''ޕްރޯ-މޯލްޑިވްސް''ގެ ސިޔާސަތަށް އޮސްޓްރޭލިއާގެ ތައުރީފް

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާގެ "ޕްރޯ-މޯލްޑިވްސް" ޚާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާގެ ސަފީރު ތަޢުރީފުކުރައްވާފިއެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑޭވިޑް ޖަސެޕް މިއަދު ވަނީ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ ރިޔާސީ ދައުރުގައި އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޮސްޓްރޭލިއާ ގެ ސަފީރު ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ.

އޮސްޓްރޭލިއާއާ ދިވެހިރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވަނީ، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ތަޢުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފަހިކޮށްދެއްވާ ފުރުސަތުތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އުތުރުން، ފެށިގެންދާ އާ ރިޔާސީ ދައުރުގައި ރާއްޖެއާއި އޮސްޓްރޭލިއާ އޮތް އެކުވެރިކަމުގެ ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި މުއިއްޒުގެ އެ ކާމިޔާބީގެ ޚަބަރުތައް ދުނިޔޭގެ ބޮޑެތި ނޫސްތަކަށް އެރީ މުއިއްޒަކީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އެތައް މިލިއަން މީހުންނެއް ގަވައިދުން ކިޔާ ހުރިހާ ނޫހެއްގެ ސުރުޚީގައި ވެސް މުއިއްޒު ސިފަ ކުރައްވާފައި ވަނީ "ޕްރޯ ޗައިނާ" ނުވަތަ ޗައިނާގެ ބާރު ހިނގާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތަށް ރިޕޯޓް ކުރި ނޫސްތަކުގެ ތެރޭގައި ބީބީސީ އާއި ސީއެންއެން އާއި ދަ ގާޑިއެންގެ އިތުރުން އަލް ޖަޒީރާއާއި ވޮޝިންޓަން ޕޯސްޓާ އެހެނިހެން ބޮޑެތި ނިއުސް އެޖެންސީތައް ހިމެނެއެވެ. އަދި، އިންޑިއާގެ މީޑިއާތަކުގައި އެ ނޫން ވާހަކައެއް ނެތެވެ.

މުއިއްޒު ވަނީ މި ކަމަށް ރައްދު ދެއްވައިފައެވެ. ސަރުކާރު ހިންގަވާނެ ގޮތް ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ޤަބޫލުކުރާ ހުރިހާ ޤައުމުތަކާކާ ގުޅުން ބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް