ގަޔަށް ބާރު ފަޓުލޫނުތަކާއި ޖީންސްތައް މިހާރު އެއްކޮށްހެން ގެއްލެމުން ދަނީއެވެ. ޒުވާން ފިރިހެނުންގެ މެދުގައި ގަޔަށް ދޫ ފަޓުލޫންތަކާއި ޖީންސްތަކަށް އޮންނަ މަގުބޫލުކަން ވަނީ ވަރަށް ބޮޑުވެފައެވެ. އަދި، ހަމަ އެއާ އެކު ކުރީގެ ސްޓައިލްތައް އަންނަނީ އާންމުވަމުންނެވެ. މި ފަހަރުގެ ޓްރެންޑަކީ ކާޕެންޓާ ޖީންސެވެ.
ކާޕެންޓާ ޖީންސްތައް އާންމުކޮށް ކިޔައި އުޅެނީ ލުއި ފިޓިން އަދި އެތައް ޖީބަކާއި، ޕެޗްތަކާއި އިތުރު ލޫޕްތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޖީންސްތަކަކަށެވެ. ވަޑާން ކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތުގައި މި ޖީންސްތައް އެންމެ ކުރީން މަގުބޫލުވެފައިވާތީ ނަން ވެސް ދެވިފައިވަނީ އެގޮތަށެވެ.
ކާޕެންޓާ ޖީންސްގައި ތަފާތު ޖީބުތައް ހުންނާތީ އެކި ކަހަލަ ޓޫލްތައް ލައިގެން ގެންގުޅެން ފަަސޭހަވެއެވެ. ދޫކޮށް އަދި ބޮޑެތި ޖީބުތައް ހިމެނޭ ގޮތަށް ހަދާފައިވާ މި ޖީންސްތަކަކީ ލައިގެން އުޅެ މަސައްކަތް ކުރުމަށް ފަސޭހަ އަދި ވަރުގަދަ ޖީންސްތަކެވެ.
ކާޕެންޓާ ފަޓުލޫނާއި ޖީންސް އަކީ އެތައް އަހަރެއް ވަންދެއް މަސައްކަތުގެ މާހައުލުގައި ބޭނުންކޮށްފައިވާ އެއްޗެކެވެ. ނަމަވެސް ފެޝަންގެ ތެރެއަށް މި ޖީންސްތައް އާންމުވާން ފެށީ 2000ގެ ކުރީ ކޮޅުގައެވެ.
މި ދުވަސްކޮޅަކީ 2000ގެ ކުރީކޮޅުގެ ބޮޑެތި ޓްރެންޑުތައް އާންމުވަމުން އަންނަ ދުވަސްކޮޅެކެވެ. އެ ޓްރެންޓުތަކުގެ ވައިގައި ޖެހެމުން މި ފަހަރު މިއޮތީ ކާޕެންޓާ ޖީންސް ވެސް ވައިގައި ހިފާފައެވެ.
މިއީ ލައިގެން އުޅެން ފަސޭހަ އެއްޗަކަށް ވުމުން ކޮންމެ ކަހަލަ ހާލަތެއްގައި ވެސް މި ކަހަލަ ޖީންސް ބޭނުން ކޮށްގެން އައުޓްފިޓެއް ފުރިހަމަ ކޮށްލެވޭނެއެވެ.
ސްޓައިލްތައް ޓެސްޓުކޮށްލަން ބޭނުންވާ މީހުންނަށް މި ޖީންސްއަކީ ވަރަށް ވާސަޓައިލް އެއްޗަކަށްް ވާނެއެވެ. އެއީ، އާދައިގެ ގަމީހުން ފެށިގެން ޓީޝާޓުތަކާ ހަމައަށް ވެސް މި ޖީންސް ބޭނުންކޮށްގެން ލުކް ފުރިހަމަ ކޮށްލެވޭނެއެވެ. ނަމަވެސް އެންމެ ބޮޑަށް މި ޖީންސް މަގުބޫލު ވަނީ އޯވަސައިޒް ޓީޝާޓުތަކާއެކުގައެވެ.