އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޗައިނާގެ ރައީސް ޝީ ޖިންޕިން މަރުހަބާ ދަންނަވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެދިވަޑައިގެންފިއެވެ.
ޗައިނާގެ ސަފީރު ވަންގް ލިޒިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގައުމުގެ ރައީސް، މުއިއްޒަށް މަރުހަބާ ދެންނެވުމަށް މެސެޖެއް ފޮނުއްވި ކަމަށެވެ.
ތަހުނިޔާ ފޮނުއްވާ އެ މެސެޖުގައި ޝީ އެދިވަޑައިގެންފައި ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރި ކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށެވެ. އަދި މި ގުޅުމަކީ ދެ ގައުމުގެ ދެމެދު ޒަމާނުއްސުރެ ހިނގަމުން އަންނަ ގުޅުމެއް ކަން ފާހަގަކުރައްވާ ޝީ ވިދާޅުވީ ޒަމާންވީ ރަހުމަތްތެރިކަމުގެ އިތުރުން ދެ ގައުމަކީ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާ ރަނގަޅު ބައިވެރިންކަމަށެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ އިޚްލާޞްތެރިކަމާއި، ދެ ގައުމުގެ މެދުގައި އޮންނަ އިތުބާރާއި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙުމަތްތެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ޝީ ވަނީ އިންތިޚާބީ ރައީސަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
"ރާއްޖެއާއެކު މި އޮތް ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ އަޅުގަނޑު ވަރަށް ބޮޑު އަހަންމިއްޔަތެއް އެކަމަށް ދޭ ކަމެއް. އެކަން ދެމެހެއްޓުމަށްޓަކައި އެއްބާރުލުން ދޭން މިތިބީ ތައްޔާރަށް،" ޝީ ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
ޝީ ވަނީ މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ފާގަތި މުސްތަގުބަލަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ އޭޕްރީލް 15، 1972 ގައެވެ. އޭގެ ފަހުން 2013ވަނަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ މިގުޅުން އިތުރަށް ހަރުދަނާ ކޮށްފައެވެ.