ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކު ވަދެވަޑައިގަތަނުދީ ސިފައިން ހުރަސްއަޅައިފި

9.10


އެއްވެސް ފަނޑިޔާރަކަށް އެތެރެއަށް ވަދެވަޑައިނުގެންނެވޭނެ ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވެދެވަޑައިގަތަނުދީ އެމްއެންޑީއެފުން އެ ދެ ބޭފުޅުން އަނބުރާ ފޮނުވާލައިފި އެވެ.


މިއަދު ހެނދުނު 8:30 ހާއިރު ސުޕްރީމު ކޯޓަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން އެމްއެންޑީއެފުން ނުދެއްވި ދެ ފަނޑިޔާރުންނަކީ އަލްއުސްތާޒު އަބްދުﷲ އަރީފާއި އަލްއުސްތާޒު ފާއިޒު ހުސެއިނެވެ. މީގެ ތެރެއިން ފާއިޒު ހުސެއިނަކީ އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ނަން ހުށަހެޅުއްވުމުން ކޮމިޓީގެ އިއްތިފާގުން، މީގެ ދެ ދުވަސް ކުރިން ފާސްކޮށްފައިވާ ބޭފުޅެކެވެ.


އަލްއުސްތާޒު އަބްދުﷲ އަރީފާއި އަލްއުސްތާޒު ފާއިޒު ހުސެއިން މިއަދު ހެނދުނު ސުޕްރީމު ކޯޓަށް ވަޑައިގަތުމުން، ސުޕްރީމު ކޯޓު ހިނގަމުން އަންނަ ތީމުގޭގެ ދެ ނަންބަރު ގޭޓުގައި ތިބި ސިފައިންގެ މީހުން ބުނެފައި ވަނީ އެއްވެސް ފަނޑިޔާރަކު އެތެރެއަށް ވެއްދުމުގެ ހުއްދަ ނެތް ކަމަށެވެ. އެހެންކަމުން އެ ދެ ފަނޑިޔާރުން ވަނީ އެނބުރި ގެއަށް ވަޑައިގެންފަ އެވެ.


ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް އިންޓަވިއު ދެއްވަމުން އަބްދުﷲ އަރީފް މިއަދު ވިދާޅުވީ، އެއްވެސް ފަނޑިޔާރަކަށް ކޯޓު ތެރެއަށް ވަދެވަޑައިނުގެންނެވޭނެ ކަމަށް ސިފައިން ބުނި ކަމަށެވެ. އަދި އެގޮތަށް އެންގީ ވެރިންގެ އަމުރަށް ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.


ސުޕްރީމް ކޯޓުގެ ތަޅުދަނޑި އެމްއެންޑީއެފުން ހިފެހެއްޓުމުގެ ސަބަބުން، ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އޮފީހަށް ނުވަދެވި ގަޑިއެއްހާއިރު ވަނީ ތީމުގޭ ގޯތިތެރޭގައި މަޑުކުރަންޖެހިފަ އެވެ. ނުވައެއް ޖަހަން ފަސް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ސުޕްރީމް ކޯޓު ހުޅުވާފައި ވަނީ، އިދާރީ މަސައްކަތް ކުރުމަށް ކޯޓު ހުޅުވިދާނެ ކަމަށް ރައީސް އޮފީހުން އެންގުމުން، ސުޕްރީމް ކޯޓުގެ އެޑްމިނިސްޓްރޭޓަރު ބަންޑާރަކޮއްޓަށް ވަޑައިގެން ތަޅުދަނޑި ހޯއްދަވައިގެން ކަމަށް، ސުޕްރީމު ކޯޓުގެ މުވައްޒަފެއް ބުންޏެވެ.


ސުޕްރީމު ކޯޓުގެ ތަޅުދަނޑި އެމްއެންޑީއެފުން މި ހިފެހެއްޓީ، ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހޯދުމަށް ޕީޖީ އޮފީހުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، އިންތިގާލީ މަރުހަލާ ނިމުނަސް، ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށާއި އެ ކޯޓުގެ ފަނޑިޔާރުން ވެސް ދެމިތިއްބަވާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހަވާލު ކުރުމަށް މަދަނީ ކޯޓުން އިއްޔެ އަމުރެއް ނެރެފައިވަނިކޮށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު