އަރަބިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ބައެއް އަންހެން ދަރިވަރުންނަށް ޔުނީފޯމާއެކު މޫނު ނޭޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމާ ގުޅިގެން އެ އެންގުން ހުއްޓުވައިދޭން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
މޫނުބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭ ކަމަށް ބުނެ މިދިޔަ އޭޕްރީލް މަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން ނެރުނު އަމުރުގައި ވަނީ، މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށެވެ. އަދި، ދައުވާ ހުށަހެޅި ފަރާތުން ކޯޓަށް މައްސަަލަ ހުށަހެޅީ ދަރިވަރުންގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް މައްސަލައިގައި ބުނާ ދަރިވަރުންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލްކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއްނެތް ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެއެވެ.
މީގެ އިތުރުން، މޫނު ބުރުގާ އަޅާ ދަރިވަރުން މޫނު ބުރުގާ އަޅަނީ ސްކޫލު ޔުނީފޯމު ކޯޑާ ޚިލާފަށް ކަމަށްވީ ނަމަވެސް މައްސަލައިގައި ބުނާ ފަދައިން، ތައުލީމު ލިބުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައި ނެތްކަން މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ ބަހުން އެނގޭ ކަމަށް ވެސް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އަމިއްލަ ލޯ ފާމެއްކަމަށްވާ ރެހެނދި ޗެމްބާސްއިންނެވެ.
އެ ލޯ ފާމުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމީ އެ ނިންމުމަކީ ގާނޫނީ ގޮތުން ރަނގަޅު ނިންމުމަކަށްނުވާތީއެވެ. މި މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށް، މޫނު ބުރުގާ ނަގަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ދައުވާ ކުރާ ފަރާތުގެ ކުދިންނަކީ ކޮބާ ކަމާއި އެ ކުދިން އަރަބިއްޔާ ސްކޫލުގައި ތައުލީމް ހާސިލުކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭފަދަ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.
މީގެ އިތުރުން، އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނަށް ފޮނުވައިފައިވާ ލިޔުމަށް ބަލާއިރު އެ ލިޔުން ރައްދުވާ ފަރާތުގެ ނަން ދައުވާ ކުރާ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭކަމަށް ވެސް ބުނެފައިވެއެވެ.
އެހެންވެ، ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށް، ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ހުކުމްކުރައްވާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުއާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިއްތިފާގުންނެވެ.
ސްކޫލްގެ ޔުނީފޯމް ކޯޑުގައި މޫނު ބުރުގާ ނުހިމެނޭކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔުނީފޯމް ކޯޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް މިދިޔަ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހު އަރަބިއްޔާ ސްކޫލަށް އަންގާފައެވެ.