ބިޔޯންސޭގެ ޓުއާއިން ވެސް އެމެރިކާގެ އިގުތިސޯދަށް ބިލިއަނެއް

ޕޮޕް އައިކަން ބިޔޯންސޭ ދާދި ފަހުން ނިންމާލި "ރެނޭސޯންސް" ޓުއާއާ އެކު އެމެރިކާގެ އިގުތިސޯދަށް 4.5 ބިލިއަން ޑޮލަރު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބިޔޯންސޭގެ ވޯލްޑު ޓުއާ ވަނީ މި މަހުގެ އެއްވަނަ ދުވަހުގައި ނިންމާލާފައެވެ. މެއި މަހުގެ 10 ވަނަ ދުވަހު ފެށިގެން ދިޔަ ޓުއާގައި އިނގިރޭސިވިލާތާއި ޔޫރަޕުގެ އިތުރުން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ވަނީ ޝޯ ދީފައެވެ. ގިނަ ޝޯތަކެއް އެމެރިކާގައި ކުރިއަށް ގެންގޮސްފައިވާއިރު މި ޝޯއިން އެކަނި ވެސް ބިޔޯންސޭގެ ޓީމަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ބިޔޯންސޭގެ ޝޯއިން ފައިދާ ކޮށްފައިވަނީ ހަމައެކަނި އޭނާ އާއި އޭނާގެ ޓީމަކަށް ނޫނެވެ. މުޅި އެމެރިކާގެ އިގުތިސޯދަށް ވެސް ވަނީ ޓުއާއިން ބޮޑު ފައިދާއެއް ކޮށްފައެވެ. އެމެރިކާގެ ނޫސްތަކުން ހާމަކުރާގޮތުގައި ބިޔޯންސޭގެ ޓުއާއިން ވަނީ އެ ގައުމުގެ އިގުތިސޯދަށް 4.5 ބިލިއަން ޑޮލަރުގެ ފައިދާއެއް ކޮށްފައެވެ.

ޓުއާގައި ގޮސްފައިވާ މަންޒިލުތަކަށް އެކި ސަރަހައްދުން މީހުން ވަނީ އެތައް ހާހަކުން އެއްވެފައެވެ. ނަތީޖާއެއްގެ ގޮތުން ޓުއާ އޮންނަ މަންޒިލުތަކަށް ކުރިއެރުންތައް ލިބެމުން ގޮސްފައިވެއެވެ. އެއީ، ޓުއާ އޮންނަ މަންޒިލުތަކުގެ ލޯކަލް ވިޔަފާރިތަކަށް ވެސް އެހެން ސަރަހައްދުތަކުން މީހުން އެއްވެ ފައިދާ ވެފައިވާތީއެވެ.

ނޫސްތަކުން ބުނާ ގޮތުގައި އެންމެ ބޮޑު ފައިދާތަކެއް ކޮށްފައިވަނީ ލޯކަލް ހޮޓެލް ވިޔަަފާރިތަކާއި ރެސްޓޯރެންޓް/ ކެފޭ އަދި ފިހާރަތަކަށެވެ.

މި އަހަރަކީ މުނިިފޫހިފިލުވުމުގެ ދާއިރާއާ އެކު ބޮޑެތި ކުރިއެރުންތަކެއް އިގުތިސޯދަށް ކޮށްފައިވާ އަހަރެކެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ކުރިއަށް ގެންދާ "އެރާސް" ޓުއާގެ ސަބަބުން ވެސް ވަނީ އެމެރިކާގެ އިގުތިސޯދަށް ހަތަރު ބިލިއަން ޑޮލަރަށް ވުރެ ބޮޑު ފައިދާއެއް ކޮށްފައެވެ.

comment ކޮމެންޓް