"މަންމީ..." ދާވިއަން ވަރަށް އުފާވެފައި ނިޔަމްއަށް ގޮވައިލިއެވެ.
ނިޔަމްގެ ދެލޯ ކަރުނުން ފުރޭކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ދެމީހުންގެ ގައިގައި ބައްދައިލިއެވެ.
********
ޒައިލްގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އޭނާއަށް އިރުކޮޅަކު ހުރެވުނެވެ. ނިޔަމްގެ ފަރާތުން އެފަދަ ކަމަކަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ކުއްލިއަކަށް ނިޔަމްގެ ހިތް ބަދަލުވީ ކީއްވެ ހެއްޔެވެ؟ ޒައިލް ކުރި ކުށަށް މައާފުކުރީ ހެއްޔެވެ؟ ޒައިލްއަށް ނުފެނުނީ ނިޔަމްގެ ކަރުނުން ފުރިފައިވާ ދެލޮލެވެ. ނޭނގުނީ އެ ހިތުގެ ޖަޒުބާތުތަކެވެ. އެހާ ކައިރީގައި ހުރެމެ، އެ އަންހެންކުއްޖާގެ ހިތުގެ ކެކުޅުމުގެ އަޑު އޭނާއަށް ނީވުނެވެ. ނިޔަމްގެ ހިތް ލޯތްބަށް އިންތިހާއަށް ބޭނުންވެފައިވާވަރު އިހުސާސެއް ނުކުރެވުނެވެ.
"ޏަމް..." ޒައިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
ނިޔަމްއަށް ހަމަހޭވެރިކަންވީ ދެނެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލާފައި، ކަރުނަތައް ހިންދައިލިއެވެ. ޖަޒުބާތުގައި ޖެހުނުވަރުން، ކުރެވުނު ކަންތައްވެސް އޭނާއަށް ނޭނގުނީއެވެ. އެހާ ފަސޭހައިން ޒައިލްއަށް މައާފުދޭކަށް ނިޔަމް ބޭނުމެއް ނުވެއެވެ. ނިޔަމްގެ އުނަގަނޑުގައި ހިފަހައްޓައިލުމަށް ޒައިލް އޭނާގެ އަތް އުފުލައިލިއެވެ. އެވަގުތު ނިޔަމް ކުއްލިއަކަށް ދުރަށްޖެހުނެވެ. އޭނާގެ އަމަލުތައް ހުރީ، ޒައިލްއާއި ގާތްވީ ދާވިއަން އުރާލުމަށްކަން ދޭހަވާފަދަ ގޮތަކަށެވެ. ނިޔަމް ދާވިއަން އުރާލިއެވެ. އެއަށްފަހު ޒައިލްއާއި ދުރަށްޖެހުނެވެ.
"މަންމި ދާން މިސްވީތަ؟..." ދާވިއަން ނިޔަމްގެ ކަނދުރާގައި ދެއަތް ވަށައިލިއެވެ.
"ލައްބަ ދޫނީ... ތީ މަންމިގެ ހުރިހާވެސް މީހަކީ... މަންމި ހަމައެކަނި ލޯބިވާ ކުއްޖަކީވެސް ތީ..." ނިޔަމް ގެއަށް ވަނުމަށް ހިނގައިގަތެވެ. އޭނާ ފަހު ޖުމުލަ ތަންކޮޅެއް ބާރަށް ބުނީ ޒައިލްއަށް އަޑު އިއްވައިލާށެވެ.
ޒައިލް ހިންދިރުވައިލީ އުނދަގޫ ގޮތަކަށެވެ. ނިޔަމް ގަސްދުގައި އޭނާގެ ހިތަށް ތަދުކޮށްލީކަން އެނގުނެވެ. އެކަމަކު، ދާވިއަންއަކީ ޒައިލްގެވެސް ދަރިއެކެވެ. ނިޔަމް އެކުއްޖާދެކެ ލޯބިވުމުން، ޒައިލްގެ ހިތަށް އުނދަގޫވާންވީ ސަބަބެއް ނެތެވެ. އަމިއްލަ ދަރިފުޅުދެކެ އޭނާވެސް އިންތިހާއަށް ލޯބިވެއެވެ. ޒައިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަމިއްލަ މޮޔަކަން ހިތަށް އަރާފައި ބޮލުގައި އަތުން ޖަހައިލެވުނެވެ.
"ޑެޑީ..." ދާވިއަން ޒައިލްއަށް ގޮވައިލިއެވެ.
ޒައިލް ފަހަތުން އަންނަން ފެށުމުން ނިޔަމް ބަލައިލިގޮތުން، ހުއްޓެން މަޖުބޫރުވިއެވެ.
"ޓޫ ޕޮއިންޓްސް..." ގޭތެރެއަށް ވަނުމުގެ ކުރިން ނިޔަމް ބުނެލިއެވެ.
މާޔޫސްވެފައި ހުރި ޒައިލް ކުއްލިއަކަށް އިސްއުފުލައިލިއެވެ. އޭނާގެ ދެލޯ ވިދައިލީ ނިޔަމް ހިނިތުންވެލިހެން ހީވުމުންނެވެ. ނިޔަމް ބުނި އެއްޗަކާއިމެދު އޭނާއަށް ވިސްނައިލެވުނީ މާ ފަހުންނެވެ.
"ވެއިޓް... ޓެންއަކުންތަ ޓޫ ޕޮއިންޓްސް؟..." ޒައިލް ގޮވައިލި ނަމަވެސް އޭނާގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ނިޔަމް ދޮރު ލައްޕައިފިއެވެ. "ޔެސް..." ކުޑަކޮށް ފުންމާލާފައި، އަތުން ހަރަކާތެއް ކޮށްލަމުން ޒައިލް ބުނެލިއެވެ. ނިޔަމްގެ އެ ޖުމުލައިން އޭނާގެ އުއްމީދު އައުވިއެވެ.
ސިޓިންގްރޫމަށް ދިޔައިރުވެސް ނިޔަމްއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. ޒައިލްއަށް ނޭނގުނަސް އޭނާގެ ހަރަކާތްތައް ނިޔަމްއަށް ފެނުނެވެ. ފުންމާލާފައި އުޅުނުގޮތުން އޭނާއަށް ސިފަވީ ކުޑަކުޑަ ދާވިއަންއެވެ.
"އައްދޭ... ކޮންކަމަކާ މާ ހެވިފަ؟..." ނިޔަމް ފެނުމުން، އަރުޝާ ދިމާކުރަން ފެށިއެވެ.
ދާވިއަން ދުވެލާފައި ގޮސް ލޫކްގެ ކައިރީގައި އިށީނެވެ. އަތުގައި ތަތްކޮށްފައި ހުރި ތަރިތައް ލޫކަށް ދައްކަން ފެށިއެވެ. ދާވިއަންއާއި ވާހަކަ ދައްކަމުންދިޔަ ނަމަވެސް، ލޫކްގެ ހުރިހާ ޝައުގުވެރިކަމެއް ހުއްޓިފައިވީ ނިޔަމްއަށެވެ. އަރުޝާ ބުނިހެން ނިޔަމްގެ މޫނުމަތިން އޭނާގެ އުފާވެރިކަން ސިއްރެއް ނުވެއެވެ. ނިޔަމް އުފާވާނީ ކޮން ކަމަކާއި ކަން ލޫކަށް އެނގޭ ކަހަލައެވެ. އޭނާގެ ހިތް ޒަހަމުވިއެވެ. ލިބުނު ހަނި ފުރުސަތުވެސް ގެއްލުނުހެން ހީވެ، ލޫކްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ހިތް ނުތަނަވަސްވިއެވެ. އުނދަގޫގޮތަކަށް ހިންދިރުވައިލެވުނީ ދުވަހަކުވެސް ނިޔަމްގެ ހިތުން ޖާގައެއް ނުލިބޭނެކަން ކަށަވަރު ވުމުންނެވެ.
"ހާދަ ބަނޑުހައިވެއޭ..." ނިޔަމް މައުޟޫއު ބަދަލުކޮށްލިއެވެ. "އުޅެބަލަ އަވަހަށް ކާން..."
"ހާދަ ހީވެއޭ އެކްސްމާކް ޖަހައިގެން އައިސް ހުރިހެން..." އަރުޝާ ދިމާކުރުން ހުއްޓައެއް ނުލިއެވެ.
ނިޔަމް ދެފަރާތަށް ބޯ ހޫރާލާފައި ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. ލޫކްވެސް ތެދުވެގެން ނިޔަމްގެ ފަހަތުން ދިޔައެވެ.
"ލެޓް މީ ހެލްޕް ޔޫ..." ނިޔަމްގެ ފަހަތުން ބަދިގެއަށް ވަންނަމުން ލޫކް ބުނެލިއެވެ.
ނިޔަމް ބޯ ޖަހައިލުމުން، ލޫކް ގޮސް ކަބަޑުން ތަށިތައް ނަގަންފެށިއެވެ. ނިޔަމް ހިފީ އުނދުންމަތީގައި އިން ތެލީގައެވެ. ތެލި އޭރުވެސް ހޫނެވެ. ކުޑަކޮށް ހަޅޭއްލަވައިގަނެފައި ނިޔަމްއަށް ތެލި އުނދުމަތީގައި ބޭންދުނީ ކިރިޔާއެވެ. އޭނާގެ އަތް އޮތީ ކޮންމެވެސް ވަރަކަށް ފިހިފައެވެ. ލޫކް ދުވެފައި އައިސް ނިޔަމްގެ އަތް ފުށް އެއްޗަށް ކޮށްޕައިލިއެވެ. އޭރު އަރުޝާވެސް އައިސް ބަދިގެއަށް ވަދެއްޖެއެވެ.
"އެވަރުގެ ކަމެއް ނޫނޭ..." ލޫކް މާ ވަރުން އުޅެން ފެށުމުން ނިޔަމްއަށް އުނދަގޫވިއެވެ. އަތް ދަމައިގަންނަން އުޅުނެވެ.
"އިހަށް މަޑުކޮށްލާ އަދި... ފޮޅު ނަގައިފިއްޔާ ވަރަށް ތަދުވާނެ..." ލޫކް ނިޔަމްގެ އަތުން ދޫކޮށްލާކަށް ނޫޅުނެވެ.
ލޫކްގެ ހަރަކާތްތަކަށް ބަލަން ހުރެފައި އަރުޝާއަށްވެސް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ލޫކަކީ އަހުލާގު ރަނގަޅު ރީތި ޒުވާނެކެވެ. ނިޔަމްދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަމަކު، ނިޔަމްގެ ހިތުން ލޫކަށް ޖާގައެއް ނުދެވޭނެކަން އެންމެ ރަގަޅަށް އެނގޭ އެކަކީވެސް ހަމަ އޭނާއެވެ.
"ގެނޭ އަހަރެން އަތަށް... ބޭސްކޮޅެއްވެސް ހާކާލަންވާނެ..." ނިޔަމްގެ އަތުގައި ހިފަހައްޓަމުން އަރުޝާ ބުންޏެވެ. "ލޫކް ދޭ މޭޒުމައްޗަށް އެއްޗެހިތައް ލާން..."
ލޫކް ދިޔުމުން، އަރުޝާ ކުޑަކޮށް ނުތަނަވަސްވެފައި ނިޔަމްއަށް ބަލައިލިއެވެ.
"އަހަންނަށް ހާދަ ބޭޑް ފީލްވެޔޭ... ލޯބިވާމީހާ ނުލިބުމަކީ ވަރަށް ދެރަވާނެ ކަމެއް..." ނިޔަމްގެ އަތް ސާފުކޮށްދެމުން އަރުޝާ ވާހަކަ ދެއްކިއެވެ.
"އަމިއްލަ ހިތުގެ މައްޗަށް ބާރު ފޯރުވޭނެނަމަ...." ނިޔަމް އިނީ ހިޔާލަކަށް ގެއްލިފައެވެ. "ސެކަންޑް ޗާންސެއް ދިނުމަކީ ކޮން ކަހަލަ ކަމެއްހެން ހީވަނީ؟..."
********
"ހީވަނީއެއް ނޫން ޔަގީންވަނީ..." ޝަރަފް ވާހަކަދެއްކީ އޭނާގެ ކުރިމަތީގައި އިން ޒައިލްއަށެވެ. "ތީ ސަތޭކައިގެ ކުރިއެރުމެއްނު..."
"އެކަމަކު ޓޫ ޕޮއިންޓޭ ދިނީ..." ޒައިލް ކަރު އެލުވައިލިއެވެ. "ސަތޭކައަކުން ދޭއް ވެއްޖެއްޔާ އަހަރެން އަދި ހާދަ މަސައްކަތެއް ކުރަންޖެހޭނެއޭ..."
"ހިނގާ ފަށަން..." ޝަރަފް ކޮޅަށް ތެދުވިއެވެ.
"ކޯއްޗެއް؟..." ޒައިލް ހައިރާންވެފައި ސުވާލުކުރިއެވެ.
"މަސައްކަތް...." ޒައިލްގެ އަތުގައި ހިފައި ކޮޅަށް ނަގަމުން ޝަރަފް ބުންޏެވެ. "ތިހެން އިނދެގެން އަދި ކުރިއެރުމެއް ލިބޭކަށް ނެތް..."
"ކޮން މަސައްކަތެއް؟..." ޒައިލް ހުރީ ވާނުވާ ނޭނގިފައެވެ.
"ތިވަރު މީހަކަށް ދެ ޕޮއިންޓް ލިބުނުކަންވެސް ރަނގަޅު..." ޒައިލްގެ ކޮނޑަށް އަތް އެއްލައި، ކަރަށް ވާންކޮށްލަމުން ޝަރަފް ބުންޏެވެ.
ޝަރަފް ދިޔައީ މާވިއްކާ ފިހާރައަކަށެވެ. ފިހާރައިގެ ބޭރުގައި ހުރި ޒައިލްގެ އަތުގައި ހިފައި ގަދަކަމުން ކަހަލަގޮތަކަށް އެތެރެއަށް ވެއްދިއެވެ. އެކި ކުލަކުލައިގެ ގުދުރަތީ މާމެލާމެލިން މުޅި ތަނަށް ދިރުންގެނުވާފައިވިއެވެ. ކައުންޓަރުގައި އިން ކުއްޖާގެ ކައިރީގައި ހުދުކުލައިގެ ފިނިފެންމަލުން މާބޮނޑިއެއް ތައްޔާރުކުރުމަށް ޝަރަފް އެދުނެވެ.
"މީގެ މާނަ އިނގޭތަ؟..." ޒައިލްއަށް މާތައް ދައްކައިލަމުން ޝަރަފް ބުންޏެވެ. ޒައިލް ބޯ ހޫރައިލިއެވެ. "އުއްމީދުގެ ހުޅުކޮޅު ދިއްލުން... މުޅިން އާ ފެށުމަކުން ފަށަން ބޭނުންވާކަން ބުނެދޭން ދޭ ސިގުނަލެއް މީ..."
ޒައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ބައެއްފަހަރު ޝަރަފް އުޅޭގޮތުން ހީވަނީ ޝާއިރެއްހެންނޭ ކިޔާ ދިމާކުރަން ފެށިއެވެ. މާބޮނޑި ތައްޔާރުކުރަން ހުރި ކުއްޖާވެސް ހުރީ ދެ އެކުވެރިންގެ ހަރަކާތްތައް ބަލާފައި ސިއްރުން ހޭށެވެ.
********
ނިޔަމްގެ ގޭ ދޮރުމަތީގައި ހުއްޓުނު ޒައިލް ހުރީ ފިނިވެފައެވެ. އަތުގައި އޮތް މާބޮނޑިއަށް ބަލަން ހުރެފައި އޭނާ ގޭގެ ބެލް ޖަހައިލިއެވެ. ދޮރު ހުޅުވުނީ ޒައިލް ހީކުރި ވަރަށްވުރެ އަވަހަށެވެ. ޝަރަފް އެދުނުގޮތަށް އޭނާ އަވަހަށް މާބޮނޑި ދިއްކޮށްލިއެވެ. ކުރިމަތީގައި ހުރީ ޒައިލް އުއްމީދުކުރި ސޫރައެއް ނޫނެވެ. ހަމައެހެންމެ، އޭނާ އެންމެ ދެކެން ބޭނުންނުވާ ސޫރައެވެ.
"ވާއު... ތޭންކްސް..." މާބޮނޑީގައި ހިފަމުން އާޔަތު ބުންޏެވެ. އޭނާގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ. "ހިނގާ އެތެރެއަށް..."
ޒައިލް ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. އާޔަތުގެ އަތުން މާބޮނޑި އަތުލާކަށް ނުކެރުނެވެ. އެއީ ނިޔަމްއަށް ގެނެސްދިން އެއްޗެކޭ ބުނާކަށްވެސް ނުކެރުނެވެ. ނިޔަމްއަށް އެ މަންޒަރު ފެނުމުގެ ކުރިން ޒައިލް އަވަހަށް ގޮސް ކާރަށް އެރިއެވެ.
"ކޮބާ ކިހިނެއްވީ؟..." ޒައިލް މާ އަވަހަށް އެނބުރި އައުމުން ޝަރަފް ސުވާލުކުރިއެވެ.
"ސުމަކުން ދިޔައީ..." ފުން ނޭވާއެއް ދޫކޮށްލަމުން ޒައިލް ބުންޏެވެ.
ޒައިލް ދިޔަ މަންޒަރު ބަލަން ހުރި އާޔަތުގެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ. މާބޮނޑިއަށް ބަލަން ހުރެފައި އޭނާގެ އަތް މުށްކަވައިލިއެވެ. މާތަކުގެ ތަނޑިތައް ބިންދައިގެން ދިޔައެވެ. އެއީ ޒައިލް ނިޔަމްއަށް ގެނައި އެއްޗެއްކަން އެނގިހުރެ އާޔަތު އޭގައި ހިފީ، ޒައިލްއަށް ލިބެންއޮތް ފުރުސަތު ގެއްލުވައިލުމަށެވެ. އާޔަތުގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ. ގޭތެރެއަށް ވަންއިރު، އޭނާ ހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ. ފަރުދާގެ ފުރަގަހުގައި ވަނީ އާޔަތުގެ މޮޅު ރޭވުންގަނޑެކެވެ. ނިޔަމްއަށް ކުޑަވެސް ހިލަމެއް ނުވާހައި ފުރިހަމައަށް ކަންކަން ވަނީ އަތުރައިލެވިފައެވެ.
"ކާކު އައީ؟..." ބަދިގޭގައި އުޅެފައި ނިޔަމް ބޯ ދިއްކޮށްލިއެވެ.
"ޒައިލް..." އާޔަތު އޭނާގެ އަތުގައި އޮތް މާބޮނޑި ނިޔަމްއަށް ދައްކައިލިއެވެ. "ފޯ މީ އޯ... ހީ އިޒް ސޯ ކިއުޓް..."
ނިޔަމް ހިނިތުންވެލީ ގަދަކަމުންނެވެ. އާޔަތުގެ ވާހަކަ ގަބޫލުނުކުރެވޭފަދައިން އޭނާ މާބޮނޑިއަށް ބަލަން ހުއްޓެވެ.
"އަހަރެން ބޭނުން އޭނައާ މެރީކުރަން... ދީބަލަ އޭނަ ސެޓުކުރާނެ މޮޅު އައިޑިއާއެއް..." ނިޔަމްގެ މޫނަށް ވެރިވާ އަސަރުތަކަށް ފާރަވެރިވެ ހުރެ، އާޔަތު ވާހަކަ ދެއްކިއެވެ. "ދާންގެ ބައްޕައާ ދިމާވިގޮތް ކިޔާދީބަލަ..."
ނިޔަމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވި ތަން ފެނުމުން، އާޔަތުގެ އެތެރެހަށި އަނދައިގަތެވެ. ދާވިއަންގެ ބައްޕައަކީ ޒައިލް ކަން އެނގުމުން، އޭނާގެ ހިތް ފުނޑުފުނޑުވިއެވެ. ކުރިން އޭނާއަށް އެނގިފައިވާ ގޮތުގައި ދާވިއަންއަކީ ބައްޕަ ނެތް ކުއްޖެކެވެ. ނުޒުހަތުގެ ވާހަކަވެސް ހުރީ އެފަދަ މޭރުމަކުންނެވެ. ނިޔަމް ކައިވެންޏެއް ކުރިކަމާއި، ދާވިއަންއަކީ އެ ކައިވެންޏަށް ލިބިފައިވާ ދަރިއެއްކަން އޭނާއަށް އެނގުނީ ކޯޓުގައި އުޅޭ އެކުވެރިއަކު މެދުވެރިކޮށް ހޯދި މައުލޫމާތުންނެވެ. ނިޔަމް އޭނާގެ ކައިވެނި ސިއްރުކުރަންޖެހޭ އެއްވެސް ސަބަބެއް އާޔަތަކަށް ނުވިސްނުނެވެ.
(ނުނިމޭ)