އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މުއިއްޒުގެ ގެކޮޅު، ދިމްޔާތުގައި މިއަދު ހެނދުނު 08:55 ހާއިރުއެވެ.
މިއީ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ބައްދަލުކުރެއްވި ފުރަތަމަ ޑިޕްލޮމެޓެވެ. މުއިއްޒު މަތީ ތައުލީމް ހާސިލުކުރެއްވީ ވެސް އިނގިރޭސިވިލާތުންނެވެ.
މި ބައްދަލުކުރެއްވުމުގައި މުއިއްޒުގެ އަރިހުގައި އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް (ސެމްބެ) ވެސް ހުންނެވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބްރިޓިޝް ހައި ކޮމިޝަނަރާ ބައްދަލުކުރެއްވުން-- ސަން ފޮޓޯ/ އިސްމާއިލް މުނައްވަރު
މުއިއްޒު މީގެ ކުރިން ވިދާޅުވީ، މިހާރު ކުރިއަށްދާ ޓްރާންސިޝަން މުއްދަތުގައި ވެސް އެކިއެކި ބޭރުގެ ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުންދާ ކަމަށެވެ. އެގޮތުން ގާނޫނީ ހަމަތަކުގެ މަތިން ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް ސިޔާސަތު' ކަމަށެވެ. އެއީ ރާއްޖޭގެ މަސްލަހަތު އިސްކުރުމުގެ ސިޔާސަތުކަމަށާއި އެ ސިޔާސަތަށް ތާއީދުކުރާ ކޮންމެ ގައުމަކާ ގާތް ގުޅުން ބާއްވަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބްރިޓިޝް ހައި ކޮމިޝަނަރާ ބައްދަލުކުރެއްވުން-- ސަން ފޮޓޯ/ އިސްމާއިލް މުނައްވަރު
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ފަހު މިހާތަނަށް މުއިއްޒު ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވައިފައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި، ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުއިއްޒު 54 އިންސައްތަ ވޯޓު ހޯއްދެވިއެވެ. އެއީ، 126،499 ވޯޓެވެ.
އިންތިޚާބީ ރައީސް އަދި ނައިބު ރައީސް ހުވާކުރުމުގެ ޖަލްސާ އަންނަ މަހުގެ 17 ވާ ހުކުރު ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން އަންނަނީ މަސައްކަތްކުރަމުންނެވެ.