ހުކުރު ދުވަހުގެ ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހްމަދު މަނިކު ނިޔާވެއްޖެއެވެ.
އުމުރުން 74 އަހަރުގެ އަހުމަދު މަނިކު ނިޔާވީ އެކްސިޑެންޓަށް ފަހު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް، ރޭ ފަތިސް ގަޑީގައެވެ.
އަހުމަދު މަނިކުގެ ކަށުނަމާދު އޮތީ މިއަދު އަސްރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
އޭނާގެ އާއިލާގެ މީހަކު މީގެ ކުރިން "ސަން"އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށެެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ ހުކުރު ދުވަހުގެ ރޭ 7:50 ހާއިރު ބޭރުމަގު އޮކްސިޖަން ރެސްޓޯރެންޓް ކުރިމަތީގައެވެ.
އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި އެ ހާދިސާ ހިނގީ އަހްމަދު މަނިކު ދުއްވަންއިން ސައިކަލުގެ ފަހަތުން އައި ކާރެއް، އެ ސައިކަލުގައި ޖެހިގެންނެވެ.
އަހްމަދު މަނިކަކީ އަމީންގެ އިތުރުން ޖަޕާންގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު އަދި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަމީތުގެ ވެސް ބައްޕައެެވެ.
އޭނާގެ އިތުރު ދެ ކުދިންނާއި އަނބިކަނބަލަކު ހުންނަވައެވެ.
ހުޅުލެއާއި ހުޅުމާލެ ގުޅޭ ހައިވޭގައި ހުކުރު ދުވަހު ހަވީރު ވެސް އެކްސިޑެންޓެއް ހިނގައިފައިވެއެވެ. ހަތަރު ކާރު ޖެހިގެން ހިނގި މި އެކްސިޑެންޓާ ގުޅިގެން ގިނަ ކާރުތަކެއް ކިޔޫ ޖެހި ހައިވޭގެ ޓްރެފިކް ވެސް ދެ ގަޑިއިރެއްހާއިރަށް ބްލޮކް ވިއެވެ.