ޢަރަބިނޫން ނަމެއް ދަރިފުޅަށް ކިޔުން ހުއްދަވާނެތަ؟

ދަރިންނަށް ނަން ކިޔުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ދަސްކުރުމަކީ މުސްލިމުން ކުރަންޖެހޭނެކަމެއް -- ފޮޓޯ/ އެކްސްޓެންޝަން.އޯކްސްޓޭޓް.އެޑިޔު

ދަރިއަކު ލިބުމުން އެދަރިފުޅަށް ކިޔާނެ ނަމެއް އިޚްތިޔާރުކުރުމުގައި ދެމަފިރީން އެއްގަލަކަށް ނޭރިގެން އުޅޭ ޙާލަތްތައް އާދެއެވެ. މިހާރުގެ ގިނަ ޒުވާނުންނަކީ ފޮތަކުން ނަމެއް ހޯދާ ބައެއްނޫނެވެ. އަކުރުތަކެއް އެއްކޮށްލައިގެން ރީތި އަޑެއް ފާޅުވާކަހަލަ ނަމެއް ހަދައިލީމައި އެ އޮތީ ނަން ލިބިފައެވެ. ދެން އެއަށްފަހުގައި ޖެހޭނީ "ކޮންމެ ގޮތެއް ހަދައިގެންނަމަވެސް" އެ ނަމަށް މާނައެއް ހޯދާށެވެ. މާނަ ހޯދުމަށްޓަކައި ޢަރަބި ދަންނަ މީހަކަށް ލެޓިނުން ނުވަތަ ތާނަ އަކުރުން ލިޔެފައި ފޮނުވައިލަފާނެއެވެ. ދެން އެ ނަމުގައި ހުރި އަކުރުތަކާ ގުޅޭ ޢަރަބީގެ ތަފާތު އަކުރުތައް ބޭނުންކޮށްގެން ބެލުމުންވެސް ނަމުގެ މާނައެއް ނުފެނެޔޭ ބުންޏަސް އެ ވާހަކަ ޤަބޫލުކުރާކަށް އެފަދަ ބައެއް މީހުން ބޭނުމެއް ނުވެއެވެ. ދެއަކުރު އެއްކޮށްލައިގެން އަދި ގޮއްވައިލާހާ އަޑަކީ ޢަރަބި ނަމަކަށް ނުވާނެކަން އެމީހުން ނުދަނެއެވެ.

ދަރިފުޅަށް ނަމެއް ކިއުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވެއެވެ. ވީމާ ޑްރާމާއާއި ފިލުމުތަކާއި ބޭރުގެ ކަރަތަކުން އިވޭހައި ނަމެއް ދަރީންނަށް ކިޔުމުގެ ކުރީން، މިކަމުގައި އިސްލާމްދީން އަންގަވާފައިވަނީ ކީކޭތޯ ބަލައި ދަސްކުރުމީ މުސްލިމުން ކުރަންޖެހޭނެކަމެކެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ދަރިފުޅަށް ކިޔާ ނަމަކީ އެކަށީގެންވާ ރަނގަޅު މާނައެއް އެކުލެވޭ ނަމަކަށްވާންޖެހޭނެއެވެ. ނުވަތަ މީހުންގެ މަލާމާތް ލިބޭފަދަ ހުތުރު ނަމަކަށް ވެގެންނުވާނެއެވެ. އަދި ކުއްޖާ ބޮޑުވެގެން އެކުއްޖާގެ ނަމާމެދު ނުރުހިދާނެފަދަ ނަމަކަށްވެގެންނުވާނެއެވެ. އަދި އެއީ ނުބައިކަމާއި ފާޙިޝް ޢަމަލުތަކުގައި މަޝްހޫރުމީހަކަށް ކިޔާ ނަމަކަށްވެސް ވެގެންނުވާނެއެވެ. އެކަށީގެންނުވާ ގޯސް މާނަތައް އެކުލެވޭ ނަންތައް އިވިވަޑައިގެންނެވުމުން، އެ ނަންތައް ރަނގަޅު މާނަ ހިމެނޭ ނަންތަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަދަލުކުރައްވާފައިވެއެވެ.(މުސްލިމް: 2139)

ދެވަނަ ކަމަކަށް؛ އެ ނަމަކީ ﷲ ފިޔަވައި އެހެން ފަރާތެއްގެ އަޅެއްކަމަށް ބުނެވޭ މާނަ އެކުލެވޭ ނަމަކަށްވެގެންނުވާނެއެވެ. މިސާލަކަށް، ޢަބްދުލްކަޢުބާ (ކަޢުބާގެ އަޅާ) ، ޢަބްދުއްނަބިއްޔި (ނަބިއްޔާގެ އަޅާ) ފަދަ ނަންތައް ކިޔުން ޙަރާމްކަމަށް ޢިލްމުވެރިން އިޖުމާޢުވެފައިވެއެވެ.

