ވިޔަފާރިއަށް ދިވެހީން އާންމުކޮށް ގޮސް އުޅޭ ތައިލޭންޑްގެ ވެރިރަށް ބެންކޮކުގެ މަޝްހޫރު މޯލެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން "ސަން"އަށް ބުނީ އެ ހަމަލާއާ ގުޅިގެން، ތައިލެންޑުގައި ތިބި ދިވެހިންގެ ހާލަތު އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެންކޮކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަދި ހާދިސާ ހިނގި ވަގުތު އެއްވެސް ދިވެއްސަކު އެމޯލްގައި ތިބިތޯ ވެސް ދަނީ ބަލަމުން،" ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާނަމަ އަދި އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ ވީއެންމެ އަވަހަކަށް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 ނުވަތަ ބެންކޮކުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު 66611766502+ އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ބެންކޮކްގެ މެދުގައި ހުންނަ ލަގްޒަރީ ޝޮޕިން މޯލެއް ކަމަށްވާ ސިއަމް ޕެރެގަންގައި ބަޑިން ހަމަލާ ދިނީ މިއަދު އެގައުމުގެ ގަޑިން 4:20ހާއިރެވެ. އެ ހަމަލާގައި ތިން މީހަކު މަރުވެފައިވާ ކަމަށް ތައިލެންޑުގެ އޮފިޝަލުން ބުނެއެވެ.
އެ ހާދިސާގައި އިތުރު ހަތަރު މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ބިދޭސީއެއް ވެސް ހިމެނެއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަން އެގައުމުގެ މީޑިއާތަކުން މިހާތަނަށް ރިޕޯޓުކޮށްފައިނުވެއެވެ.
އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ 14 އަހަރުގެ ކުއްޖެކެވެ. އޭނާ މޯލްގައި ހުރެ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.