ޓޮމާޓޯ އަކީ ތަރުކާރީއެކެވެ. ބަދަނަކީ ލެގިއުމް އެކެވެ. އާމަންޑަކީ ނަޓެކެވެ. އެވޮކާޑޯ އަކީ މޭވާއެކެވެ. އެވޮކާޑޯ އަކީ ތަރުކާރީއެކެވެ. ތިބޭފުޅުންގެ ހިޔާލަކީ ކޮބާތޯއެވެ؟
ސައިންސްވެރިން/ބޮޓެނިސްޓުން (ބޮޓަނިސްޓުންނަކީ ގަސްގަހާގެހި ހެދިބޮޑުވުމާއި، އަދި ގަސްސަހާގެއްސާއި ގުޅޭ އެހެނިހެން ކަންތަށް ކިޔަވާ, ހޯދާ ބަލާމީހުން) މޭވާ މާނަ ކުރަނީ މާ އަޅާ ގަސްގަހުގެ އޮށުން އުފެދޭ، އެތެރޭގައި އެންމެ އޮށެއް ހިމެނޭ ބާވަތަށެވެ. މި ސައިންސްވެރިން ތަރުކާރީ މާނަ ކުރަނީ ގަސްގަހާގެހީގެ ކެވޭ ހުރިހާ ބައިތަކަށެވެ. ފަތާއި، ތަނޑި އާއި މޫ ވެސް ހިމެނޭ ގޮތަށެވެ.
އުސޫލު ސާފުކޮށް ކަނޑައަޅާފައި އޮތަސް، ސާފުކޮށް އުސޫލަށް ނުފެތޭ ބައެއް މޭވާތަކުގައި ތަފާތު ސިފަތަކެއް ފާހަގަކުރެވެއެވެ. ސްޓްރޯބެރީގެ ބޭރުގައި ބައިވަރު އޮށްހުރެއެވެ. އަންނާރުގައި ވެސް ބައިވަރު އޮށްހުރެއެވެ. ހުންނަނީ އެއްކޮށް އެކަތިގަނޑެއްގޮތުގައެވެ. ނަމަވެސް ޕްލަމް އާއި އްޕްރިކޮޓްފަދަ މޭވާތަކުގެ އެތެރޭގައި އެ ބުނާހެން އޮންނަނީ އެންމެ އޮށެކެވެ.
އެކި މޭވާތަކުގެ މިފަދަ ތަފާތު ސިފަތަކާ ހެދި، ބޮޓަނިސްޓުން މޭވާ އިތުރު ދެ ބަޔަކަށް ވަނީ ބަހާފައެވެ. ޑްރޫޕާއި ބެރީސް މި އަންނަނީ އެހާ ހިސާބުންނެވެ.
ބެރީ/ބެރީސް އަކީ ބައިވަރު އޮށް ހުންނަ، ފަސޭހައިން ބޭރުތޮށިގަނޑު ނޮޅާލެވޭ ނުވަތަ މަޑުކޮށް ހުރުމުގެ ސަބަބުން ކައިލެވޭ ބާވަތްތަކުގެ މޭވާއެވެ. މި އުސޫލުން ސްޓްރޯބެރީ އާއި ކަމްބާ އަދި އަންނާރު ވެސް ހިމެނެނީ ބެރީސްގެ ގޮތުގައެވެ. ޓޮމާޓޯ އަކީ ވެސް ބެރީ އެކެވެ. ބެރީއަކީ ވެސް ހަމަ މޭވާއެވެ.
ނަމަވެސް މި ލިޔުމުގައި މައިގަނޑު ގޮތެއްގައި ބަލައިލާނީ ބެރީ އަކަށް ނޫނެވެ. މުޅި ދުނިޔޭގައި އެންމެ ގިނައިން ކައިއުޅޭ އެއް މޭވާއަށެވެ. މޭވާގެ ދެވަނަ ބައި ޑްރޫޕަށް ނިސްބަތްވާ އެވޮކާޑޯއަށެވެ.
ޑްރޫޕަކީ ހަރު ބޭރު ތޮށިގަނޑެއްލާފައި ހުންނަ އަދި އެތެރޭގައި އެންމެ އޮށެއްހިމެނޭ މޭވާތަކެވެ. ޕްލަމް، އެޕްރިކޮޓް ނުވަތަ ސްޓޯން ފްރުޓްސް އަދި ރަންބުސްތާން ހިމެނެނީ އެވޮކާޑޯ އާއި އެއްކޮށް ޑްރޫޕްގެ ބައިގައެވެ.