ތިންވަނަ ކަމަކަށް؛ އެ ނަމުގައި އެކުލެވޭ މާނައިގެ ސަބަބުން މީހާއަށް ބޮޑައިކަމާއި ކިބުރުވެރިކަން ގެނުވާފަދަ ނަމެއް ކިޔައިގެންނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ޤިޔާމަތްދުވަހުގައި ﷲ ގެ ޙަޟުރަތުގައި އެންމެ ނިކަމެތި ނަމުގެ ވެރިއަކަށްވާނީ ملك الأملاك (ހުރިހާ ރަސްކަލުންގެ ރަސްގެފާނު) ގެ ނަމުން ނަންކިޔުނުމީހާއެވެ."(ބުޚާރީ: 6207)

ހަތަރުވަނަ ކަމަކަށް؛ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ނަންފުޅުތައް އެހުރިގޮތަށް ކިޔައިގެންނުވާނެއެވެ. މިސާލަކަށް އައްރަޙްމާނު، އައްރައްޒާޤު ފަދަ ނަންތައް ކިޔަންވާނީ ކުރިއަށް ޢަބްދު ލައިގެން، ޢަބްދުއްރަޙްމާނު، ޢަބްދުއްރައްޒާޤު މިގޮތަށެވެ. މީގެއިތުރުން، ޣައިރުމުސްލިމުންގެ ދީންތަކުގައި އަޅުކަންކުރާ ތަކެއްޗަށް ކިޔާ ނަންނަމާއި، ރާމާމަކުނާއި ކުއްތާ ފަދަ ނުރުހެވޭ ޖަނަވާރުންގެ ނަންތަކުން ނަންކިޔައިގެންނުވާނެއެވެ.

ބަޔާންވެ ދިޔައީ ނަންކިޔުމުގައި ކޮށްގެން ނުވާނެކަމަށް އިސްލާމްދީނުގައި އިރުޝާދު ދެއްވަވާފައިވާ މުހިއްމު ކަންތައްތަކެވެ. ހަމަ މިއާއެކު، ﷲ ގެ ނަންފުޅު ހިމެނޭ ޢަބްދުﷲ ނުވަތަ ޢަބްދުރަޙްމާނު ފަދަ ނަމުން ނަން ކިޔުމާއި، ނަބިއްޔުންނާއި ރަސޫލުން އަދި ޞާލިޙުންގެ ނަންތަކުން ނަންކިޔުން މޮޅުއިތުރުވެގެންވެއެވެ.

އިސްވެ ބުނި ކަންތައްތަކަށް ސަމާލުކަން ދިނުމާއެކު، ކޮންމެ ބަހަކަށް ނިސްބަތްވާ ނަމެއްވެސް ދަރިފުޅަށް ކިއިދާނެއެވެ. މުސްލިމުންނަށް ކިޔާ ނަމަކީ ސީދާ ޢަރަބި ނަމަކަށް ވާންޖެހޭނެކަމަށް ދަލީލުކޮށްދޭ ނައްޞެއް ނެތެވެ. އެހެންކަމުން ދަރިންނަށް ކިޔާ ނަމަކީ ކޮންމެހެން ޢަރަބި ނަމަކަށްވުން ލާޒިމެއްނޫންކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ކަން މިހެން އޮތްނަމަވެސް ތަނުގެ އާދަކާދައާއި ޢާއްމު މަޞްލަޙަތާއި އެނޫންވެސް ކަންކަމަށް ރިޢާޔަތްކޮށް، ދަރީންނަށް ނަން ކިއުމުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް ވެރިކަމުގެ ފަރާތުން ކަނޑައަޅާފައިވާނަމަ އެގޮތަކަށް ޢަމަލުކުރަންޖެހޭނެއެވެ. ދިވެހީންގެތެރޭގައި ޒަމާނުއްސުރެ ދަރީންނަށް ކިޔަމުން އަންނަނީ ޢަރަބި ބަހަށް ނިސްބަތްވާ، މާނަ ރީތި ކިޔައިލަން ފަސޭހަ ނަންތައްކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ ޤުރުއާނާއި ޢަރަބި ބަހަށް ލޯބިކުރާ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ޢަމަލުކުރަމުން އަންނަ ރީތި އާދައެއްކަމުން، މިކަން މިގޮތަށް ދެމެހެއްޓުމީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް