ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވައިލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިލްތިމާސްކޮށްފިއެވެ.
އެ ބޭންކުން ބުނީ ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް 'ފްރެންޑް ލިސްޓް'ގައި ހުންނަ މީހުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދަމުންދާ ކަމަށެވެ.
ފޭސްބުކް މެދުވެރިކޮށް މީހަކު މެެސެޖުކޮށް ފައިސާ ހޯދުމަށް އެދިއްޖެނަމަ އެ މީހަކަށް ގުޅައި ޔަގީންކުރުމަށް ބީއެމްއެލްގެ ޕީއާރު މެނޭޖަރު މުހައްމަދު ސައީދު އިލްތިމާސްކުރައްވައެވެ.
"އަޅުގަނޑުމެން އެދެނީ މި ގޮތަށް ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއްކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެމީހަކަށް ގުޅާ އެކަން ޔަގީންކުރުން." ސައީދު ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނާ ގޮތުގައި މި ފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްކަން ޔަގީން ކުރުމެވެ. އަދި ފައިސާ ފޮނުވިއްޖެނަމަ ވީހާ ވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން ބީއެމްއެލްގެ ނަމުގައި އެކައުންޓް އެކްޓިވޭޓްކުރުމަށް އެދި ފޭކް ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވައިގެން ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫސާ ނޭމާއި ޕާސްވޯޑްގެ އިތުރުން އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއް ވެސް ހުށަހަޅައިފައިވާކަމަށް އެ ބޭންކުން ބުނެއެވެ.
"ބީއެމްއެލް އިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ. މި ގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަން. އަދި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރުމަށް ތަކުރާރުކޮށް ދަންނަވަން" ސައީދު ވިދާޅުވިއެވެ.
އިތުރަށް ބީއެމްއެލްއިން ބުނީ އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށް ފަހު މުދާ އަދި ފައިސާ ވެސް އަނބުރާ ނުލިބޭ ކަމުގެ ޝަކުވާއާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެ ކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށެވެ.