ބައެއް މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުނުވޭ: ޓްރާންސްޕޭރެންސީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު، ބައެއް މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުނުވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

މިއަދު ވޯޓުލުން ފެށި ގޮތާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީއިން ނެރުނު ބަޔާނެއްގައި ވަނީ ވޯޓުލާ ފޮށިތަކުގެ 96 ޕަސެންޓް މަރުކަޒު ތައްޔާރުކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށެވެ. ނަމަވެސް ބާކީ ހަތަރު ޕަސެންޓު މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުނުވާ ކަމަށް ޓްރާންސްޕޭރެންސީގެ އޮބްޒާވަރުންނަށް ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ވޯޓުލުން ފެށިފައި ވަނީ ޖުމްލަ ގޮތެއްގައި ރަނގަޅަށެވެ. އެގޮތުން ހުރިހާ ވޯޓު ފޮއްޓެއްވެސް 9:00 ޖެހުމުގެ ކުރިން ހުޅުވާފައިވާ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

"މިގޮތުން ވޯޓުލާ މަރުކަޒުގެ ތެރެއިން ހުރިހާ މަރުކަޒުތަކުގައި 9:00ގައި ވޯޓުލާން ފަށާފައިވާއިރު، 94.3 ޕަސެންޓް ވޯޓުލާ މަރުކަޒުގައި ވޯޓުލާން ފަށަން ކަނޑައަޅާފައިވާ ގަޑީގެ 10 މިނެޓު ތެރޭ ވަނީ ވޯޓުލާން ފަށާފައެވެ." ބަޔާނުގައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށްދަނީ -- ސަން ފޮޓޯ/ ސަން ފޮޓޯ

މީގެ އިތުރުން އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ މަރުކަޒުތަކެއްގައި ވެސް ތިބި ކަމަށާއި 96 ޕަސެންޓް މަރުކަޒުތަކުގައި ފުކުހުން ވޯޓުލާ ސަރަހައްދުތަކުގެ ބޭރުގައި ހަރަކާތްތެރިވަމުންދާ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

މިއަދު ވޯޓުލުން ކުރިއަށްދާނީ 17:00އާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ އެއަށް ފަހު ކިޔޫ ބަންދުވާނެ ކަމަށާއި ވޯޓުލާން އިތުރު ވަގުތު ނުދޭނެ ކަމަށް ބުނެފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ.

comment ކޮމެންޓް