މި އަހަރުގެ ދިގުދެމިގެންދާ މަޝްހޫރު ޓްރެންޑްސް ތަކުގެ ތެރޭގައި އެވޮކާޑޯ ވަނީ ހިމެނިފައެވެ. ވިސްނައިގެން ހުޝިޔާރުކަމާ އެކު އިސްތިހާރު (މާކެޓިން ޕީއާރު) ކުރާ ފަރާތްތަކަށް އެވޮކާޑޯ މަޝްހޫރު ވާނެކަން އިނގުނީބާއެވެ؟ ބަވަނަ ވެފައިވާ ދުނިޔެއެއްގައި އެވޮކާޑޯ ފައިހިއްޕާލާނެ ނިސްބަތް މާކުރިން އިނގުނީބާއެވެ؟
ސަބަބަކީ އެވޮކާޑޯއަކީ ވަރަށް ދިގު މުއްސަނދި ތާރީހެއް ވާ މޭވާއެކެވެ. އެވޮކާޑޯ ނިސްބަތްވަނީ ދުނިޔޭގެ ހުޅަނގު ހެމިސްފިއާއަށެވެ. މެކްސިކޯއިން ފެށިގެން ދެކުނު އެމެރިކާގެ އެންޑީސް ފަރުބަދަތަކާއި ހަމައަށް އާދަޔާ ހިލާފަށް އެވޮކާޑޯ ހެދެއެވެ. ނަމަވެސް ޒަމާނީ ދަނޑުވެރިކަމުގެ ތެރެއިން އުތުރު އެމެރިކާގެ ބައެއް ހޫނު، ޓްރޮޕިކަލް ސަރަޙައްދުތަކުގައި ވެސް މިއަދު އެވޮކާޑޯ ހައްދައެވެ. މުޅި އަހަރު ތެރޭގައި ހުރިހާ ހިސާބު ތަކުން ވެސް ކޮންމެ ވެސް ވައްތަރެއްގެ އެވޮކާޑޯ އެއް ލިބެއެވެ.
އެވޮކާޑޯ ފުރަތަމަ ފެނިފައިވަނީ 10،000 ބީސީގެ ތެރޭގައި މެކްސިކޯގެ ޕުއަބްލޯއިންނެވެ.
ހޯދުންތަކުން ދައްކާގޮތުގައި މިއީ ޑައިނަސޯ ޒަމާނުގައި ލެސްޓޮޑޮންސް ކެއުމުގައި ބޭނުންކުރި އެއްޗެއް ކަމަށް ވެސް ވެއެވެ. އެހެންވީއިރު، މިއީ އިންސާނުން ދުނިޔޭގައި ވަޒަންވެރިވުމުގެ ވެސް މާ ކުރިއެވެ. ތާރީހުން، އެޒްޓެކްގެ ރައްވެހީންގެ ކެއުމުގައި އެވޮކާޑޯ ޗަސް ކޮށްގެން ކޭކަން އެންގެން އެބަހުރިއެވެ. މިއީ ގުއަކަމޯލީ އުފަންވި ހިސާބެވެ. އިންސާނުން ކެއުމަށް ގޮވާން ކުރަންފެށި ހިސާބުން އެވޮކާޑޯގެ އެތެރޭގައި ވާ އޮށް ކުޑަވެ، ވަށައިގެން ކެވޭ "ފްލެޝް" ނުވަތަ މެސޮކާޕް ބޮޑުވެގެންދިޔަކަން ސައިންޓިސްޓުންގެ ހޯދުންތަކުން ފެނެއެވެ.
އެވޮކާޑޯ ގަހަކީ 400 އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް ހެދިހެދި ހުންނަ ގަހެކެވެ. ގާތްގަނޑަކަށް 65-70 ފޫޓާ ހަމަޔަށް މި ގަސް ފޯދެއެވެ. އެވޮކާޑޯގެ 1000 އަށް ވުރެ ގިނަ ބާވަތްތަށް ދުނިޔޭގެ އެކި ކަނކޮޅުތަކުން ލިބެން ހުންނައިރު އެންމެ މަޝްހޫރު އަދި އެންމެ ގިނައިން ބޭނުންކުރާ މުޑުވަކަކީ "ހާއްސް އެވޮކާޑޯ"އެވެ. މި މުޑުވަކަކީ ކެލިފޯނިޔާގެ ޕޯސްޓްމޭންއެއް ކަމަށްވާ ރުޑޮލްފް ހާއްސް ޕޭޓަންޓް ކޮށްފައިވާ، އޭނާގެ ގޯތި ތެރެއިން 1935 ވަނަ އަހަރު ފެނުނު މުޑުވަކެކެވެ. މި ވައްތަރުގެ އެވޮކާޑޯގެ ބޭރު ތޮށިގަނޑު އޮންނަނީ ގަދަ ގަދަ ފެހި ކުލައެއްގައި ވަރަށް ބޯކޮށެވެ. ގުއަކަމޯލީ ހަދަން އެންމެ ފައްކަލީ މި ވައްތަރެވެ. ނަމަވެސް މިހާތަނަށް ފެނުނު އެންމެ ބޮޑު އެވޮކާޑޯގެ މުޑުވަކަކީ މޮންރޯ އެވޮކާޑޯއެވެ. އާންމު ގޮތެއްގައި ދެ ޕައުންޑް މި ވައްތަރު މުޑުވަކުގައި ހުންނަ ކަމަށް ފާހަގަކުރެވިފައިވެއެވެ.
ގިނެސް ބޫކް އޮފް ވޯލްޑް ރެކޯޑްސްގައި ވެސް އެވޮކާޑޯގެ ނަން އެބައޮތެވެ. އެއީ އެންމެ ބަރު އެވޮކާޑޯގެ އެވޯޑް އޮތް 5.6ޕައުންޑް (2.55ކިލޯ)ގެ އެވޮކާޑޯއެކެވެެ. އާންމު ގޮތެއްގައި މާރުކޭޓުތަކުން ފެންނަ އެވޮކާޑޯތަކަކީ ހަ އައުންސް، ގާތްގަނޑަކަށް 170ގުރާމް ހުންނަ މޭވާތަކެކެވެ. އަޅާކިޔާލަންޏާ ވަރަށް ބަރު އަޅާކިޔުމަކަށް ވާނެކަން ޔަގީނެވެ.

މުޅި ދުނިޔެއަށް އެންމެ ގިނައިން އެވޮކާޑޯ ފޯރުކޮށްދޭ ގައުމަކީ މެކްސިކޯއެވެ. މިދިޔަ 2020 ވަނަ އަހަރު، ކޮވިޑު ތެރޭގައި ވެސް 2.7 ބިލިއަން ޑޮލަރުގެ އެވޮކާޑޯ ވަނީ މެކްސިކޯއިން އެކްސްޕޯޓު ކޮށްފައެވެ. އެހާ ހިސާބުން މާކެޓިން އާއި ބްރޭންޑިން ކުންފުނި ތަކުން އެވޮކާޑޯ ސިފަކޮށްދޭން ފެށިފެށުން ވެގެން ދިޔައީ މި ޒަމާނުގެ ޖެން-އެކްސް އާއި ޖެން-ޒީ ގެ މެދުގައި ވެސް އެންމެ މައްޝޫރު އެއް މޭވާއަށާއި ދިގުދެމިގެންދާ ވަރުގަދަ ޓްރެންޑަކަށް އެވޮކާޑޯ ވެގެންދިޔުމެވެ.
މިހާ މަޝްހޫރުކަމެއް ލިބިގެން ދިޔުމުން މި މޭވާ އާއި ދޭތެރޭ އެންމެންގެ ވެސް ހިޔާލެއް ބިނާވިއެވެ. ކެއްކުންތެރިން ގިނަ ގުނަ ހިޔާލުތަށް ފާޅުކުރަމުން ދިޔައެވެ. އެވޯ ޓޯސްޓޮ، އެވޮ ސްމޫތީ، އެވޮ ސެލެޑް، އެވޮ ކޫކީސް، އެވޮކާޑޯ އޮއިލް، އެވޮކާޑޯ ލޯޝަން ވެސް ދުނިޔޭގެ މާކެޓުގައި ޓްރެންޑަކަށް ވެގެންދިޔައެވެ. ހުރިހާ ސޯޝަލް މީޑިއާތަކެއްގެ އިންފްލުއެންސާސްތަށް މި ސުޕާ ކާނާ އެ މީހުންގެ ކޮންޓެންޓުގައި ހިމަނަންފެށިއެވެ. މިއަދު، 2023 ވަނަ އަހަރު ވެސް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ ކެފޭތަކުން ވެސް އެވޮކާޑޯ އަހަރުގެ ހުރިހާ ދުވަހެއްގައި ލިބެން ހުރެއެވެ. ހަމަގައިމު ވެސް ވަރަށް ކާމިޔާބު މާކެޓިން އުކުޅުތަކެއްގެ ނަތީޖާއެކޭ ވެސް ބުނެވިދާނެއެވެ!
އެވޮކާޑޯ އަކީ ސުޕާފުޑެކޭ ބުނާ ބުނުން ދެން ތަފުސީލު ކޮށްލަމާތޯއެވެ.
އަސްތަކަށް މިއީ ސީދާ ޒަހަރެކެވެ. ނަމަވެސް އިންސާނުންނަށް/ ހަށިގަނޑަށް މިއީ ރަންގަނޑެކެވެ.
އެވޮކާޑޯއަކީ ހިތުގެ ދުޅަހެޔޮކަމާއި ބަރުދަން ލުއިކުރުމާއި ހަޖަމުކުރުމާއި ހަންގަނޑާއި ލޮލުގެ ދުޅަހެޔޮކަމާއި ހިތުގެ ދުޅަހެޔޮކަމާއި އިންފްލެމޭޝަން ކުޑަކުރުމާއި ނިއުޓްރިއަންޓް އެބްސޯޕްޝަން ފަދަ ސިއްހީ ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. މެދު ވަރެއްގެ އެވޮކާޑޯ އެއްގެ ތިންބައިކުޅަ އެއްބައިގައި 20 އަށް ވުރެ ގިނަ ވިޓަމިންސް އަދި މިނެރެލްސް ހިމެނެއެވެ. މިއީ މޮނޮއަންސެޗުރޭޓެޑް އަދި ޕޮލިއަންސެޗުރޭޓެޑް ފެޓްސްއިން މުއްސަނދި ވެފައިވާ ހަށިގަނޑަށް ފައިދާހުރި ފެޓްސް ލިއްބައިދޭ މޭވާއެކެވެ.
މީގެ އިތުރުން އިންފްލެމޭޝަން، ކޮލެސްޓްރޯލް ލެވެލް އަދި ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދެއެވެ. އެވޮކާޑޯގައި ފައިބަރު ގިނަ އަދަދަކަށް އެކުލެވިގެންވާ އިރު ބަރުދަން އެއްވަރެއްގައި ބަހައްޓާ ބެލެހެއްޓުމަށް އެހީތެރިވެދެއެވެ. އެވޮކާޑޯގައި ވިޓަމިން އީ އެކުލެވިގެންވާއިރު މުސްކުޅިވުމުގެ އަލާމާތްތައް ކުޑަކުރުމަށް ވެސް އެހީ ވެދެއެވެ. ދޮންކެޔޮލަށްވުރެ ގިނަ އަދަދަކަށް ޕޮޓޭސިއަމް ވެސް ހިމެނެއެވެ. ކެއުމުގެ އިތުރުން އަލޯވެރާ ބޭނުން ކުރާއުސޫލުން ހަންގަނޑު އޮމާންކުރަން ވެސް މިއީ އެއްވަނައެވެ.

ބްރޭންޑިން އާއީ މާކެޓިން އަކީ ހަމަގައިމު ވެސް ހަށިގަނޑަށް އެންމެ ފައިދާހުރި ކާބޯތަކެތި ކަނޑައެޅުމުގެ ސައްހަ ފަތިގަނޑަކަށް ހެދުން ބުއްދިވެރިކަމަކަށް ނުވާނެއެވެ. ނަމަވެސް ނިއުޓްރިޝަނިސްޓްގެ ހޯދުންތައް މި އިސްތިހާރުތަކަށް ހެކީގެގޮތުގައި ފުދެއެވެ.
މޭވާއެއްގެ ބަޔޮލޮޖިކަލް ކްރައިޓީރިއާއަށް ފެތޭ ކާނާ ބައެއް ފަހަރު ކަލިނަރީ ނަޒަރަކުން ތަރުކާރީގެ ގޮތުގައި ދެކެއެވެ. އެވޮކާޑޯ އާ ދޭތެރޭ ކެއްކުންތެރިންނާ ބޮޓެނިސްޓުންގެ ހިޔާލު ތަފާތެވެ. ކައްކަން ބޭނުންކުރުމާއި ކުޅި ކާއެއްޗިހި ހެދުމަށް ބޭނުންކުރާތީ ކެއްކުން ތެރިން ނިންމަނީ އެއީ ތަރުކާރީއެއް ކަމަށެވެ. ނިއުޓްރިޝަނިސްޓުން މޭވާ އާއި ތަރުކާރީ ކަނޑައަޅަނީ އެ އެއްޗަކުން ލިބޭ މާއްދާތަކުގެ ނިސްބަތުންނެވެ. މިގޮތުން ބޮޓަނިސްޓުންނާއި ހިލާފަށް މި ދެބައި މީހުން ވެސް ގަބޫލު ކުރާގޮތުގައި އެވޮކާޑޯއަކީ ތަރުކާރީއެކެވެ.
ކިޔުންތެރިންގެ ނިންމުމަކީ ކޮބާބާވައެވެ؟
ފާހަގަވާ އެއް ކަމެއް އެބައޮތެވެ. ކެއްކުންތެރިންގެ އެއިރެއްގެ ބޭނުމަށް އެވޮކާޑޯގެ ނަން ބަދަލުވާކަމެވެ. އެވޮކާޑޯ ސްމޫތީއެއް ހެދުމަށް އެވޮކާޑޯ މޭވާ އެއް ގޮތުގައި ވެސް ބަލައިގަންނަކަމެވެ. އަނެއްބައި ފަހަރު، އެވޮކާޑޯ ސެލެޑް ނުވަތަ ކުޅި އެއްޗެއް ހަދާއިރު ތަރުކާރީއެއްގެ ގޮތުގައި ބަލައިގަންނަ ކަމެވެ. ދެން ކެއުމަށް އަނގަޔަށް ލާހިސާބުން މޭވާ އެއްތޯ ތަރުކާރީ އެއްތޯ ވިސްނުމަށް ވެސް ނާންނަ ކަމެވެ. އިސްތަށިގަނޑު ދިގު ކުރަން އެވޮކާޑޯއިން ހަދާފައި ހުންނަ ތެޔޮ ލާއިރު މޭވާއެއްތޯ ރަތުކާރީއެއްތޯ ނަޓެއްތޯ ވެސް ހިތަށް ނާރާ ކަމެވެ.
މަޝްހޫރި ވި ވަރަކަށް އެއާ ދޭތެރޭ މީހުން ދެކޭގޮތްތަށް ގިނަ ވެގެން ދިޔަތަން ފެނިގެންދިޔައެވެ. އެވޮކާޑޯ އާއި ދޭތެރޭ ކޮންމެ މީހެއްގެ ވެސް ހިޔާލަކާއި ފިކުރެއް އެހިސާބުން ފެންމަތިވާންފެށިއެވެ. މިހެންވުމާ އެކު ދުނިޔޭގެ އެކި ހިސާބުތަކުގެ މީޑިއާ ތަކުގައި އެވޮކާޑޯގެ އަޑު ވަރަށް ގަދަވެގެން ދިޔައެވެ. ކިތަންމެހާގިނަ ޕްރޮމޯޝަންތަކެއް މިހާރު ވެސް ވަނީ ޝެޑިޔުލް ކުރެވިފައެވެ. ވިޔަފާރިންގެ ނަޒަރިއްޔާތުގައި ވަރަށް ފައިދާވާނެ އިންވެސްޓްމެންޓަކަށް އެވޮކާޑޯވަނީ ވެފައެވެ.
މިހެންވީއިރު ކެއްކުންތެރިންގެ ކޮންމެ ޅިޔަޔަކަށް ފެތޭ، ކެއުންތެރިންގެ ކޮންމެ ސުވާއަކަށް ފެތޭ، އިންފުލުއެންސާސްގެ ކޮންޓެންޓަށް ކޮންމެ ގޮތަކަށް ވެސް ފެތޭ އެވޮކާޑޯ އަކީ ފުޅިމަދު އުނގުރިއެކޭ ނުބުނެވޭނެހެއްޔެވެ.