އޯޝަންގޭޓް ހާދިސާއަށް ފިލްމެއް ހަދަނީ

ޓޫރިސްޓުންގެ އަތުން އަގު ނަގައިގެން ކަނޑު އަޑިއަށް ދަތުރުކޮށް ޓައިޓޭނިކް ބަލަން އުޅުމުގެ ތެރޭގައި ހަލާކުވި އޯޝަންގޭޓްގެ ސަބްމާސިބަލްގެ ހާދިސާއަށް ބިނާކޮށް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ޖޫން 18 ގައި ފަސް ޓޫރިސްޓަކު ގޮވައިގެން އުތުރު އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް މަޝްހޫރު ޓައިޓޭނިކް ދޮށަށް ދަތުރުކުރި އެ ކުންފުނީގެ ކުޑަ އުޅަނދެއް ކަމަށްވާ ޓައިޓަން ސަބްމާސިބަލް ވަނީ ކަނޑުގެ ޕްރެޝަރުގެ ސަބަބުން ކަނޑުގެ އެތެރެއަށް ފިތިފައެވެ.

މި ހާދިސާ ހިނގާފައިވަނީ ރަނގަޅަށް ޓެސްޓުތަކެއް ކޮށްފައިނުވާ ސަބްމާސިބަލްއެއްގައި ދަތުރު ކުރުމުގެ ތެރޭގައި އެ އަޑިއަށް ދިޔަތާ ހަތަރު ދުވަސް ފަހުންނެވެ. އެއާ އެކު ސަބްމާސިބަލްގައި ތިބި ފަސް މީހުން ވަނީ މަރުވެފައި ކަމަށް އިއުލާނުކޮށްފައެވެ.

އޯޝަންގޭޓްގެ ސަބްމާސިބަލްގައި ދަތުރުކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަހުޖަނުންނެވެ. އަދި، އޭގައި ޓައިޓޭނިކް ބަލާލުމަށް މަހުޖަނުންތައް ވަނީ 250،000 ޑޮލަރުގެ ޓިކެޓެއް ކޮންމެ މީހަކު ގަނެފައެވެ.

މި ހާދިސާގައި ކަންތައްތައް ހިނގައިދިޔަ ގޮތަށް ބަލައި އެމެރިކާއިން އަންނަނީ ފިލްމެއްގެ މަސައްކަތް ފަށާފައެވެ. މި ފިލްމު ޑައިރެކްޓު ކުރާނީ ދާދި ފަހުން ނެރުނު ހިޓް ކޮމެޑީ ފިލްމު "ބްލެކެނިން"ގެ ޑައިރެކްޓަރު ބްރާޔަން ޑޮބިންސްއެވެ.

މި ފިލްމަކީ އޮރިޖިނަލް ހާދިސާ އަސްލަކަށް ބަލައި ބަދަލުތައް ގެނެސް ތައްޔާރުކުރާ ހިޔާލީ ފިލްމެކެވެ. އެހެންވީމާ ހަގީގީ ހާދިސާއަށް އުނި އިތުރުތައް ގެނައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުުތަކެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ. އެގޮތުން ފިލްމުގެ ކާސްޓުވެސް އަދި އިއުލާނު ކޮށްފައި ނުވާއިރު އަދި ކުރިއަށް ދަނީ ސްކްރިޕްޓުގެ މަސައްކަތެވެ.

comment ކޮމެންޓް