށްވާނީ އެ ހުރިހާ ކުދިންގެ ވެސް ރަނގަޅު ސިފަތަކާ އެކު އެކުގައި ގެންގުޅެވޭނަމަ ކަމަށް އެ މަަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކޮންމެ ކުއްޖެއްގެ ވެސް ހުންނާނެ ވަރަށް ރަނގަޅު އެނގިފައި ހުންނަ ކަންތައްތަކެއް، ސިފަތަކެއް ހުންނާނެ. އެ ހޯދައިގެން އެ ކަންތައްތަކާއެކު ކޮންމެ ކުއްޖަކު ވެސް ގޮވައިގެން އެކުގައި މަސައްކަތްކުރެވޭ މީހަކަށް ލީޑަރެއް ވެއްޖެޔާ ވާންޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖެއަށް ބަލައިނަަމަ މުޖުތަމައުގައާއި ޚާއްސަކޮށް ސްކޫލު މާހައުލުގައި އެއްވެސް ކުއްޖަކު ބާކީނުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހަމައެއާއެކު ލީޑަރެއްގެ ކިބައިގެން މުރާލިކަމުގެ ސިފަ ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ކުއްޖަކު ވެސް ވާންވާނީ ކަންކަމަކަށް އިސްނަގާ ކުދިންތަކަކަށް ކަމަށާއި އަބަދުވެސް އޯގާތެރިކަމާއި އިންސާނިއްޔަތުކަމާއި ހިތްތިރިިކަން އިސްކުރުމަށް ވެސް އެ މަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.

"އަވަހަށް ނިދައިފައި، ފަތިހު ހޭލާ ކުދިންތަކަކަށް ވާން އެބަޖެހޭ. އަބަދުވެސް އޯގާތެރި، ވަރަށް ހިއުމިނިޓީ، ހަމްބަލް އެހެން މީހުންނާ ދެތެރޭގައި އަބަދުވެސް އެހެން މީހުންނަށް އިސްކަން ދޭ އެހެން ކުދިންގެ ކަންތައްތަކަށް ސަމާލުކަން ދޭ އިސްކަންދޭ ކުދިންތަކަކަށް ވާން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮންމެ މަގާމެއް ލިބުނު ނަމަވެސް ނުވަތަ ކޮންމެ ކާމިޔާބެއް ލިބުނު ނަމަވެސް ފޮނިވުމާއި ކިބުރުވެރިކަން އިސްކޮށްގެން ނުވާނެ ކަމަަށެވެ.

ކިބުރުވެރިކަމާއި ފޮނިކަން އިސްކޮށްފިނަމަ ކާމިޔާބާއި ރީތި ނަން ބީވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި އަލަށް ދަސްވާ ކޮންމެ ކަމަކުން ވެސް އެހެން ކުދިންނަށް ކިޔައިދީ ދަސްކޮށްދިނުމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި ނައިބު ރައީސްވަނީ މަގާމުތަކާ ހަވާލުވި ދަރިވަރުންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވައިފައެވެ.

މި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި އެ މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް