އަޒުހަރުން ޖާގަ ހޯދުމަށް ސައިކަލެއްގައި 4000 ކިލޯމީޓަރުގެ ދަތުރެއް ކޮށްފި

މިސްރުގެ އަޒުހަރު ޔުނިވަސިޓީން އިސްލާމީ ތައުލީމް ހާސިލުކުރުމަށް، ގިނީގެ ޒުވާނަކު ސައިކަލެއްގައި 4000 ކިލޯމީޓަރުގެ ދަތުރެއްކޮށްފިއެވެ.

ހުޅަނގު އެފްރިކާގެ ޤައުމެއްކަމަށްވާ ގިނީގެ ރައްޔިތެއް ކަމަށްވާ މަމަދޫ ސަފައޫ ބެރީ ވަނީ ގިނީން ފެށިގެން މިސްރާ ހަމައަށް ސައިކަލުގައި އައުމަށް ގިނަ ޤައުމުތަކެއް ހުރަސްކޮށް މިސްރުގެ އަޒުހަރު ޔުނިވަސިޓީން ޖާގަ ހޯދާފައެވެ.

އަޒުހަރު ޔުނިވަސިޓީން އޭނާއަށް ޖާގަ ދީފައިވަނީ ކިޔެވުމުގެ ޚަރަދުތައް ކަވާ ކުރާ ފުލް ސްކޮލާޝިޕަކާއެކުއެވެ.

އަޒުހަރުގައި ތައުލީމް ހާސިލުކުރުމުގެ މަޤްސަދުގައި މިސްރަށް ސައިކަލުގައި ދިއުމުގެ ދިގުދަތުރު އޭނާ ފެށީ މި އަހަރުގެ މެއި މަހު ކަމަށާއި، އޭނާގެ މިދަތުރުގައި، މާލީއާއި ބުރްކީނާ ފާސޯ، ނައިޖީރިއާ އަދި ޗާޑް ހުރަސްކުރަންޖެހުނު ކަމަށް އޭނާ ކިޔައިދީފައިވެއެވެ. ސިޔާސީ ހަމަނުޖެހުން ބޮޑުވެފައިވާ އެ ޤައުމުތައް އޭނާ ހުރަސްކުރިއިރު ތިން ފަހަރެއްގެ މަތިން ސިފައިން އޭނާ ހިފަހައްޓައި ބަންދުކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ.

އޭނާގެ މި ދަތުރު މީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ، ޗާޑުގައި އޭނާއާ ނޫސްވެރިޔަކާ ބައްދަލުވުމުން ކަމަށާއި، އެ ހިސާބުން އޭނާގެ ދަތުރުގެ މައުލޫމާތު ސޯޝަލް މީޑިއާގައިވެސް ދައުރުވި ކަމަށް އޭނާ ބުންޏެވެ. އެއާއެކު އޭނާ މިސްރަށް ދިއުމުގެ ފްލައިޓް ޚަރަދު މީހުންގެ އެހީތެރިކަމާއެކު ލިބިގެންދިޔަކަމަށާއި، މިކަމާގުޅިގެން އޭނާގެ މި ދަތުރުގައި، ހަމަޖުނެޖުން ބޮޑު ސޫދާނަށް އެތެރެވާން ނުޖެހި މިސްރަށް ފްލައިޓްގައި ދެވުނުކަން ފާހަގަކުރިއެވެ.

comment ކޮމެންޓް