މާހިރާއާއި ލޯބިވެރިޔާ ސަލީމް ކައިވެނިކޮށްފި

ބޮލީވުޑް ފިލްމު "ރައީސް"އިން ހިންދީ ސިނަމާއަށް ތަޢާރަފުވި ޕާކިސްތާނު ބަތަލާ މާހިރާ ޚާންއާއި ލޯބިވެރިޔާ ސަލީމް ކަރީމް ކައިވެނި ކޮށްފިއެވެ.

މާހިރާ ޚާންއާއި ސަލީމް ކަރީމް ކައިވެނި ކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސް އަހަރު ފަހުންނެވެ. ޕާކިސްތާނުގެ ބާރުބަންގައި ބޭއްވި ކައިވެނީގެ ޙަފުލާގައި ބައިވެރިވެފައި ވަނީ މާހިރާއާއި ސަލީމް ކަރީމްގެ އާއިލާގެ އިތުރުން ވަރަށް ގާތް ފަރާތްތަކެވެ.

މާހިރާ އެންމެ ފުރަތަމަ ކައިވެނި ކޮށްފައި ވަނީ ޕާކިސްތާނު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ޢަލީ ރިޒާ އަކްސަރީ އާއެވެ. ޢަލީ އަކްސަރީއާ އެކު 2007 ވަނަ އަހަރު ކުރި ކައިވެންޏަށް ފިރިހެން ކުއްޖަކު ވެސް ވަނީ ލިބިފައެވެ. ދެ މީހުން ވަކިވި ނަމަވެސް ދަރިފުޅުގެ ހުރިހާ ކަމެއްގައި މިހާތަނަށް ފުރިހަމަ އެއްބާރުލުން އަލީ އަކްސަރީގެ ފަރާތުން ލިބިފައިވާ ކަމަށް މާހިރާ ވަނީ ބުނެފައެވެ. އަދި، މިއަދާ ހަމައަށް ވެސް އެ ދެ ޢާއިލާގެ ދެމެދުގައި ވެސް ރުޅިވެރި ކަމެއް ނޯންނަ ކަމަށާއި އެއީ ވަރަށް އެކުވެރި ދެ އާއިލާއެއްގެ ގޮތުގައި މާހިރާ ވަނީ ސިފަ ކޮށްފައެވެ.

ޕާކިސްތާނުގެ ވިޔަފާރިވެރިޔާ ސަލީމް ކަރީމާއި މާހިރާގެ ކައިވެނި ކުރެވިފައި ވާއިރު ދެ މީހުން ވަނީ 2019 ވަނަ އަހަރު އެންގޭޖުވެފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ކަރާޗީގައި ހިންގާ ސިމްޕައިސާ ކުންފުނީގެ ވެރިޔާ އަކީ ވިޔަފާރިކުރުމުގެ އިތުރުން ޕްރޮފެޝަނަލް ޑީޖޭއެއް ވެސް މެއެވެ. ޕާކިސްތާނު ޑްރާމާ "ހަމް ސަފަރު"އިން ބޮޑު މަގުބޫލު ކަމެއް ހޯދި ބަތަލާ ބޮލީވުޑަށް ތަޢާރަފުވުމާ އެކު މާހިރާގެ ފިލްމުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރިއެވެ. ދާދި ފަހުން ނެޓްފްލިކްސްއިން ވަނީ ބަތަލާ މާހިރާ އާއި ފަވާދު ޚާން ހިމަނައިގެން ނެޓްފްލިކްސްއިން ގެނެސްދޭ ޕާކިސްތާނު ސީރީސް ފެށުމަށް ނިންމައިފައެވެ. ބަތަލާ މާހިރާ ޚާން މިހާރު މަސައްކަތް ކުރަމުން އަންނަ "ރަޒީއާ" ޓީވީ ސީރީސް އެ ޤައުމުގެ ޗެނަލްތަކުން ވަނީ ދައްކަން ފަށާފައެވެ.

comment ކޮމެންޓް