ހޮބީހޯސް - ރާއްޖޭގައި ވެސް ބޭއްވިދާނެ މުބާރާތެއް

ހޮބީހޯސްއަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް މަޝްހޫރުވަމުން އަންނަ ހަރަކާތެކެވެ. އެގޮތުން ހޮބީހޯސްގެ އެކި މުބާރާތްތަކާއި، އިޖްތިމާޢީ އަދި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށްގެންދެއެވެ. މިހަރަކާތްތަކުގައި ކުޑަކުދިންގެ އިތުރުން ބޮޑެތިމީހުންވެސް ބައިވެރިވެއެވެ.

ފިންލަންޑުގައި ބޭއްވި ހޮބީހޯސްގެ މިފަދަ މުބާރާތެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެ، ޢާއްމުންގެ ސަމާލުކަމަށްވަނީ އައިސްފައެވެ. ޢާއްމުކޮށް އޮންނަ އަހުގެ އެކި ރޭސްތަކާއި ކުޅިވަރުތަކާއި ޚިލާފަށް ހޮބީހޯސްއަކީ، ދަނޑިކޮޅެއްގައި ހަރުކޮށްފައި އިންނަ ކުޅޭކުޅޭ އަހެއް ބޭނުންކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ފިންލަންޑުގެ ހޮބީހޯސް މުބާރާތުގެ ވީޑިއޯއަށް ކޮމެންޓްކޮށްފައިވާ ބައެއް ފަރާތްތަކުން މި މުބާރާތާމެދު ސުވާލު އުފައްދައި، މިއީ ކުޑަކުދިން ކުރާކަހަލަ ކަމެއްކަމަށް ބުނެފައިވާއިރު، އަނެއް ބަޔަކު ކޮމެންޓް ކޮށްފައިވަނީ، މުބާރާތުގައި ވާދަކުރާ ބައިވެރިންނަކީ ހުނަރުވެރި އެތުލީޓުން ކަމަށާއި، މިއީ މުނިފޫހިފިލިވުމާއި ކުޅިވަރުގެ ރަނގަޅު ހަރަކާތެއް ކަމަށެވެ. އަދި މިއީ އިޖްތިމާޢީ ރޫހު ދަމަހައްޓައި އުފާވެރި މަޖާ ހަރަކާތެއްގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަރަށް ބޮޑަށް މަޤްބޫލުކަން ހޯދަމުން އަންނަ ހަރަކާތެއްކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވުމާމެދު އާއްމުންގެ ތަރުހީބު ހުރިގޮތް ބެލިދާނެއެވެ. ހޮބީހޯސްގައި ބޭނުންކުރާ ހޯސްއާއި ސްޓިކް އަމިއްލައަށް ގޭގައިވެސް ތައްޔާރުކޮށްލެވިދާނެއެވެ. އަދި، މިއީ އީބޭއާއި އޮންލައިން އެހެން ފިހާރަތަކުންވެސް ގަންނަން ލިބެން ހުންނަ އެއްޗެކެވެ.

ހޮބީހޯސްގެ ގިނަ ހަރަކާތްތަކަކީ ކުޑަކުދިންގެ ވަރަށްބޮޑު ޝައުވެރިކަމެއް އޮންނަ ހަރަކާތްތަކަކަށްވާއިރު، ދުވުމާއި ފުންމުންފަދަ އެތުލެޓިކްސް ހަރަކާތްތަކަށް ޝައުޤުވެރިވާ ކުދިންނަށް ހޮބީހޯސްގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިދާނެއެވެ.

comment ކޮމެންޓް