ޤާނޫނީ ހުސްކަމެއް އަޔަނުދިނުމަށް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ރައީސް އޮފީހުން ފަށައިފި

15:14


ޤާނޫނީ ހުސްކަމެއް އަޔަނުދިނުމަށް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ރައީސް އޮފީހުން ފަށައިފި އެވެ.


މިއަދު މެންދުރު 12 ޖެހިއިރު ސުޕްރީމް ކޯޓްގެ އިސް އިދާރީ މުވައްޒަފުންނާ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފާއި ސްޕެޝަލް އެންވޯއި ޓުދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ ސުޕްރީމް ކޯޓްގައި ވަނީ ބައްދަލުކުރައްވާފަ އެވެ.  މި ބައްދަލުވުން ގާތްގަނޑަކަށް 20 މިނިޓް ކުރިއަށްދިޔަ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ އެ ބައްދަލުވުން ބޭއްވެވީ ސުޕްރީމް ކޯޓްގެ އިދާރީ ހިންގުން ދެމިއޮތްކަން އެ ފަރާތްތަކަށް ކަށަވަރުކޮށްދެއްވުމާއި އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަން ނާންނާނެ ގޮތުގެ މަތީން އެތަނުގެ އިންތިޒާމުތައް ކުރިއަށް ގެންދެވުމަށް ދެންނެވުމަށެވެ.


ސުޕްރީމް ކޯޓްގެ ތަޅުދަނޑި އެމްއެންޑީއެފުން ހިފެހެއްޓުމާ ގުޅިގެން ޕީޖީ އޮފީހުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލައާ މެދު އިއްޔެ އެ ކޯޓުން ކޮށްފައިވާ ހުކުމުން ދޭހަވާ މާނަކީ ސުޕްރީމް ކޯޓު ދެމިހުންނާނެ ކަމަށާއި އެހެންކަމުން އެ ކޯޓުގެ ތަޅުދަނޑިފަތި މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ. ނަމަވެސް ފަނޑިޔާރުން ކޯޓަށް ވެއްދުމާ މެދު ގޮތެއް ނިންމަން ސަރުކާރަށް އެނގޭނީ އެކަންތައްތަކާ މެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކަމަށް ޒުހެއިރު ވިދާޅުވި އެވެ.


ޒުހައިރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އިދާރީ އެހެންމެހާ ކަންކަމެއް ބެލެހެއްޓެވުމަށް ރައީސް ހަވާލުކުރެއްވީ ޒަކީ އާއި އަފީފާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު