މެޓާއިން އޭއައި އެސިސްޓެންޓް ހިމެނޭ ސްމާޓް އައިނެއް ނެރެނީ

މެޓާއިން އޭއައި އެސިސްޓެންޓް ހިމެނޭ ސްމާޓް އައިނެއް ނެރެން ތައްޔާރުވެފައިވާކަން މާކް ޒަކަބާގް ވަނީ ހާމަކުރައްވާފަ --

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ ޑިޖިޓަލް އޭއައި އެސިސްޓެންޓް ހިމަނައިގެން ސްމާޓް އައިނެއް މެޓާއިން ނެރެން ތައްޔާރުވަމުންދާ ކަމަށް މެޓާގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވެއްޖެއެވެ.

ޒަކަބާގް ވިދާޅުވީ މިއީ އޭއައި ރޭހުގައި މެޓާއަށް ގެއްލުނު މަގާމު ހޯދަން ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ.

ޒަކަބާގް މިކަން ހާމަކުރެއްވީ ސިލިކަން ވެލީގައި ހުންނަ މެޓާގެ މައި އޮފީހުގައި ބޭއްވި އަހަރީ ޕްރޮޑަކްޓް އިވެންޓް ކަމަށްވާ ކަނެކްޓް ޑިވެލޮޕާސް ކޮންފަރެންސްގައެވެ.

"އޭއައިގެ ކުރިއެރުންތަކުގެ ސަބަބުން ތަފާތު (އެޕްލިކޭޝަންތައް) އަދި ޕާސަނާތައް އުފެއްދުމުގެ މަގު ފަހިވެގެންދާއިރު، އެކި ކަންކަން ހާސިލްކުރުމަށް އެހީތެރިވެދޭ،" ކޮންފަރެންސް ފައްޓަވަމުން ޒަކަބާގް ވިދާޅުވިއެވެ.

"އަދި ސްމާޓް އައިނުގެ ސަބަބުން މި ހުރިހާ ކަމެއް އެއްކޮށްލައިގެން ބޭނުން ކުރުމުގެ މަގު ފަހިވެގެންދާނެ،"

ސްމާޓް އައިނަކީ ޓެކް ކުންފުނިތަކުން ތަރައްޤީ ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާތަނަށް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާ އެއްޗެކެވެ.

އައިނު އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ކުންފުޏެއްކަމުގައިވާ 'އެސްސިލޯރުލަކްސޮޓިކާ'އާ ގުޅިގެން އުފެއްދި ސެކަންޑް ޖެނެރޭޝަން މެޓާ ރޭ-ބާން ސްމާޓް އައިނު މި މަހުގެ 17 ވަނަ ދުވަހު ބާޒާރަށް ނެރޭއިރު އެ އައިނުގެ ފެށޭ އަގަކީ 299 ޑޮލަރެވެ.

މި ސްމާޓް އައިނުން، އެ މީހަކަށް ފެންނަ އެއްޗެއް ވަގުތުން ވަގުތަށް ސްޓްރީމް ކުރުމުގެ ގާބިލުކަން ވެސް ލިބޭ ކަމަށް ޒަކަބާގް ވިދާޅުވިއެވެ.

މި ސްމާޓް އައިނުން އެ މީހަކަށް ފެންނަ އެއްޗެއް އަދި އަޑުއިވޭ އެއްޗެއް އޭއައި އެސިސްޓެންޓަށް ވެސް ފެންނާނެއެވެ. އެހެންކަމުން އޭއައި މެދުވެރިކޮށް އެކި ފޯމެޓްތަކަށް ބަދަލުކުރުމާއި، ޖަވާބު ދިނުމާއި، އެހެން މީހުންނާ ހިއްސާ ކުރުމުގެ ޤާބިލްކަން ލިބޭނެއެވެ.

މެޓާއިން ވަނީ ސްނޫޕް ޑޮގް، ޕެރިސް ހިލްޓަން އަދި ޔޫޓިއުބް ތަރި މިސްޓަ ބީސްޓް ފަދަ ތަރިންގެ މައްޗަށް ބިނާކޮށް "ޕާސަނަލިޓީސް" ތަކާއެކު ވަޓްސްއެޕް، މެސެންޖާ އަދި އިންސްޓަގްރާމް މެދުވެރިކޮށް މެސެޖް ކުރެވޭނެ 28 އޭއައި ކެރެކްޓާ ވެސް ތައާރަފުކޮށްފައެވެ.

ޒަކަބާގް ވަނީ ސްމާޓް އައިނު ބޭނުންކޮށްގެން ޗެޓްލޮގެއްގައި ޓައިޕްކޮށް، އޭއައިއަކާ މުއާމަލާތް ކުރެވޭނެ ގޮތް ދައްކާލައިފައެވެ.

މި އުފެއްދުމަކީ އޮގްމެންޓެޑް ރިއަލިޓީ އާއި ހިއުމަން-ކޮމްޕިއުޓާ އިންޓަރެކްޝަންގެ ރޮނގުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

comment ކޮމެންޓް