މުސްލިމުންގެ ހިތްތަކަށް ދިރުން ލިބެނީ ރަސޫލާ ދެކެ ލޯބިވުމުން: ޚުތުބާ

ޖުލައި 31، 2020: އިސްލާމީ މަރުކަޒުގައި ނަމާދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުސްލިމުންގެ ހިތްތަކަށް ދިރުން ލިބެނީ ކީރިތި ރަސޫލާ ދެކެ ލޯބިވުމާއި އެކަލޭގެފާނަށް އިޙްތިރާމް ކުރުމުން ކަމަށް މިއަދު ޚުތުބާގައި ބުނެފިއެވެ.

މިއީ ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރުކަމުން، މިއަދުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ ރަސޫލާގެ ޙަޔާތްޕުޅަށާއި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތްއިރު އިންސާނިއްޔަތު އޮތީ އޭގެ ތާރީޚުގައި ވެސް އެންމެ ދަށު ދަރަޖައަށް ވެއްޓިފައި ކަމަށެވެ. އެދުވަސްވަރު މީހުން ތިބީ ޖަހާލަތާއި ޝިރުކުގެ އަނދިރީގައި ކަމަށާއި ކުރީގެ ރަސޫލުންނާއި ނަބިއްޔުން ދެއްވި ހިދާޔަތުގެ އަސަރެއް ވެސް އޭރު ފެންނަން ނެތް ކަމަށް ޚުތުބާގައި ކިޔައިދިނެވެ.

"ފޮތުގެ އަހުލުވެރީންގެ ގޮތުގައި އެ ދުވަސްވަރު ތިބި ބަޔަކީ ޔަހޫދީންނާއި، ނަސާރާއިން. އެބައިމީހުންގެ ހާލު ހުރީ އެ ނޫން މީހުންނާ ވަކި ތަފާތު ގޮތަކަށް ނޫން،" ޚުތުބާގައި ބުންޏެވެ.

އެ ހާލަތުގައި ދުނިޔެ އޮއްވައި، އިންސާނިއްޔަތަށް ތެދުމަގު ދައްކައި ދުނިޔެ އިސްލާހު ކުރެއްވުމަށް މާތް ﷲ، ރަސޫލާ ފޮނުއްވެވި ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. އެއީ ''ޢާމުލްފީލް'' އޭ ކިޔުނު އަހަރުގެ ރަބީޢުލް އައްވަލު މަސް ކަމަށާއި މީލާދީ ގޮތުން ބަލާއިރު އެ ތާރީޚު ދިމާވަނީ 571 ވަނަ އަހަރުގެ އޭޕްރިލް މަހާ ކަމަށް ޚުތުބާގައިވެއެވެ.

ރަސޫލާއަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ތަރުބިއްޔަތު ލިބިވަޑައިގަތީ ސީދާ އިލާހީ އިނާޔާތްތެރި ކަމުގެ ދަށުން ކަމަށް ޚުތުބާގައި ބުންޏެވެ.

"އަޚުލާގުގެ މަތިވެރިކަމާއި ފުރިހަމަކަމަށް ޓަކައި ގައުމުގެ މެދުގައި އެކަލޭގެފާނު ހިމެނިފައި ވަނީ އެންމެ ލޮބުވެތި ޝަހުސިއްޔަތުގެ ގޮތުގައި. ވަފާތެރިކަމާއި، އަމާނާތްތެރިކަމުގެ ވާހަަކަ މުޅީ ޚިޖާޒުގައި ފެތުރުމަށް ފަހު، ''މުޙައްމަދުލްއަމީން''ގެ ލަގަބު އެކަލޭގެފާނަށް ލިބިވަޑައިގަތް،" ޚުތުބާގައިވެއެވެ.

ރަސޫލާ އުމުރުފުޅުން 40 އަހަރުފުޅުގައި ދީނަށް ގޮވައިލައްވަން ފައްޓަވައި، އެކަލޭގެފާނަށް ތަބައަވީ މަދު މީސްކޮޅާއެކު ފުރަތަމަ އަޅުކަން ކުރައްވައި އުޅުއްވީ ސިއްރިއްޔާތުގައިކަން ޚުތުބާގައި ފާހަގަކުރިއެވެ. އެއަށް ފަހު ފާޅުގައި ދީނަށް ގޮވާލައްވަން މާތް ﷲ ވަޙީ ކުރެއްވުމުން، ރަސޫލާ އެގޮތަށް އަމަލުކުރައްވަން ފެއްޓެވި ކަމަށް ޚުތުބާގައި ބުންޏެވެ.

އެއާއެކު އެކަލޭގެފާނަށް މުޝްރިކުންގެ ދުއްތުރާތަކާއި އަނިޔާތައް ކުރިމަތިވެ، ރަސޫލާގެ ފުރާނަފުޅަށް ނުރައްކާވާ ދަރަޖައަށް ވެސް އަނިޔާވެރިކަން އިތުރުވި ކަމަށް ޚުތުބާގައި ކިޔައިދިނެވެ.

"މުޝްރިކުންގެ އުނދަގޫތައް މިފަދަ ދަރަޖައަކަށް ލިބިވަޑައިގަންނަވަމުން ދިޔަ ކަމުގައި ވިޔަސް ކީރިތި ރަސޫލާ ކުރައްވަން ފެެއްޓެވި މަސައްކަތްޕުޅަށް ހުއްޓުމެއް އެރިއަކަ ނުދެއްވާ،" ޚުތުބާގައި ބުންޏެވެ.

އެއަށް ފަހު، މާތް ﷲގެ އަމުރުފުޅަށް ރަސޫލާ މަދީނާއަށް ހިޖުރަކުރައްވައި، ދީން ފެތުރުމުގެ މަސައްކަތްކުރެއްވި ކަމަށް ޚުތުބާގައި ކިޔައިދިނެވެ. އެ ތަނުގައި އިސްލާމީ ދައުލަތުގެ ބިންގާ އަޅުއްވައި، އެއީ އާރާއި ބާރު ލިބިފައިވާ ދައުލަތަކަށް ހެއްދެވި ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ރަސޫލާ 23 އަހަރު ކެނޑިނޭޅި ކުރެއްވި މަސައްކަތްޕުޅަށް ފަހު ސުވަރުގެ ވަޑައިގަތީ އެކަލޭގެފާނުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވައި، ރިސާލަތު ފުރިހަމައަށް އަދާކުރެއްވުމަށް ފަހު ކަމަށް ޚުތުބާގައި ބުންޏެވެ. އެއާއެކު ދުނިޔޭގައި އިލްމު ފެތުރި، އިންސާފު އާންމުވެ، ސުލްހަ ގާއިމުވި ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

އެހެންވެ، ރަސޫލާއަށް އަދާކުރަން ޖެހޭ ޝުކުރަކީ މަތިވެރި ޝުކުރެއް ކަމަށާއި، އެ ޝުކުރު އަދާކުރުމުގެ ގޮތުން އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތާއި ޝަރީއަތަށް ފުރިހަމަ ގޮތުގައި ބޯލަނބައި އެކަލޭގެފާނަށް ތަބައަވުމަށް ޚުތުބާގައި ގޮވާލިއެވެ.

"އިތުރު އެކަލޭގެފާނަށް ލޮބުވެތިވެ، އެކަލޭގެފާނުގެ މައްޗަށް ސަލަވާތާއި ސަލާމް ލެއްވުން އެދި ގިނަގިނައިން ދުޢާ ކުރާށެވެ! އެކަލޭގެފާނު ގެނެސްދެއްވި ފޮތާއި، ގޮތުގައި، ވަރުގަދައަށް ހިފަހައްޓާށެވެ!" ޚުތުބާގައިވެއެވެ.

comment ކޮމެންޓް